classified
ވިކުރާ

ކަނޑަށް ވެއްޓުނު ކޮންޓައިނާތަކުގެ ތެރެއިން 3 ކޮންޓެއިނާ ގެއްލިއްޖެ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ކަނޑަށް ވެއްޓުނު ކޮންޓައިނާތަކުގެ ތެރެއިން 3 ކޮންޓެއިނާ ގެއްލިއްޖެ

މާލޭ ވިޔަފާރި ބަނދަރު --- ފޮޓޯ: އެމްޕީއެލް

ރޭ މާލެ ސަރަހައްދަށް މޫސުމް ގޯސްވި ވަގުތު، މާލޭ ކޮމާޝަލް ހާބަރުގެ ބޭރު ޖެޓީގައި އަޅާފައި އޮތް މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ބާޖަކުން ރޭ ކަނޑަށް ވެއްޓުނު 3 ކޮންޓައިނާއެއް ގެއްލިފައިވާ ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެހާދިސާގައި ޖުމުލަ 5 ކޮންޓެއިނާ ކަނޑަށް ވެއްޓުނު ކަމަށެވެ. އޭގެ ތެރެއިން 2 ކޮންޓެއިނާ ފެނިފައިވާ ކަމަށާއި އަނެއް 3 ކޮންޓައިނާ ހޯދުމުގެ މަސައްކަތުް ކުރަމުން އަންނަ ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، މާލޭ ވިޔަފާރި ބަނދަރުގެ ބޭރު ޖެޓީގައި އަޅާފައި އޮތް މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ބާޖަކުން ކޮންޓޭނަރުތަކެއް ކަނޑަށް ވެއްޓި، އޮޔާދާ ކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ ރޭގެ 23:10 ހާއިރު، އެ ކުންފުނިން ކަމަށެވެ.

ކަނޑަށް ވެއްޓުނު ފަސްކޮންޓައިނަުގެ ސައިޒެއް އަދި އެކޮންޓެއިނާ ތަކުގައި ހުރީ ކޮން ބާވަތެއްތޯ ސުވާލުކުރުމުން ފުލުހުން އެދުނީ އެމައުލޫމާތު އެމްޕީއެލްއިން އޮޅުން ފިލުވުމަށެވެ.

އެކޮންޓައިނާ ތަކުގައި ހުރީ ކޮންބާވަތެއްގެ މުދަލެއްތޯ އަދި އެއީ ކޮންސައިޒެއްގެ ކޮންޓައިނާތަކެއްތޯ ކުރި ސުވާލަށް އެމްޕީއެލްއިން ޖަވާބެއް ލިބިފައެއް ނުވެއެވެ.

ރާއްޖެއަށް މުދާ އެތެރެކުރުމުގައި އެމްޕީއެލްގެ މުވައްޒަފުންނާއި ގުޅިގެން ކުށުގެ ބޮޑެތި އަމަލުތައް ހިނގާތީ އެމްޕީއެލްގެ ތެރޭގައި ހިނގާ މިފަދަކަންކަމާއި މެދު އާއްމުންވެސް ބަލަނީ ޝައްކުގެ ނަޒަރަކުންނެވެ. އެމްޕީއެލްގެ ހުޅުމާލެ ބަނދަރުގައި ހުރި 40 ފޫޓު ދެ ކޮންޓެއިނާގެ ސިނގިރެޓް ވަގަށް ނަގާފައި ވާއިރު، އެއަމަލުވެސް ހިންގާފައި ވަނީ އެމްޕީއެލްގެ މުވައްޒަފުންތަކެއް ބައިވެރިވެ ދުރާލައި ރާވައިގެން ކަމަށް ތަޙްޤީޤަށް ވަނީ ހޯދިފައެވެ. އެމައްސަލައިގައި ހައްޔަރު ކުރި މީހުން ޝަރީޢަތްތައް މިހާރު ވަނީ ފަށާފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް