ރައްޔިތުންގެ މަޖިލީހަށް ނައިބު ރައީސަކު ހޮވަން މިއަދު 1:00ގައި ޖަލްސާއެއް ބާއްވަނީ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ރައްޔިތުންގެ މަޖިލިސް --
ރައްޔިތުންގެ މަޖިލީހުގެ އިތުރު ޖަލްސާއެއް މިއަދު ބާއްވާނެ ކަމުގައި، ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުން އިޢުލާނުކޮށްފިއެވެ.
މިއަދު 9:00 ގައި ބޭއްވުމަށް ހަމަޖެއްސި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ 5 މިނިޓްގެ ތެރޭގައިވަނީ ނިންމާލާފައެވެ. އެޖަލްސާ ނިންމާލީ، އެޖަލްސާއަށް މަޖިލީހުގެ ނައިބު ރައީސް އަދި ޕީއެންސީގެ މެމްބަރު ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަޙްމަދު ނާޒިމް އެ މަޤާމުން އިސްތިއުފާ ދެއްވައި އެކަން ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް އެންގެވުމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ ވިދާޅުވީ، މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަޤާމުން އިސްތިއުފާ ދެއްވިކަން، މަޖިލީހުގެ ނައިބު ރައީސް، އަޙްމަދު ނާޒިމް އަންގަވާފައި ވާތީ، މިއަދުގެ ޖަލްސާގައި އިތުރަށް ކުރާނެ މަސައްކަތެއް ނެތުމުން ޖަލްސާ ނިންމަވާލެއްވީ ކަމަށެވެ. އެހެން ނަމަވެސް މިއަދު މެންދުރު 1:00ގައި ރައްޔިތުންގެ މަޖިލީހުގެ އިތުރު ޖަލްސާއެއް ބާއްވާނެކަން، ޢަބްދުއްރަހީމް އިޢުލާނު ކުރެއްވިއެވެ. އެހެން ކަމުން މިޖަލްސާއަކީ، މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަޤާމަށް ބޭފުޅަކު ހޮވުމަށްޓަކައި ބާއްވާ ޖަލްސާއެކެވެ.
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަޤާމަށް، ޕީއެންސީގެ 4 މެމްބަރަކު ވާދަކުރައްވާނޭ ކަމުގައި، އަޑުތައް ފެތުރިފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް