ޖެފްރީ އެޕްސްޓީންއަށް ކައުބާގެ އުރަކޮޅު، ކިސްވާގެ ބައެއް ދިންކަން ހާމަވެއްޖެ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ކަޢުބަތުﷲ ގެފުޅުގެ ފަރުދާކޮޅު ނުވަތަ ކިސްވާ ވިޔުމުގެ މަސައްކަތުގެ ތެރެއިން --- ފޮޓޯ ރައްޔިތުންގެ ނޫސް
ޖިންސީ ވަގުފާރި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުން އަދި މި ނޫންވެސް އެހެނިހެން ކުށްތައް ސާބިތުވެފައިވާ ޖެފްރީ އެޕްސްޓީންއަށް މުސްލިމުންނަށް އެންމެ މުޤައްދަސް ބިނާ ކަމުގައިވާ ކައުބާގެ އުރަކޮޅު (ކިސްވާ) ފޮތިކޮޅެއް ފޮނުވިކަން ހާމަވެއްޖެއެވެ.
އެޕްސްޓީން ފައިލްތަކުން ހާމަވާގޮތުގައި ޖެފްރީ އެޕްސްޓީންއަށް، ކައުބާގެ އުރަކޮޅު ކިސްވާގެ ބައިތަކެއް ފޮނުވާފައި ވަނީ އަޒީޒާ އަލް-އަހުމަދީ އާއި އަބްދުﷲ އަލް-މާރީ ނަމަކަށް ކިޔާ މީހަކާ ގުޅިގެންނެވެ.. މި މުއާމަލާތަކީ 2017 ވަނަ އަހަރުގެ ފެބްރުއަރީ އަދި މާރޗް މަހުގެ ތެރޭގައި ހިނގާފައިވާ މުއާމަލާތެކެވެ.

އެޕްސްޓީން ފައިލްތަކުގައި ހިމެނޭ އީމެއިލްތަކުން ހާމަވާ ގޮތުގައި ސައުދީ އަރަބިއާއިން ބްރިޓިޝް އެއާވޭސް މެދުވެރިކޮށް ފްލޮރިޑާއަށް މިތަކެތި ފޮނުވުމަށް ކުރި މުއާމަލާތްތަކުގެ ތެރޭގައި އިންވޮއިސް، ކަސްޓަމްސްގެ ލިޔުކިއުންތަކުގެ އިތުރުން، އެތަކެތި އެމެރިކާއަށް ގެންދިޔަ ޑެލިވަރީއާ ގުޅޭ މައުލޫމާތު ހިމެނެއެވެ.

އީމެއިލްތަކުން ހާމަވާގޮތުގައި "އާޓްވޯކް" ނުވަތަ ކުރެހުމުގެ ސާމާނުގެ ގޮތުގައި ކަސްޓަމްސްގައި ލިޔެކިޔުންތައް ތައްޔާރުކޮށްގެން ގެންދިޔަ މިތަކެތީގެ ތެރޭގައި ހިމެނެނީ ކައުބާގެ އެތެރެއިން ނަގާފައިވާ ފޮތިގަނޑަކާއި، ބޭރުގައި ބޭނުންކޮށްފައިވާ ކިސްވާއުރަކޮޅުގެ ބައެއްގެ އިތުރުން، އުރަކޮޅު ތައްޔާރުކުރާ ތަކެތިން ހަދާފައިވާ ނަމަވެސް ބޭނުންނުކޮށް އޮތް ބައެކެވެ.

މިތަކެތި އެޕްސްޓީންއަށް ލިބިފައިވަނީ 2017 ވަނަ އަހަރުގެ މާރޗްމަހުގައެވެ. އެއީ އޭނާގެ މައްޗަށް 2008 ވަނަ އަހަރު ކުރި ހުކުމް ތަންފީޒުކުރުމަށްފަހު، ކުށްވެރިއެއްގެ ގޮތުގައި ދަފްތަރުވެފައިވަނިކޮށެވެ.
ކައުބާގެ އުރަކޮޅު ކިސްވާ ކޮންމެ އަހަރަކުވެސް ބަދަލު ކުރާއިރު، ކައުބާއިން ނަގާ އުރަކޮޅުގެ ބައިތައް މުސްލިމް ޤައުމުތަކަށާއި މުސްލިމް ވެރިންނަށް ހަދިޔާކުރެއެވެ. އެހެން ނަމަވެސް ޣައިރު މުސްލިމަކަށް އަދި ޚާއްޞަކޮށް ބޮޑެތިކުށްތައް ކޮށްފައވާ މީހަކަށް ކިސްވާގެ ބައެއް ފޮނުވާފައިވާ މައްސަލައިގައި މުސްލިމުންގެ ނުރުހުން ވަނީ އަމާޒުވެފައެވެ.
ޖެފްރީ އެޕްސްޓީން އެންމެ ފުރަތަމަ ހައްޔަރުކޮށްފައިވަނީ 2008 ވަނަ އަހަރެވެ. އެއީ ކުޑަކުއްޖަކު ލައްވައި ހަށިވިއްކުވި މައްސަލައެއްގައި ފުރަތަމަ ފަހަރަށް ކުށް ސާބިތުވެގެންނެވެ. އޭރު އޭނާއަށް ލިބުނީ ވަރަށް ލުއި އަދަބެކެވެ.
ނަމަވެސް، އޭގެ 11 އަހަރު ފަހުން ފެޑެރަލް ފެންވަރުގައި އޭނާގެ މައްޗަށް ޖިންސީ ވަގުފާރީގެ އައު ތުހުމަތުތަކެއް ކުރެވި، އަލުން ހައްޔަރުކޮށް، އޭނާ ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.
ރަސްމީ އިދާރާތަކުން ކަށަވަރުކޮށްފައިވާ ގޮތުން، ޖެފްރީ އެޕްސްޓީން ވަނީ 2019 ވަނަ އަހަރު ނިއުޔޯކްގެ ޖަލެއްގެ ގޮޅިއެއްގައި އަމިއްލައަށް މަރުވެފައި އޮއްވާ ފެނިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް