ކުރީގެ ޑީސީޕީ ޝަކޫރު އަވަހާރަވެއްޖެ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރާއި ދިވެހި ފުލުހުންގެ ޚިދުމަތުގައި 43 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) ޢަބްދުއްޝަކޫރު ޢަބްދުﷲ އަވަހާރަވެއްޖެއެވެ.
ޝަކޫރު އަވަހާރަވީ، މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ. ޝަކޫރު އަވަހާރަވީ، ކެންސަރުގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. އަވަހާރަވީ އިންޑިއާގެ ހޮސްޕިޓަލެއްގައެވެ.
ޝަކޫރު އާއިލާއިން ހާމަކޮށްފައިވާ ގޮތުގައި އެ އާއިލާއިން މަސައްކަތް ކުރަމުން އަންނީ، ޝަކޫރުގެ ހަށިގަނޑު މާލެ ގެނެސް މާލޭގައި ޖަނާޒާ ބޭއްވުމަށެވެ.
ނޮވެންބަރު 3 ގެ ޢުދުވާނީ ޙަމަލާއިން ރާއްޖެ ދިފާޢުކުރެއްވުމަށް ހިތްވަރާއެކު ޖިހާދުކުރެއްވި ދިވެހި ސިފައިންގެ ލަޝްކަރުގައި ހިމެނިވަޑައިގަތް، އަދި ރާއްޖޭގެ ޖަލުތަކުގެ ޙާލަތާއި އިންތިޒާމުތައް ރަނގަޅު ކުރެއްވުމާއި މަސްތުވާތަކެތީގެ ވަބާއިން ޤައުމު ސަލާމަތްކުރެއްވުމުގެ މަސައްކަތުގައިވެސް އިސް ދައުރެއް އަދާކުރެއްވި ޝަކޫރު، 43 އަހަރަށް ފަހު ޚިދުމަތުން ރިޓަޔާކުރެއްވީ 2009 ވަނަ އަހަރުގެ މާރިޗު މަހުގައެވެ.
ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) ޢަބްދުއްޝަކޫރު ޢަބްދުﷲ އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެއާއިލާއަށް ތަޢުޒިޔާ ވިދާޅުވެފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ތަޢުޒިޔާގެ މެސެޖުގައި، ވިދާޅުވީ، ޢަބްދުއްޝަކޫރު ޢަބްދުﷲއަކީ އެމަނިކުފާނުގެ މުޅި ޙަޔާތްޕުޅުގައިވެސް ޤައުމު އިސްކުރެއްވި އިޚުލާޞްތެރި ޚިދުމަތްތެރިއެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް