އަނެއްކާވެސް ފުލުހުންގެ ބަންދުގައި ހުރި މީހަކު މަރުވެއްޖެ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ފުލުހުންގެ މައި އިދާރާ --- ފޮޓޯ: ރައްޔިތުންގެ ނޫސް
މާލެ ކަސްޓޯޑިއަލް ގައި ފުލުހުންގެ ބަންދުގައި ހުރި މީހަކު އިއްޔެ މަރުވެއްޖެއެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވީ، މާލެ ކަސްޓޯޑިއަލް ގައި ފުލުހުންގެ ބަންދުގައި ހުރި މީހަކު ބަންދު ގޮޅީގައި ހަބަރު ހުސްވެފައި އޮއްވާ ފެނިގެން 2026 އޭޕްރީލް 24 ދުވަހުގެ މެންދުރު އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި، ހޮސްޕިޓަލަށް ގެންދިޔައިރުވެސް އެމީހާ އޮތީ ނިޔާވެފައި ކަމަށެވެ.
ނިޔާވެފައިވަނީ ކޯޓަށް ހާޒިރުކުރުމަށްޓަކައި ފުލުހުންގެ މައްޗަށްކޮށްފައިވާ އަމުރަކާގުޅިގެން ބަންދުގައިހުރި 45 އަހަރުގެ ދިވެހި ފިރިހެނެއް ކަމުގައިވެސް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.
މި ހާދިސާގެ މައުލޫމާތު ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އަދި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އަށް މިހާރު ވަނީ ހިއްސާކޮށްފައި ކަމަށާއި، މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.
ފުލުހުންގެ ބަންދުގައި، މާލޭ ކަސްޓޯޑިއަލްގައި ބަހައްޓާފައި ހުރި މީހަކު މިމަހުގެ 15 ވަނަ ދުވަހުވެސް ވަނީ ނިޔާވެފައެވެ. އެމީހާވެސް ފެނިފައި ވަނީ އެމީހާ ބަންދުކޮށްފައި ހުރި ގޮޅީގެ ތެރެއަށް ވެއްޓިފައި އޮއްވައެވެ. އެމީހާވެސް ހޮސްޕިޓަލަށް ގެންދެވުނު އިރު އޮތީ ނިޔާވެފައެވެ.
ދެހަފްތާގެ ތެރޭގައި މާލޭ ކަސްޓޯޑިއަލްއިން ދެމީހަކު މަރުވި އިރު، މިމައްސަލަތައް ތަޙްޤީޤުކުރަމުންދާކަމަށް ބުނުން ފިޔަވައި އިތުރު މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް