ޒައިދާން ނިޔާވި ހާދިސާއަށް 2 އަހަރު: ސުވާލުތަކަށް ޖަވާބެއް ނެތް
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ރ. އުނގޫފާރު، ނިއުލައިފް، މުޙައްމަދު ޒައިދާން --- ފޮޓޯ: އެމްއެންޑީއެފް
ސިފައިންގެ ތަމްރީންތަކެއްގެ ތެރެއިން، ކަނޑުމަތީގައި ހިންގި ތަމްރީނެއްގައި، މިޔަރެއް ދަތް އެޅުމުގެ ސަބަބުން ލިބުނު ޒަޚަމްތަކާއި ގުޅިގެން، ރ. އުނގޫފާރު، ނިއުލައިފް، މުޙައްމަދު ޒައިދާން ނިޔާވިތާ މިއަދަށް 2 އަހަރު ފުރިއްޖެއެވެ.
ޒައިދާން ނިޔާވި ހާދިސާ އަކީ، އެ ހާދިސާ ހިނގިތާއި ގުޅިގެން، އެމްއެންޑީއެފްގެ އިޙްމާލުވުން އޮތް ކަމަށް ތުހުމަތު ކުރެވިފައިވާ ހާދިސާއެކެވެ. އެހެން ނަމަވެސް އެހާދިސާ އާއި ގުޅިގެން މީޑިއާތަކުން ކުރި ސުވާލުތަކަށް އެމްއެންޑީއެފުން އެއްވެސް ޖަވާބެއް ދީފައެއް ނުވެއެވެ. މީގެ އިތުރުން އެހާދިސާ އާއި ގުޅިގެން އެމްއެންޑީއެފްގެ އެތެރޭގެ ތަޙްޤީޤެެއް ހިންގި ކަމަށް ބުނިނަމަވެސް އެކަމާއި ގުޅޭ އެއްވެސް މައުލޫމާތެއްވެސް ހާމަކޮށްފައެއް ނުވެއެވެ.
މިދިޔަ އަހަރުގެ މެއި މަހުގެ 3 ވަނަ ދުވަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ބޭއްވެވި 14 ގަޑިއިރަށް ވުރެ ދިގު ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނާއި އެކަމާއި ގުޅޭ ގޮތުން ސުވާލު ކުރުމުން ވިދާޅުވެފައި ވަނީ، އެކަން ހިނގައިދިޔަ ގޮސް އެނގިވަޑައި ނުގަންނަވާ ކަމަށެވެ. އަދި އެކަން ބައްލަވާނެ ކަމުގައި ވިދާޅުވި ނަމަވެސް އޭގެ ފަހުން އެކަމާއި ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ރައީސުލްޖުމްހޫރިއްޔާވެސް އަދި އެމްއެންޑީއެފުންވެސް ހާމަކޮށްފައެއް ނުވެއެވެ.
ސްޕެޝަލް ބޯޓް ސްކޮޑްރަން ކޮލިފިކޭޝަން ކޯސް 1 ފުރިހަމަ ކުރަމުން ދިޔަ ކޯޕްރަލް މުޙައްމަދު ޒައިދާން ނިޔާވީ، ލ. މާވަށްކައިރިން ކަނޑުގެ ސަރަހައްދުގައި ހިންގި ތަމްރީންތަކެއްގައި 2024 ޖޫން މަހުގެ 24 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި އޭނާގެ ދެފައިގައި މިޔަރެއް ދަތްއެޅުމުގެ ސަބަބުން ލިބުނު ޒަޚަމްތަކަށް ގަން ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް އެދުވަހުގެ ރޭގެ ވަގުތެއްގައެވެ.
ޒައިދާންގެ މަރާއި ގުޅިގެން ކުރެވިފައިވާ އެންމެ ބޮޑު ތުހުމަތަކީ، އެފަދަ ހައިރިސްކު ތަމްރީންތަކެއްގައި ކުރިމަތިވެދާނެ ހާދިސާއަކަށް އެމްއެންޑީއެފުން ތައްޔާރުވެފައި ނެތްކަމުގެ ތުހުމަތެވެ. މީގެ އިތުރުން ހާދިސާ ހިނގުމާއި އެކު ޒައިދާންގެ ފުރާނަ ސަލާމަތް ކުރުމުގައި ކަންތައްތައް ހިނގައިދިޔަ ގޮތް ސިއްރުކޮށްފައި އޮތުމުގެ ސަބަބުން އެކަމުގެ ސުވާލުތައްވެސް އުފެދިފައިވެއެވެ.
ޒައިދާންގެ ޖަނާޒާ ރަސްމީ ޢިއްޒަތުގައި ބާއްވާފައި ވަނީ، 2024 ޖޫން 3 ވަނަ ދުވަހު، އޭނާގެ އުފަންރަށް އުނގޫފާރުގައެވެ.
20 ޖޫން 2019ގައި ދިވެހި ސިފައިން ޚިދުމަތާއި ގުޅުނު، ޒައިދާން ނިޔާވީ އޭނާގެ އުމުރުން 23 އަހަރުގައެވެ. ޒައިދާންއަކީ، ރ. އުނގޫފާރު، ނިއުލައިފް، އަޙްމަދު ނަޒީރާއި އައިމިނަތު ޙުސައިން މަނިކުގެ ތިން ދަރިންގެ ތެރެއިން އެންމެ ދޮށީ ފިރިހެން ދަރިފުޅެވެ. އަދި އެއާއިލާގެ ހުރިހާ ކަމެއް ބަރޯސާވެފައި އޮތީ، ޒައިދާނަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް