Post banner
ވާހަކަ

ދިގުވާހަކަ: ހިތާމައިގެ ރާނީ -11

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ދިގުވާހަކަ: ހިތާމައިގެ ރާނީ -11

ދިގުވާހަކަ: ހިތާމައިގެ ރާނީ

އޭޕްރީލް 24 ގެ އަދަދާއި ގުޅޭ...

"އަހަރެމެން ދަރިއެއް ފަދައިން ބަލައިދޭނަން. މި ކުއްޖާ އަހަރެމެންނަށް ދޭންވީނު." އާތިފާ އެހެން ބުނި އިރު، ބަދިގެއިން ބޯތައްޓެއް ހިފައިގެން އާޝިޔާއަށް އެދިމާއަށް އަންނަނީއެވެ. އޭނާ އެއް އަތުން ބޯތަށި ހިފާފައި ހުރި އިރު އަނެއް އަތުގައި ހެޔޮވަރުގެ ވަޅޯމަސްގަނޑެއްވެސް އޮތެވެ.

ބީފާނުގެ ބަސްހުއްޓުނެވެ. އޭނާ އެއްފަހަރު އާތިފާއަށް އަނެއްފަހަރު، އެމީހުން ތިބި ދިމާއަށް ހިނގާފައި އަންނަ އާޝިޔާއަށް ބަލާލިއެވެ. ރަނެއްމަލެއްފަދަ އެރީތި މޫނުގައި ވާ އުފާވެރިކަން ދުނިޔޭގެ ހުރިހާ ކަމަކާއި ނުބައްދަލެވެ. އެމޫނުގެ ރީތިކަމާއި އުޖާލާކަން ހަނދެއް ފަދައެވެ. ހިތް ނުތަނަވަސްވެ ހާސްވެފައިވާ ކޮންމެ މީހަކަށް އާޝިޔާގެ މައުސޫމު މޫނު ފެނުމާއި އެކު ހިތްހަމަ ޖެހުން ލިބޭނެކަން ޔަޤީނެވެ.

އާޝިޔާ އައިގޮތަށް އައިސް ބޯކޮށްފައި ބަނބުކެޔޮ ބޯތައްޓާއި ވަޅޯމަސްގަނޑު ދިއްކޮށްލީ މާމައަށެވެ.

"ދިޔޭ އަދި ތަބަކަކާއި، ބަދިގެއިން ފިޔޮއްސަކާއި ދެ ސަމްސާވެސް ގެނޭ." ބޯތަށީގައި ހިފަމުން ބީފާނު އަނެއްކާވެސް އާޝިޔާއަށް ބުންޏެއެވެ. ހީލާފައި އެއްޗެއް ނުބުނެ އާޝިޔާ އަނެއްކާވެސް ބަދިގެއާ ދިމާއަށް ހިނގައިގަތެވެ.

" ދައިތަ އެއްޗެއް ނުބުނީ ކީއްވެތަ؟" އިސްދަށަށް ޖަހާލައިގެން އިނދެ އާތިފާ ބުންޏެވެ.

" ދަރިފުޅާ! ތިޔަކަމާއި މެދު ބުނާނީ ކީކޭ! އާޝިޔާއަކީ އަދި ވަރަށް ކުޑަކުއްޖެއް. މަޔަކު ބަފަޔަކު ނެތް. ބޭބެ އެއޮތީ ބަލިތަންމަތިވެފާ. އަހަރެމެން ދެމީހުން މިތިބީ، އަދުތޯ މާދަންތޯވެފާ. މިކުއްޖާ ބޮޑުވާންދެން ދުނިޔޭގައި ލަހައްޓަވާތޯ ތާއަބަދުގެ ދުޢާއަކީ. މިއީ ވާލެއް އިޔާރެއް ހުރި ކުއްޖެއް ނޫން. މާދަމާވެސް އަހަރެން ލޯމަރާލައިފިއްޔާ، މިކުއްޖާ ފަކީރު ދުނިޔެއަށް ގިނަވީ." ލޮލުގެ ކޮޅުން ފޫދިގެން ދިޔަ ކަރުނަތައް ބީފާނުގެ މުސްކުޅިވެ ރޫޖެހިފައިވާ ކޯތާފަތްމައްޗަށް އޮހިގަތެވެ.

"ދައިތާ އަހަރެމެން އާޝިޔާ ރަނގަޅަށް ބަލައިދޭނަން. ކިޔަވައިދޭނަން. އަހަރެމެން މީ މައިންބަފައިން ނޫންކަމުގެ އިޙްސާސެއް ވިޔަކަ ނުދޭނަން." އާތިފާ އަނެއްކާވެސް ބުންޏެވެ.

"އާތިފާ! ދަރިފުޅަކީ، އަހަރެމެންގެ ބަފައިފަދަ ނައިބުބޭގެ ދަރިއެއް. އަހަރެމެންގެ ދިރިއުޅުން މިހާ ހިސާބަށް އައީވެސް ދަރިފުޅުގެ ބައްޕަގެ ހެވަތުގައި. ވީއިރު ދަރިފުޅުގެ އަތްމައްޗަށް އާޝިޔާ ދޫކޮށްލާކަށް ޖެހިލުމެއް ނެތް. އެކަމަކު ....." ބީފާނު ވާހަކަހުއްޓާލިއެވެ.

"އެކަމަކު ކިހިނެއްވީ ދައިތާ! ކަންބޮޑުވަނީ ކޮންކަމަކާ!" މިފަހަރު ވާހަކަ ދެއްކީ އިމާދެވެ.

"ރަޙްމާނުވެސް އެއޮތީ ބަލިތަންމަތީ. އަހަރެންނަށްވެސް މި އުޅެވެނީ ކީ ނޫން. ހަފަރާތުގައި އޮތް މަޖުބޫރު ހާލަތުގެ ސަބަބުން، ކަށިން ހިއްވަރު ނަގައިގެން މިއުޅެނީ. މަރުވާ ވަގުތުގައި ފެންފޮދެއް ދޭންހުރި ކުއްޖަކީވެސް އާޝިޔާ" ބީފާނު ކުޑަކޮށް ހިނދެމިލަމުން ބުންޏެވެ.

އާތިފާ ހިމޭންވިއެވެ. އިމާދު މަޑުމަޑުން އާތިފާގެ އަތުގައި ހިފާލިއެވެ. ދެމީހުންގެ ހިތުގެ އެންމެ ފުނަށްވެސް އެންމެ އަސަރުކުރީ ބީފާނު އެންމެ ފަހުން ބުނެލި ޖުމުލައެވެ. ބީފާނުގެ ގާތުގައި މާމަދަރިޔަކު އެބަހުއްޓެވެ. އެދެމީހުންގެ ގާތުގައި އެކަކުވެސް ނެތެވެ.

އާޝިޔާ ތަބަކެއްގެ ތެރޭގައި ތެލުލި ބަނބުކެޔޮ ބޯތައްޓެއް ބަހައްޓައިގެން އެ ތަބަކުގެ ތެރޭގައި ސަމްސާތަކާއި އެކު ކުޑަ ފިޔޮއްސެއްވެސް ބާއްވައިގެން އައިސް މާމަ ބީފާނަށް ދިއްކޮށްލިއެވެ. މާމައަށް އެ ދީފައި އާޝިޔާ ހިނގައިގަތީ ގިފިލިވަޅާއި ދިމާއަށެވެ.

ތަބަކުގައި ހިފާފައި ބީފާނު ކުރިން ގެނައި ބޯކެޔޮ ބޯތަށިވެސް އޭގެ ތެރޭގައި ބެހެއްޓިއެވެ. އަދި ފިޔޮހި ނަގައި ވަޅޯމަސްގަނޑު ސާފުކޮށްލުމަށް ފަހު ކުދިކުދިކޮށް ކޮށާލާފައި އިމާދާއި އާތިފާއަށް ކެއުމަށް ދައުވަތު ދިނެވެ.

 

މާފެނާއި ދިޔާހަކުރު އަޅައިގެން ބޯކޮށްފައި ހުރި، ބަނބުކޭލުގެ އެތިކޮޅެއް އިމާދު އޭނާގެ އަނގަޔަށްލުމާއި އެކު ހީވީ އަނގައިގެ ތެރެއަށް އެވިރިގެން ދިޔަހެނެވެ. އޭގެ ރަހަ މީރުކަމުން އިމާދު އަންތަރީސް ވިއެވެ.

"ދައިތާ މި ހާދަ މީރޭ. ދުވަހަކުވެސް ނުކަން މިހާ މީރުކޮށް ހަދާފައި ހުރި ބަނބުކޭލެއް." އިމާދު ތަޢުރީފު ކުރިއެވެ.

"ދައިތަމެން އުމުރު ހުސްމިކުރީ ދަރު އުނދުނު ބަދިގެއެއްގެ ތެރޭގައި އުޅެ. އެހެންވީމާ، ރަހަވެސް މީރުވާން ވާނެތާ؟" ބީފާނު ހީލަމުން ބުންޏެވެ.

ވާހަކައިގެ މައުޟޫއު ބަދަލުވުމާއި އެކުގައި ބީފާނުގެ މޫނުމަތިންވެސް ހިތާމައިގެ އަސަރު ފިލައި އުފާވެރިކަން ފެނިއްޖެއެވެ. އާތިފާ އާއި އިމާދާއި ދެމީހުން ތިބެގެން ކެއުމަށް އިންސާފުކުރަން ފަށައިފިއެވެ.

ބޭރުން މަގާވީފަރާތުން މީހުންތަކެއް ހޯބޯ ލަވާއަޑު އިވިފައި ގިފިލިވަޅު ދޮށުގައި ދާންނިން ފެންނަގަ ނަގާހުރި އާޝިޔާ ދާނިވަޅަށް ދޫކޮށްލާފައި ގޯތިން ބޭރަށް ދުއްވައިގެންފިއެވެ.

"ދިޔޭ! ކޮންތާކަށް ތިދަނީ" އާޝިޔާ ދާތަން ފެނިފައި ބީފާނު ގޮވާލިއެވެ. އެކަމަކު އެއަޑެއް އާޝިޔާއަކަށް ނުއިވުނެވެ. ގޭގެ ފުޅަލިގަނޑު ޖަހާފައި އާޝިޔާ މަގުމައްޗަށް ނުކުމެއްޖެއެވެ.

"ކޮންކަމެއް ލައިގަތީބާ! މަގުމަތީގައި މިހާ އަޑުގަދަވީ." ބީފާނު ބުންޏެވެ.

"އަނެއްކާ ކިނބޫ އެއްގަމަށް އެރީތަ؟" ސަމްސަލުގައި އޮތް ބަނބުކެޔޮކޮޅާއި އެކު ބޯތަށީގެ ތެރެއަށް ދޫކޮށްލަމުން ކަންބޮޑުވެފައި އާތިފާ ބުންޏެވެ.

"ކޮންތާކު އޮތް ކިނބުލެއް" ބީފާނު ހައިރާންކަމާއި އެކު އަހާލިއެވެ. ރަށު ގޮނޑުދޮށުން ކިނބުލެއް ފެނުނު ކަމުގެ ޚަބަރެއް އޭނާއަކަށް ލިބިފައެއް ނެތެވެ.

"ހެނދުނު ދައިތަމެން ތެލިތަށި ދޮވެގެން އެއްގަމަށް ދިޔަފަހުން، އެދިމާއިން ކިނބުލެއް ފެނުނީ. އާތިފާއަށޭ ފުރަތަމަ ފެނުނީވެސް." އިމާދު ދައިތައަށް ތަފްޞީލްކޮށްދިނެވެ.

"ސުބުޙާނައްﷲ. ހަމަ ތެދެއް. ތިޔަ މީހަކު ކައިގެން ކަންނޭނގެ އަނެއްކާވެސް މިރަށުން ފައިބާނީ." ބީފާނު ބުންޏެވެ.

"ކުރިންވެސް މިރަށަށް ކިނބޫ އެރިތަ" އިމާދު ސުވާލުކޮށްލިއެވެ.

"އިރުވައިގެ އޮޔާވައި ބަދަލުވީމާ ބައެއް އަހަރުތަކުގައި ތިޔަ މުސީބާތާއި ލައިގަނޭ. ދައިތަމެން ކުޑައިރު، މިރަށުން ދެމީހަކު ގެއްލުނު. އެފަހަރު ގެއްލުނު މީހުން ނުފެނުނަސް، ކިނބޫ އަރާފައި ހުރި ފިޔަވަޅުގަނޑުތައް ފެނުނު. އޭރު މީހުން ކިޔަނީ އެއީ ފުރޭތައޭ. އޭގެ ތަންކޮޅެއް ފަހުން ކިނބުލެއް ފެނިގެން، ކަތީބުބޭމެން ސިފައިންނަށް އަންގައިގެން ސިފައިން އައިސް އޭތި ހިފީ. ބިޔަ ބޮޑު އެއްޗެއް އެއީ. އިންސާނަކު ކައިލާނެ ޖެހިލުމެއް ނެތި." ދައިތަ ތަފްސީލްކޮށްދިނެވެ.

" އަހަރެންވެސް ވަރަށް ކުޑަކޮށް ހަނދާން ހުރޭ. އެފަހަރު ހިފި ކިނބުލަށް ކިހިނެއްތަ ހެދީ." އާތިފާ އޮޅުން ފިލުވިއެވެ.

ސިފައިން އައި ބޯޓަށް ލައިގެން ގެންދިޔައީ، ވިލުފުއްޓަށް. އޭގެފަހުން އެޔަށް ހެދިގޮތެއް ނޭނގޭ. މިރަށުން ގެންދިޔައިރު އޮތީ މަރުވެފާ. އޭރު އެ ހިފީ ކަންއިލިތަކާއި މަޑަތައް ޖަހައިގެން." އެދުވަހުގެ ހަނދާން އައުކުރަމުން ބީފާނު ކިޔައިދިނެވެ.

"މާމާ! މާމާ!" މާމައަށް ގޮވަމުން މަގުމަތިން ދުވަމުން އައިސް އާޝިއާ ގޯތިތެރެއަށް ވަދެއްޖެއެވެ. އެކުއްޖާފުޅު ހުރީ، މާނޭވާ އަރާފައެވެ.  

"ދިޔޭ ކިހިނެއް ވެގެންތަ އެއުޅެނީ." ބީފާނު ސުވާލު ކުރީ އަޑަށް ބާރުލަމުންނެވެ.

"ކަމަނާ ތުނޑިއަށް ބޮޑު ކިނބުލެއް އަރާފައި އޮއްވައި ހިފައިފިޔޯ! މާމާ ހިނގާބަލަ އޭތި ބަލާލަންދާން." އެއް ނޭވާއިން އާޝިޔާ ހުރިހާ ވާހަކައެއް ބުނެލިއިރު، އެތަނުގައި ތިބި އާތިފާ އާއި އިމާދުގެ މައްޗަކުން އޭނާ ހަނދާންނެތް ކަހަލައެވެ. ލިބުނު ޚަބަރުގެ ބޮޑުކަމުން އާތިފާ އާއި އިމާދާއި މެދު އޮތް ބީރައްޓެހިކަން އޭނާގެ ހިތުން ފިލީއެވެ.

"މާމައަކަށް ނުދެވޭނެ. ތިޔަ އެއްޗެއް މާމަފަހަތު އަޅުވާލައިފިއްޔާ މާމައަކަށް ނުދުވެވޭނެ، މާމަ ކައިލަފާނެ." އުޒުރުވެރިގޮތަކަށް ބީފާނު ބުންޏެވެ.

"ތިވާނީ ހަމަ އަހަރެމެންނަށް ފެނުނު ކިނބުލަށް ކަންނޭނގެ" އާތިފާ ތެދުވަމުން ބުންޏެވެ.

"އާނ! ހިނގާބަލަ ބަލައިލާންދާން. އާޝިޔާ ނުދާންނަންތަ އަހަރެމެންނާއިއެކު" އިމާދުވެސް ތެދުވަމުން ކުޑަކުޑަ އާޝިޔާއަށް ބުންޏެވެ. އާޝިޔާ ބަލާލީ މާމަގެ މޫނަށެވެ. ހިނިތުންވުމާއި އެކު މޫނުގެ އިޝަރާތުން އެމީހުންނާއެކު ދާށޭ ބީފާނު އާޝިޔާގާތުގައި ބުންޏެވެ.

"އެއީ މިހާވަރު ބޮޑު ކިނބުލެކޯ." އާޝިޔާ އޭނާގެ ކުޑަކުޑަ ދެއަށް ފުޅާކޮށްލަމުން ފުރަތަމަ ފަހަރަށް އިމާދާއި ވާހަކަ ދެއްކިއެވެ.

އިމާދު ދިއްކޮށްލި އަތުގައި ހިފާފައި އެމީހުންނާއި އެކު ދާން ހިނގައިގެންފައި އާޝިޔާ ފަސްއެނބުރި ބަލާލިއެވެ.

"މާމާ މިއަންނަނީ އިނގޭ. ކިނބޫ ބަލާލާފައި." އާޝިޔާ އޭނާގެ ޅަރާގުގައި ބުންޏެވެ.

އިމާދުގެ އަތުގައި ހިފައިގެން އާތިފާ އާއިއެކުގޮސް އާޝިޔާ ގޯތީގެ ފުޅަލިގަނޑުން ބޭރަށް ނުކުންނަންދެން ބީފާނު ބަލަހައްޓައިގެން ހުއްޓެވެ. އޭރު އޭނާގެ ހިތުގައި އެތައް އިޙްސާސްތަކެއް ހިނގަމުން ދިޔައެވެ.

(ނުނިމޭ)

މިވާހަކަ ކިޔުންތެރިންނަށް، ކަމުދާ ނަމަ މިވެބްސައިޓް ދެމެހެއްޓުމަށްޓަކައި، ކިޔުންތެރިންގެ އެހީތެރިކަމަށް އެދެމެވެ. ތިޔަބޭފުޅުން ދެއްވާ އެހީ ޖަމާކުރައްވާނީ "ސުލައިމާން މީޑިއާ"ގެ ބީއެމްއެލް އެކައުންޓް: 7730000814787 އަށެވެ. އަދި ކިޔުންތެރިން ދެއްވަން ބޭނުންފުޅުވާ، ޚިޔާލެއް އޮތް ނަމަ ވައިބާ ކުރައްވާނީ، ރައްޔިތުންގެ ނޫހުގެ ހޮޓްލައިން، 9415149 އަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް