މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
މެރިން ޕޮލިސްގެ ލޯންޗެއް --- ފޮޓޯ: މެރިން ޕޮލިސް
މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ކަނޑުމަތިން އޮޔާދަނިކޮށް ފެނިފައިވާ ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވެއްޖެއެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވީ، ކަނޑުމަތިން ފެނިފައި ވަނީ، ބިދޭސީ ފިރިހެނެއްގެ ހަށިގަނޑު ކަމަށެވެ. އެހެން ނަމަވެސް އެއީ ކޮންޤައުމެއްގެ މީހެއްކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެމީހާގެ ހަށިގަނޑު ފެނިފައި ވަނީ، ގުޅީފަޅުކައިރިން ކަނޑުމަތިން ކަމަށާއި، އެމީހާގެ ހަށިގަނޑު ފެނިފައި ވަނީ، މިއަދުގެ 13:21 ހާއިރުގައިކަމަށެވެ. އަދި އެމީހާގެ ހަށިގަނޑު ކަނޑުން ނަގައި އައިޖީއެމް ހޮސްޕިޓަލަށް ވަނީ ގެންގޮސްފައިކަމުގައިވެސް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.
މަރުވެފައި އޮތް ބިދޭސީއެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިފައި ވާއިރު، އއ. އަތޮޅުގެ ރަށެއްގައި ޗުއްޓީ ހޭދަކުރަމުން އައި ރަޝިޔާގެ ފަތުރުވެރިއަކު ގެއްލިގެން ވަނީ ރިޕޯޓްކޮށްފައެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެ މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން ކަމަށާއި، އަދި މި މައްސަލައާ ގުޅިގެން މައުލޫމާތު ލިބޭ ވަރަކުން އިތުރު މައުލޫމާތު ހިއްސާކުރަމުން ގެންދާނެކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް