ސިޔާސީ މުވައްޒަފުންގެ އަދަދު 14 ދުވަހުގެ ތެރޭގައި ހާމަކުރަން އަންގައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ---
ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު 14 ދުވަހުގެ ތެރޭގައި ހާމަކުރުމަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އަންގައިފިއެވެ.
އެމައުލޫމާތު މާދަމާއި ފެށިގެން 14 ދުވަހުގެ ތެރޭގައި، މައުލޫމާތު ހޯދުމަށް އެދިފައިވާ ފަރާތް އޮންލައިންނޫސް އަދަދަށް ފޯރުކޮށްދިނުމަށް އިންފޮމޭޝަން ކޮމިޝަނަރު އެންގެވީ، އެމައުލޫމާތު ނުދީގެން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް އަދަދު ނޫހުގެ ފަރާތުން ހުށައަޅާފައިވާ މައްސަލަ މިއަދު ބަލައި ނިންމެވުމަށްފަހުގައެވެ.
ސިޔާސީ މުވައްޒަފުންގެ އަދަދަު ހޯދުމަށް އަދަދު ނޫހުގެ ފަރާތުން ހުށައަޅާފައިވާ އާރްޓީއައިއަށް ޖަވާބު ދިނުމަށް، މިއަހަރުގެ މާރިޗު މަހުވެސް އިންފޮމޭޝަން ކޮމިޝަނަރު ރައީސް އޮފީހަށް އެންގެވިއެވެ. އެހެން ނަމަވެސް އެއާރްޓީއައިއަށް ޖަވާބު ދީފައި ވަނީ މިއަދު ކަމަށް، އަދަދު ނޫހުގެ ފަރާތުން މިއަދު ބޭއްވި ބައްދަލުވުމުގައި ވަނީ ފާހަގަކޮށްފައެވެ.
މައްސަލަ ބައްލަވައި ނިންމަވަމުން، އިންފޮމޭޝަން ކޮމިޝަނަރު ވިދާޅުވީ، އަދަދު ނޫހަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ދެއްވާފައިވާ ޖަވާބަކީ، ހޯދަން އެދިފައިވާ މައުލޫމާތު ނޫން ކަމަށާއި، އަދި ހޯދަން އެދިފައިވާ މައުލޫމާތަކީ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ޤާނޫނުގެ ދަށުން ފޯރުކޮށްދޭން ޖެހޭނެ މައުލޫމާތެއް ކަމަށެވެ.
"ޖަވާބުގައި މިވަނީ، މުވައްޒަފުންގެ ފެންވަރު ބަލައި މުރާޖައާ ކުރުމުގެ މަސައްކަތް މިވަގުތު ކުރިޔަށްދާތީވެ، އެކަން ނިމުމުން އެދިފައިވާ މައުލޫމާތު ހާމަކުރާނަމޭ، އެހެންވީމާ، އެއީކީއެއް ނޫން ހޯދަން އެދިފައި މިވާ މައުލޫމާތަކީ، އެހެންވީމާ ފެންވަރު ބެލުމުގެ މަސައްކަތް ކުރިޔަށް ދިޔަ ކަމުގައި ވިޔަސް ހޯދަން އެދިފައިވާ މައުލޫމާތު ދިނުމުގައި އެއަކާއި ހެދިއެއް ހުރަހެއް ނޭޅޭނެ." އިންފޮމޭޝަން ކޮމިޝަނަރު ވިދާޅުވިއެވެ.
މިސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަކުރުމަށް ސަރުކާރުން އަންނަނީ ދެކޮޅު ހަދަމުންނެވެ. އަދި ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަކުރާނެކަމަށް ބުނެ އެކި ތާރީޚުތައް ދިން ނަމަވެސް، ސަރުކާރުން ބުނި ތާރީޚުތަކުގައިވެސް އެމައުލޫމާތު ހާމަކޮށްފައެއް ނުވެއެވެ.
މިސަރުކާރަށް 2 އަހަރާއި 7 މަސްވެގެން ދިޔައިރު، މިސަރުކާރުގައި ތިބި ސިޔާސީ މުވައްޒަފުންގެ އަދަދު އެންމެ ފަހަރަކުވެސް ހާމަކޮށްފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް