ދެ އިންތިޚާބު އެއްކުރުމުގެ ބޭނުމަކީ ޚުދުމުޚުތާރު ވެރިކަމަކަށް މަގުފަހިކުރުން: މެމްބަރު ޣަފޫރު
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު ޢަބްދުލް ޤަފޫރު މޫސާ --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ރިޔާސީ އިންތިޚާބު އެއްކޮށްލައިގެން ބޭއްވުމަށް ސަރުކާރުން މިކުރާ މަސައްކަތަކީ، ޚުދު މުޚުތާރު ވެރިކަމެއް ޤާއިމް ކުރުމަށް ސަރުކާރުން ކުރަމުން އަންނަ ސިލްސިލާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ބައެއް ކަމުގައި، ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު ޢަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޣަފޫރު ވިދާޅުވީ، ގޯސްކޮށް ޤާނޫނު އަސާސީއާއި ކުޅުމާއި، ޤާނޫނު އަސާސީގައި ކަނޑައަޅާފައިވާ ދައުރުތައް ކުރުކޮށް ދިގު ކުރުމަކީ (ސަރުކާރަށް އެކަމުގެ) އެއްވެސް މަންފާއެއް އޮތްކަމެއް ނޫންކަން ރައްޔިތުންނަށް ދެއްކުމަށްޓަކައި ސަރުކާރުން މިއަންނަނީ މަސައްކަތް ކުރަމުން ކަމަށެވެ.
ޣަފޫރު ވަނީ، ސަރުކާރުން މިގެންނަ ބަދަލުތަކަކީ، އޭގައި ފޮރުވިފައިވާ އެހެން އެޖެންޑާއެއް އޮތް ކަމެއް ކަންވެސް ފާހަގަކުރައްވާފައެވެ. މިގޮތުން މިހިނގާ ރިޔާސީ ދައުރު ދިގުކުރުމަށް ސަރުކާރުން މަސައްކަތް ކުރާކަމުގައިވެސް ޣަފޫރު ވަނީ ތުހުމަތު ކުރައްވާފައެވެ. އެކަމަށް ބާރުލިބޭ ހެއްކެއްގެ ގޮތުގައި ޣަފޫރު ފާހަގަކުރައްވާފައި ވަނީ، ރިޔާސީ ދައުރުގެ މުއްދަތުގެ ތެރޭގައި ނުކުރެވޭނެ ކަންކަން ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި ފާހަގަކުރެއްވުމެވެ. މިގޮތުން 10 ރިސޯޓު ހަދައި، 2030 ވަނަ އަހަރުންފެށިގެން، ދިވެހި ކޮންމެ ރައްޔިތެއްގެ އެކައުންޓަށް 400 ޑޮލަރު ޖަމާކޮށްދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ އިޢުލާނުކުރައްވާފައިވާކަން ޣަފޫރު ފާހަގަކުރެއްވިއެވެ.
"ތިޔަ ބޭފުޅުން ވިސްނަވާ، އެންމެ ފަހުން އޮތް ރިޔާސީ ބަޔާނުގައި، 2030 ވަނަ އަހަރު ކޮށްދޭން ހުރި ކަންތަކުގެ ވާހަކަ ކިޔައިދެމުން އެ ގެންދިޔައީ، އެއީ، ދައުރުން ބޭރު އެއީ. އެހެންވީމާ މިކަން ރާއްވައި ހިންގާ ގޮތް، އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް ފެންނާން މިއޮތީ،" ޣަފޫރު ވިދާޅުވިއެވެ.
ޣަފޫރު ވިދާޅުވީ، ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވަނީ، ރާއްޖޭގައި އޮތް ޑިމޮކްރެޓިކް ވެށި ގެއްލުވާލައި، ޚުދުމުހުތާރު ވެރިކަމަކަށް ޤައުމު ބަދަލުކުރުމަށް ކަމަށެވެ. އަދި މިއަދު ފެނިގެން މިދިޔައީވެސް އެކަމަށްޓަކައި ރާވާފައިވާ ސިލްސިލާ ޕްރޮގްރާމެގެ ތެރޭގައި ހިމެނޭ ކަމެއް ކަމުގައިވެސް ޣަފޫރު ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލައިގެން ބޭއްވުމަށް ސަރުކާރުން ހުށައަޅާފައިވާ ބިލަށް މިއަދު ރައްޔިތުންގެ މަޖިލީހުގައި ވޯޓަށް އަހައި ފާސްކޮށްފައި ވާއިރު، އެބިލާއި އެއްގޮތަށް ޢަމަލު ކުރުމަށްޓަކައި، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާންޖެހެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް