Post banner
ރާއްޖެ

ގެއްލުނު ފަތުރުވެރިން ހޯދަން ހިންގާ އޮޕަރޭޝަންގެ މައުލޫމާތު ދޭނީ ރައީސް އޮފީހުން: އެމްއެންޑީއެފް

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ގެއްލުނު ފަތުރުވެރިން ހޯދަން ހިންގާ އޮޕަރޭޝަންގެ މައުލޫމާތު ދޭނީ ރައީސް އޮފީހުން: އެމްއެންޑީއެފް

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް --

ވ. އަލިމަތާ ކައިރިން ކަނޑުގެ 58 މީޓަރު ފުނުގައި ހުންނަ، ކަނޑުއަޑީގެ ހޮހަޅައަކަށް ޑައިވްކުރި 5 ފަތުރުވެރިންގެ ތެރެއިން 4 ފަތުރުވެރިން ގެއްލިފައިވާތީ އެމީހުން ހޯދުމަށް މިހާރު ކުރިޔަށް ގެންދާ އޮޕަރޭޝަންގެ މައުލޫމާތު ދޭނީ، ރައީސް އޮފީހުން ކަމުގައި އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފުން މިހެން ވިދާޅުވީ، ގެއްލުނު ފަތުރުވެރިން ހޯދުމަށް ކުރިޔަށް ގެންދާ އެ އޮޕަރޭޝަނުގެ އަދާހަމަ މައުލޫމާތު ހޯދުމަށް، ނޫސްވެރިން އެމްއެންޑީއެފާއި ސުވާލުކުރަން ފެށުމުން، މީޑިއާ ގުރޫޕަށް ފޮނުވި މެސެޖުގައެވެ،

މި އޮޕަރޭޝަނާއި ގުޅޭ ގޮތުން ފުލުހުންވެސް އިތުރު މައުލޫމާތެއް ނުދެއެވެ. އަދި މިހާތަނަށް ރައީސް އޮފީހުންވެސް އެ އޮޕަރޭޝަނާއި ގުޅޭ ގޮތުން މައުލޫމާތެއް ދީފައެއް ނުވެއެވެ.

އިޓަލީއަށް ނިސްބަތްވާ 5 ފަތުރުވެރިން، ކަނޑުއަޑީގައިވާ ހޮހަޅައަށް ޑައިވިނަށް ފޭބި ފަހުން އެމީހުންގެ ޚަބަރެއް ނުވެގެން އެމްއެންޑީއެފަށް ރިޕޯޓްކޮށްފައި ވަނީ އިއްޔެ މެންދުރުފަހު، 13:45 ހާއިރުގައި ކަމުގައި އެމްއެންޑީއެފުން ވިދާޅުވެފައިވެއެވެ.

ގެއްލުނު ފަތުރުވެރިން ހޯދުމަށް ފެށި އޮޕަރޭޝަނުގައި، ހޮހަޅައިގެ ތެރެއިން އެކެއްގެ ހަށިގަނޑުވަނީ ފެނިފައެވެ. އެމްއެންޑީއެފުން ވިދާޅުވީ، ހަށިގަނޑު ފެނިފައިވަނީ، އެމީހުން ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ސަފާރީގެ ޑައިވަރުންނަށް، އިއްޔެ އިރު އޮއްސި 18:13 ހާއިރު އެ ހޮހަޅައިގެ ތެރެއިން ކަމަށެވެ.

އެމްއެންޑީއެފުން އިއްޔެ ވިދާޅުވީ، ބާކީ ތިބި ހަތަރު ޑައިވަރުން ވީކަމަށް ލަފާކުރެވެނީ، ދިގުމިނުގައި ގާތްގަނޑަކަށް 200 ފޫޓު ހުންނަ މި ކޭވްގެ ތެރޭގައި ކަމަށެވެ. އަދި މިއީ ވަރަށް ނުރައްކާތެރި ހައި ރިސްކް އޮޕަރޭޝަނަކަށް ވަތީ، އެމްއެންޑީއެފް ކޯސްޓްގާޑުގެ އިތުރު ޑައިވަރުންނާއި ބޭނުންވާ ޚާއްޞަ ސާމާނު އިއްޔެ އެސަރަހައްދަށް ފޮނުވާފައިވާ ކަމުގައިވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.

މީގެ އިތުރުން މި އޮޕަރޭޝަން ނިމެންދެން އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޣާޒީ އެ ސަރަޙައްދުގައި ހަރަކާތްތެރިވާނެ ކަމުގައިވެސް އިއްޔެ އެމްއެންޑީއެފުން ވަނީ ވިދާޅުފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް