ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމާޒުކޮށްގެން ހާއްސަ ތަމްރީން ޕްރޮގްރާމްތަކެއް ފަށައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމާޒުކޮށްގެން މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓް އާއި މޯލްޑިވްސް ޕޮލިޓެކްނިކް ގުޅިގެން ބާާއްވާ ތަމްރީން ޕްރޮގްރާމްތަކުގެ ތެރެއިން ---- ފޮޓޯ: މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓް
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހުނަރުތައް ތަރައްގީކޮށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށްޓަކައި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓް އާއި މޯލްޑިވްސް ޕޮލިޓެކްނިކް ގުޅިގެން ހާއްސަ ތަމްރީނު ޕްރޮގްރާމްތަކެއް ފަށައިފިއެވެ.
މިނިސްޓްރީގެ ފަރާތުން މައުލޫމާތުދޭ ގޮތުގައި، މި ތަމްރީނުތަކުގެ ތެރޭގައި ހިމެނެނީ ފޮޓޯގްރަފީ އަދި އާޓް ސްކިލްސްގެ ސެޓްފިކެޓް ލެވެލް 3 ގެ ކޯސްތަކެވެ. އަދި ކޯސްތަކުގައި ކިޔަވައިދިނުމާއި ދަރިވަރުންގެ ފެންވަރު ވަޒަންކުރުމުގެ އެންމެހައި ކަންކަން ބައްޓަންކޮށްފައިވަނީ، ބައިވެރިންގެ ހާއްސަ ބޭނުންތަކަށް ރިއާޔަތްކޮށް، އެފަރާތްތަކަށް އެންމެ ފަސޭހަވާނެފަދަ އިންތިޒާމުތަކަކާ އެކުގައެވެ.
ޖުމްލަ 22 ބައިވެރިންނާއެކު 06 މަސްދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ޕްރޮގްރާމްގެ ދަށުން ކުރިއަށްދާ ފޮޓޯގްރަފީ ކުލާސްތަކުގައި، ކެމެރާއާއި ފޮޓޯގްރަފީގެ ސާމާނު ބޭނުންކުރާނެ ގޮތުގެ އަމަލީ ތަމްރީނާއި، ފޮޓޯ އެޑިޓްކުރުމުގެ ހުނަރުތައް ބައިވެރިންނަށް ދަސްކޮށްދޭނެއެވެ.
ހަމައެއާއެކު، އާޓް ސްކިލްސް ކޯހުގެ ބައިވެރިންނަށް ކުރެހުމުގެ ފަންނާއި، ތަފާތު ވަސީލަތްތައް ބޭނުންކޮށްގެން އުފެއްދުންތެރި މަސައްކަތްތައް ކުރުމުގެ ތަމްރީނު ލިބިގެންދާނެ ކަމަށް މިނިސްޓްރީން ހާމަކުރިއެވެ.
މި ކޯސް ކާމިޔާބުކަމާއެކު ނިންމާލާ ދަރިވަރުންނަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ، އެމްކިއުއޭ ގަބޫލުކުރާ ލެވެލް 3 ގެ ސަނަދެއް ލިބިގެންދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް