ޖިންސީ ގޯނާގެ ތުހުމަތުވި ޓީޗަރަކަށް 60 އަހަރުގެ ޖަލުޙުކުމެއް އަންނާނެ ދަޢުވާތައްކޮށްފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
މ. އަތޮޅު މަދަރުސާ ---
ޖިންސީ ގޯނާގެ ތުހުމަތުވި ޓީޗަރަކަށް، ކުށް ސާބިތުވެއްޖެ ނަމަ މަދުވެގެން 60 އަހަރުގެ ޖަލުޙުކުމެއް އަންނާނެ ދައުވާތައް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ކޯޓަށް ހުށައަޅައިފިއެވެ.
ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވަނީ، އެދައުވާތައް އުފުލާފައި ވަނީ، މ. ކޮޅުފުށި، ސާދާގެ، ޝުޢައިބު ޢަބްދުﷲގެ މައްޗަށް ކަމަށެވެ. އޭނާ އަކީ، މ. ކޮޅުފުށީގައި ހުންނަ މ. އަތޮޅު މަދަރުސާގެ ހެލްތް އެންޑް ފިޒިކަލް އެޑިއުކޭޝަން ޓީޗަރެވެ. އޭނާގެ މައްޗަށް ތުހުމަތު ކުރެވިފައި ވަނީ، އެ މަދަރުސާގެ ދަރިވަރުންތަކަކަށް ޖިންސީ ގޯނާކޮށްފައިވާ މައްސަލައެވެ. އެގޮތުން ދެ ދަރިވަރަކަށް އޭނާ ޖިންސީ ގޯނާކޮށްފައިވާ ކަމަށް ޕީޖީގެ ބަޔާނުގައި ބުނެފައި ވެއެވެ. މިގޮތުން އެނާގެ މައްޗަށް ދައުވާތައް ކޮށްފައި ވަނީ، މ. އަތޮޅު މަދަރުސާގައި އޭނާ ކިޔަވައިދޭ 2 (ދޭއް) ކުއްޖެއް ގައިގާ ޖިންސީ ނިޔަތެއް އޮވެގެން އަތްލާފައިވާތީއާއި، އެކުދިންނަށް އޮރިޔާން މަންޒަރު ހިމެނޭ ވީޑިއޯ ދައްކާފައިވާތީކަމުގައިވެސް ޕީޖީގެ ބަޔާނުގައި ބުނެފައި ވެއެވެ.
ޝުޢައިބު ޢަބްދުﷲގެ މައްޗަށް ޖުމުލަ 5 ދައުވާއެއް ކޮށްފައި ވާއިރު، އެދައުވާތައް ހުށައަޅާފައި ވަނީ ކޮޅުފުށީ މެޖިސްޓްރޭޓް ކޯޓަށެވެ.
ޝުއައިބުގެ މައްޗަށް މިދައުވާތައް އުފުލިކަން ބަޔާންކޮށް ޕީޖީން ނެރުނު ބަޔާނުގައި، މީހެއްގެ މައްޗަށް ޖިނާއީ ދަޢުވާއެއް އުފުލުމުގެ މާނައަކީ އޭނާ ކުށްވެރިވުމެއް ނޫނެވެ. ދަޢުވާ ކޯޓަށް ހުށަހަޅަނީ، މައްސަލައިގައި ލިބިފައިވާ ހެކި ޤަރީނާއަށް ބަލައި، ދަޢުވާ ސާބިތުކޮށްދެވޭ މިންވަރަށް ހެކި ލިބިފައިވާކަމަށް ޕްރޮސިކިއުޓަރ ޖެނެރަލަށް ފެނިވަޑައިގަތުމުން ކަމަށާއި، މީހަކު ކުށެއްކޮށްފިކަން، އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި، ޝަރީޢަތުގައި ސާބިތުނުކުރެވޭ ނަމަ އެ މީހަކީ ކުށެއް ނެތް މީހަކު ކަމުގައި ބެލުމުގެ ޙައްޤު ލިބިގެންވާކަމަށް ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާކަން ވަނީ ފާހަގަކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް