ރާއްޖެ

އެމްޕީއެލުން ވެސް ހަނގުރާމައާ ގުޅިގެން ހަރަދުކުޑަކުރުމުގެ ފިޔަވަޅުތަކެއް އަޅައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

އެމްޕީއެލުން ވެސް ހަނގުރާމައާ ގުޅިގެން ހަރަދުކުޑަކުރުމުގެ ފިޔަވަޅުތަކެއް އަޅައިފި

އެމްޕީއެލް ---- ގްރެފިކްސް: ރައްޔިތުންގެ ނޫސް

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައަށް މަހަކަށްވުރެ ގިނަ ދުވަސްވީފަހުން، އެ ހަނގުރާމައާ ގުޅިގެން ޚަރަދުކުޑަކުރުމުގެ ފިޔަވަޅުތަކެއް އެޅުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމް.ޕީއެލުން ވެސް ނިންމައިފިއެވެ.

އެމްޕީއެލްގެ ފަރާތުން މިއަދު ނެރުނު ބަޔާނެއްގައި ހާމަކޮށްފައިވަނީ ހަރަދުކުޑަކުރުމުގެ ގޮތުން ޝިފްޓް އުސޫލުން މަސައްކަތްނުކުރާ އިދާރީ މުވައްޒަފުންގެ ރަސްމީ މަސައްކަތު ގަޑި ކުރުކުރުމަށް ނިންމާފައިވާކަމަށެވެ. އެހެންކަމުން އެ މުވައްޒަފުންގެ މަސައްކަތު ގަޑިއަކީ ހެނދުނު 07:30 އިން މެންދުރު 02:00 އަށެވެ.

އަދި އޮޕަރޭޝަނަލް ޝިފްޓުގައި މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތު ގަޑިވެސް ދުވާލަކު އަށް ގަޑީއިރަށް ވުރެއް އިތުރުނުކުރުމަށް އެމްޕީއެލުން ވަނީ ނިންމާފައެވެ.

މީގެ އިތުރުން ރާއްޖެއިން ބޭރަށް ކޮންމެހެން ކުރަންޖެހޭ ރަސްމީ ދަތުރުތައް މެނުވީ އެހެން ދަތުރުތައް ނުކުރުމަށް ވަނީ ކަނޑައަޅާފައެވެ. މި ނިންމުމުގެ ތެރޭގައި ތަމްރީނު ޕްރޮގްރާމްތަކަށް ރާއްޖެއިން ބޭރަށް މުވައްޒަފުން ފޮނުވުމުގެ ބަދަލުގައި އެފަދަ ސެޝަންތަކުގައި އޮންލައިންކޮށް ބައިވެރިވުން ހިމެނެއެވެ.

އެމްޕީއެލްގެ ބަޔާނުން ހާމަވާ ގޮތުގައި މި ހިނގާ އޭޕްރީލް މަހުގެ 15 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މޯލްޑިވްސް މެރިޓައިމް ކޮންފަރެންސް ވަނީ ފަސްކޮށްފައެވެ. އެގޮތުން، އެ ކޮންފަރެންސް މިއަހަރުގެ އޮކްޓޯބަރު މަހުގެ 5 ވަނަ ދުވަހު ބޭއްވުމަށް މިހާރު ވަނީ ތާވަލުކުރެވިފައެވެ.

މީގެ އިތުރުން އެމްޕީއެލުން ވަނީ އެ ކުންފުނީގެ ހުރިހާ މުވައްޒަފުންނަށް ވެސް ވީހާވެސް ބޮޑަށް ކަރަންޓު ހަރަދުކުރުމަށް އިސްކަންދީ، އެ އުސޫލުން އަމަލުތައް ބެހެއްޓުމަށްވެސް އިލްތިމާސްކޮށްފައެވެ.

ހަރަދު ކުޑަކުރުމުގެ ގޮތުން އެމްޕީއެލުން ގިނަ ފިޔަވަޅުތައް އެޅި ނަމަވެސް، މާލޭ ވިޔަފާރި ބަނދަރުގެ މުދާ ބޭލުމާއި މުދާ ކްލިއާކުރުމުގެ މަސައްކަތްތައް ހިނގާ ވަގުތުތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ރައްޔިތުންނަށް ވަނީ ދީފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް