Post banner
ރާއްޖެ

ކުނިތަކެއްގެ ދަށުގައި މީހަކު މަރުވެފައި އޮއްވައި ފެނުނު މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ކުނިތަކެއްގެ ދަށުގައި މީހަކު މަރުވެފައި އޮއްވައި ފެނުނު މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

ފުލުހުންގެ އިދާރާ --- ފޮޓޯ: ރައްޔިތުންގެ ނޫސް

ތިލަފުށީގައި ހުންނަ ވެމްކޯގެ ސައިޓުގައި ކުނިތަކެއްގެ ދަށުގައި ބިދޭސީ މީހަކު މަރުވެފައި އޮއްވައި ފެނުނު މައްސަލައިގައި ވެމްކޯގައި މަސައްކަތް ކުރާ ބިދޭސީ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، ތިލަފުށި ވެމްކޯ ސައިޓްގައި މަސައްކަތް ކުރަމުން ދިޔަ ބަންގްލަދޭޝްގެ އަމީން މިއާ ގެއްލިގެން ހޯދަމުންދަނިކޮށް ނިޔާވެފައި އޮއްވާ ފެނުނު މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ، 32 އަހަރުގެ ސްރީލަންކާގެ ރައްޔިތެއް ކަމަށެވެ. އޭނާ އަކީ، ވެމްކޯގެ އެކްސްކަވޭޓަރ އޮޕަރޭޓަރެކެވެ.

އެހާދިސާ ހިނގާފައިވާ ގޮތާއި ގުޅޭ ގޮތުން ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖުގައި ވިދާޅުވީ، އަމީން މިއާ ނިޔާވުމަށް މެދުވެރިވެފައިވަނީ 2026 ޖެނުއަރީ 26 ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި ކުނި ޖަމާކޮށްފައިވާ ސައިޓްގެ ބައެއްގައި އެކްސްކެވޭޓަރަކުން ކުނި ނެގުމުގެ މަސައްކަތްކުރަނިކޮށް، އޭގެ ދަތްގަނޑުން ޖެހި ވެއްޓި، އެކްސްކެވޭޓަރުން ކުނިތައް އެތަނުގެ ކައިރިން އެހެން ދިމާލަކަށް ބަދަލުކުރުމުގެ ތެރޭގައި އެ މީހާގެ ހަށިގަނޑާއެކު ކުނިތައް ބަދަލުކުރެވި މީހާގެ ގައިމައްޗަށް ކުނިތަކެއް އެޅިގެން ހިނގި ހާދިސާއެއްގައި ކަމަށެވެ. ފުލުހުން ވިދާޅުވީ، ހާދިސާ ހިނގި ސަރަހައްދު ފެންނަ ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި، އެކްސްކެވޭޓަރުގެ ދަތްގަނޑުން އަމީން މިއާ ގައިގައި ޖެހުނު ނަމަވެސް މެދުކެނޑުމެއް ނެތި، މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

މިމައްސަލައިގެ މައުލޫމާތު ދިނުން ފުލުހުން ލަސްކުރަމުން ގެންދިޔުމާއި ގުޅިގެން ތަފާތު ގޮތްގޮތަށް މީޑިއާތަކުގައި ވާހަކަތައް ފެތުރުނު އިރު، އެކަމާއި ގުޅިގެން ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖުގައި ވިދާޅުވެފައި ވަނީ، މައްސަލައާ ގުޅޭ ޚަބަރުތައް ގެނެސްދޭއިރު، ރަސްމީ އިދާރާތަކުން ހާމަކުރާ ތަހުގީގީ ހޯދުންތަކަށް އިސްކަންދިނުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި އާންމުންގެ މެދުގައި ކުށްހީ އުފެދޭ ފަދަ ނުވަތަ ތަހުގީގަށް ހުރަސްއެޅިދާނެ ފަދަ ގޮތްގޮތަށް މައުލޫމާތު ފެތުރުމުން ދުރުހެލިވުމަށް ދަންނަވާ ކަމަށްވެސް ފުލުހުންގެ އިދާރާއިން ވިދާޅުވެފައި ވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް