Post banner
ދުނިޔެ

މަސްޖިދު ނަމީރާ: އަހަރަކު އެއްދުވަހު ހުޅުވާ 4 ލައްކަ މީހުންގެ ޖާގައިގެ މިސްކިތެއް

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

މަސްޖިދު ނަމީރާ: އަހަރަކު އެއްދުވަހު ހުޅުވާ 4 ލައްކަ މީހުންގެ ޖާގައިގެ މިސްކިތެއް

މަސްޖިދުލް ނަމީރާ --

އެހެން މިސްކިތްތަކަށް ވުރެ، މަސްޖިދުލް ނަމީރާ ޚާއްޞަވާ ސަބަބުތަކެއް ހުރެއެވެ. އޭގެ ތެރެއިން އެންމެ މުހިއްމު އެއް ސަބަބަކީ، ހަތަރު ލައްކަ މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭ އެ ބޮޑު މިސްކިތަކީ، ކޮންމެ އަހަރަކުވެސް އެންމެ ދުވަހަކު ހުޅުވާ މިސްކިތެއް ކަމުގައި ވުމެވެ.

މަސްޖިދުއްނަމީރާ އާއްމުކޮށް ނަމާދުކުރުމަށް ހުޅުވާލަނީ، ކޮންމެ އަހަރެއްގެވެސް ހައްޖު ދުވަހުގައެވެ. އެދުވަހު ހައްޖު ޚުޠުބާ އިއްވާނީ އެ މިސްކިތުގައި މެދުރުނަމާދާއި ޢަސްރުނަމާދު އިސްކޮށް ޖަމުޢުކޮށް ކުރުމަށްފަހުގައެވެ. މަސްޖިދުލް ނަމީރާ ބިނާކޮށްފައި ވަނީ، ކީރިތި ރަސޫލާ ހައްޖަތުލްވަދާޢުގެ ޚުޠުބާ އިއްވެވުމަށް ހުންނެވިކަމަށް ސާބިތުވާ ތަނާއި ދާދި ގާތުގައެވެ. އެހެން ނަމަވެސް މި މިސްކިތުގެ އެއްބައި ހުންނާނީ ޢަރަފާތު ބިމުގައި ކަމަށާއި މިސްކިތުން ބައެއް ޢަރަފާތުގެ ސަރަހައްދުން ބޭރަށް ގޮސްފައިވެއެވެ. އެމިސްކިތުގައި ޢަރަފާތު ބިމުން ބޭރުގައިވާ ސަރަހައްދު، ފާހަގަކޮށްފައި ހުރެއެވެ.

ޢަރަފާތު ބިމުގައި އެންމެ ފުރަތަމަ މިސްކިތެއް ބިނާކުރީ މީލާދީ 9 ވަނަ ޤަރުނުގެ ތެރޭގައި ޢައްބާސީ ޚިލާފަތުގެ ދުވަސް ވަރުގައެވެ. މަސްޖިދުލް ނަމީރާއަކީ، މަސްޖިދުލް ޙަރާމް ފިޔަވައި، މައްކާގައި ހުންނަ ދެވަނައަށް އެންމެ ބޮޑު މިސްކިތެވެ.

Uploaded image

މިއަހަރުގެ ހައްޖުގެ އަޅުކަމުގައި މާދަމާ ހައްޖުވެރިން ޢަރަފާތަށް ޖަމާވާއިރު، މާދަމާގެ މެންދުރު ނަމާދަށް މަސްޖިދުލް ނަމީރާ އާއި މިސްކިތުގެ ސަރަހައްދުގެ 12000 ސްކޮޔާ މީޓަރުގެ ސަރަހައްދެއްގައި ވަނީ، މިހާރު ކާޕެޓް އަޅައި މިސްކިތް ތައްޔާރުކޮށްފައި ކަމުގައި ސަޢޫދީގެ ހައްޖާއި ބެހޭ އޮފީހުން ހާމަކޮށްފައި ވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް