ކުރީގެ މަޖިލިސް މެމްބަރު ރާމިޒު އަވަހާރަވެއްޖެ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
މުޙައްމަދު ރާމިޒު ގ. ލިފަދޫ ---
ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކަމާއި، އަދި ޤާނޫނު އަސާސީ އެކުލަވާލި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެމްބަރުކަންވެސް ކުރެއްވި، މުހައްމަދު ރާމިޒު އަވަހާރަވެއްޖެއެވެ.
ރާމިޒު ރޭ އަވަހާރަވިއިރު، އުމުރުފުޅަކީ 74 އަހަރުފުޅެވެ.
ރާމިޒުގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ، މިއަދުގެ ޢަސުރުނަމާދަށްފަހުގައި، މަސްޖިދުލްސުލްޠާން މުޙައްމަދު ތަކުރުފާނުލްއަޢުޡަމް (އިސްލާމީ މަރުކަޒު)ގައެވެ.
އަމިއްލަ ވިޔަފާރިވެސް ހިންގެވި ރާމިޒު، ރައްޔިތުންގެ މަޖިލީހުގައި ގއ. އަތޮޅު މެމްބަރުގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ 17 ވަނަ ދައުރާއި ހަމައަށް ހުންނެވިއެވެ.
ރާމިޒު އަވަހާރަވުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ ވަނީ ތަޢުޒިޔާ ވިދާޅުވެފައެވެ. އަބްދުއްރަހީމް އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، ރާމިޒަމީ އޭނާ އާއި އެއްފިކުރެެއްގައި (ޑީއާރްޕީގައި) ސިޔާސީ މަސައްކަތް ކުރެއްވި، ވަރަށް ޚިދުމަތްތެރި، ނުހަނު ސާދާ އަދި މަޑުމައިތިރި ކަމާ، ވިސްނުންތެރިކަމާއެކު ޢަމަލުތައް ބެހެއްޓެވި މެންބަރެއް ކަމަށެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާގައި ނުހަނު ޚިދުމަތްތެރި، އޭނާގެ ދާއިރާއަށް ވަރަށް ގިނަގުނަ ޚިދުމަތްތައް ކުރައްވާފައިވާ ބޭފުޅެއްކަންވެސް ޢަބްދުއްރަހީމް ފާހަގަކުރައްވާފައި ވެއެވެ.
ރާމިޒް އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވެސް ވަނީ ތަޢުޒިޔާ ފޮނުއްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް