ފައިނޭންޝަލް އެކްސްޕޯގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ(އެމްއެމްއޭ( --
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) އިން ބާއްވާ "މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2026" ގައި ބައިވެރިވުމަށް ޝައުގުވެރިކަން ފާޅުކުރުމުގެ މުއްދަތު އިތުރުކޮށްފިއެވެ.
މިގޮތުން، ބައިވެރިވުމަށް އެދި ހުށަހެޅުމުގެ އާ ސުންގަޑިއަކީ 6 ޖޫން 2026 އެވެ. މި އެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ 2 އިން 4 އަށް، ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.
މުއްދަތު އިތުރުކުރިކަން އެމް.އެމް.އޭ އިން އިއުލާނުކޮށްފައި ވަނީ އެކްސްޕޯގެ ރަސްމީ ސޯޝަލް މީޑިއާ މަންސަތައް މެދުވެރިކޮށެވެ. ނަމަވެސް، މި މުއްދަތު އިތުރުކުރި ސަބަބެއް އެ އިދާރާއިން ހާމަކޮށްފައެއް ނުވެއެވެ.
މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯއަކީ މާލީ ހިދުމަތްތައް ފޯރުކޮށްދޭ ގިނަ ފަރާތްތަކެއް އެއް ފުރާޅެއްގެ ދަށުން ބައްދަލުވާ ހަރަކާތެކެވެ. މި ހަރަކާތުގެ މައިގަނޑު މަގްސަދަކީ އާންމުންގެ މާލީ ހޭލުންތެރިކަން އިތުރުކުރުމާއި، މާލީ އިދާރާތަކުން ތައާރަފުކުރާ އާ ހިދުމަތްތަކާއި ޕްރޮގްރާމްތައް އާންމުންނަށް ދައްކާލުމަށް ފުރުސަތު ހޯދައިދިނުމެވެ.
މި އަހަރުގެ އެކްސްޕޯގައި، ބައިވެރިވާ މާލީ އިދާރާތަކުން މުޅިން އާ އުފެއްދުންތަކާއި ހިދުމަތްތައް ތައާރަފުކުރާނެ ކަމަށް ބެލެވެއެވެ. އެމް.އެމް.އޭ އިން މީގެ ކުރިން ދެ ފަހަރެއްގެ މަތިން މި އެކްސްޕޯ ބާއްވާފައިވެއެވެ.
މި އަހަރުގެ އެކްސްޕޯ ވަނީ ހަމައެކަނި މާލީ ދާއިރާގެ ބޭފުޅުންނަށްވުރެ ބޮޑަށް ފުޅާކޮށްފައެވެ. އެގޮތުން، އެކްސްޕޯގެ ތެރެއިން "ސުވެނިއާ ޑިޒައިން އެންޑް އާޓްވޯކް" މުބާރާތެއް ވެސް ވަނީ ހުޅުވާލާފައެވެ. މި މުބާރާތުގައި ފަންނުވެރިންނާއި ފަރުމާކުރާ ފަރާތްތަކަށް، ބޭނުންކުރުން ހުއްޓާލައި ކުދިކޮށްފައިވާ ބޭންކް ނޫޓުތައް ބޭނުންކޮށްގެން އުފެއްދުންތެރި ހިޔާލުތައް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
ފައިނޭންޝަލް އެކްސްޕޯއަކީ އާންމުންނާ ގުޅުން ބަދަހިކުރުމަށް އެމް.އެމް.އޭ އިން ކުރިއަށްގެންދާ އެންމެ މުހިންމު އެއް ހަރަކާތެވެ. މަރުކަޒީ ބޭންކުން މި ހަރަކާތް ބޭނުންކުރަނީ ދިވެހި ރައްޔިތުންނާއި މާލީ އިދާރާތަކާ ދެމެދު ގުޅުން އުފެއްދުމަށާއި، އަމިއްލަ މާލީ ކަންކަން ބެލެހެއްޓުމަށް ބޭނުންވާ ހޭލުންތެރިކަން އިތުރުކުރުމަށެވެ.
އެކްސްޕޯގައި ބައިވެރިވާން ބޭނުންވާ މާލީ އިދާރާތަކާއި ޖަމިއްޔާތަކަށް، 6 ޖޫން 2026 ގެ ކުރިން އެމް.އެމް.އޭގެ ރަސްމީ ވަސީލަތްތައް މެދުވެރިކޮށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް