Post banner
ރާއްޖެ

ރާއްޖޭގައި ބިނާ ކުރާ އެންމެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ރާއްޖޭގައި ބިނާ ކުރާ އެންމެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި

އިއްޔެ ބިންގާ އެޅި ރާއްޖޭގައި މިހާތަނަށް އިމާރާތްކުރާ އެންމެ ބޮޑު މިސްކިތް ހުންނާނެ ގޮތުގެ ކުރެހުމެއް --- ފޮޓޯ: މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް

ރާއްޖޭގައި މިހާތަނަށް އިމާރާތް ކުރާ އެންމެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފިއެވެ.

މިމިސްކިތަށް ދީފައިވާ ނަމަކީ، ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲއެވެ.

މި މިސްކިތް ބިނާކުރުމަށް ހަމަޖައްސާފައިވަނީ، ހުޅުމާލެ ފޭސް 2 ގައެވެ. މިސްކިތުގެ ބިންގާ އެޅުމުގެ ގޮތުން އިއްޔެ ހަވީރު ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ. މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ ޢިއްޒަތްތެރި ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އަދި  އައްރާޖިޙީ ކުންފުނީގެ ޗީފް އެގްޒެކްޓިވް އޮފިސަރ ބަންދަރު ޢަބްދުﷲ އައްރާޖިޙީގެ އިތުރުން ސަޢުދީ ޢަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަޙްޔާ ޙަސަން އަލްޤަޙްޠާނީއެވެ.

މިމިސްކިތް ބިނާކުރަނީ، ސަޢޫދީ އަރަބިއްޔާގެ އައްރާޖިހީ ކުންފުނީގެ އެހީތެރިކަމާއި އެކުގައެވެ. މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ހާމަކުރައްވާފައިވާ ގޮތުގައި، މި މިސްކިތަކީ ގިނަ ވަސީލަތްތަކަކާއެކު ބިނާ ކުރެވޭ މިސްކިތެކެވެ. އެގޮތުން ނަމާދުކުރާ ބައިގެ އިތުރުން އިސްލާމީ ޙަޟާރާތާއި ބެހޭ މަރުކަޒާއި، ޤުރުއާން މިއުޒިއަމްއާއި މަލްޓިޕާޕޯސް ހޯލަކާއި އިމާމު އަދި އިދާރީ އޮފީހާއި، ލައިބްރަރީ އަދި އެގްޒިބިޝަން ހޯލެއް ހިމެނޭނެއެވެ.

އިިއްޔެ މިސްކިތުގެ ބިންގާ އަޅާފައި ވީނަމަވެސް، މިސްކިތުގެ މަޝްރޫއަށް ހިނގާނެ ޚަރަދާއި، އަދި މިސްކިތުގެ މަސައްކަތް ނިމޭނެ ސީދާ ތާރީޚެއް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ހާމަކުރައްވާފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް