ރާއްޖެ

ފައިނަލް ވޯޓާސް ލިސްޓް އާއްމުކޮށްފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ފައިނަލް ވޯޓާސް ލިސްޓް އާއްމުކޮށްފި

އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލުން ވޯޓުލާ މަރުކަޒެއްގެ ބޭރުގައި ވޯޓާސް ލިސްޓް ތަތްކުރަނީ --- ފޮޓޯ: އިލެކްޝަންސް ކޮމިޝަން

އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި، އާއްމު ޚިޔާލު ހޯދުމުގެ ވޯޓުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓް އިލެކްޝަންސް ކޮމިޝަނުން އާއްމުކޮށްފިއެވެ.

އެކޮމިޝަނުން ވިދާޅުވީ، 2026  އެޕްރީލް 4 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026 ގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓު އާއްމުކޮށްފައި ވަނީ މިއަދު ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގައި، ޖުމްލަ 299,876 މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބޭ ކަމަށެވެ. އޭގެތެރޭގައި ހިމެނެނީ 144,506 އަންހެނުންނާއި 150,370  ފިރިހެނުންނެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި، ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި 225 ދާއިރާއަކަށް 1,356 މެންބަރުން އިންތިޚާބު ކުރެވޭނެއެވެ. އަދި މި އިންތިޚާބުތަކުގައި ވޯޓުލުމަށް ޖުމްލަ 588 ވޯޓު ފޮށި ބަހައްޓާނެއެވެ.

ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓު ކޮމިޝަނުގެ ވެބްސައިޓު އަދި ދިވެހި ސަރުކާރުގެ ގެޒެޓުން ޗެކްކުރެވޭނެއެވެ. އަދި ވޯޓުލާން ދާންޖެހޭ ތަން  (VR (Space) ID number to 1414) އަށް އެސް.އެމް.އެސް ކޮށްގެން ޗެކްކުރެވޭނެ ކަމުގައިވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ހާމަކުރައްވާފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް