ވާހަކަ

ކުރުވާހަކަ: ބަދުނާމު (ފުރަތަމަބައި)

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ކުރުވާހަކަ: ބަދުނާމު (ފުރަތަމަބައި)

ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗުގެ ތެރޭގައި މީހުން ހޭލަ މޭލަވަމުން ދެއެވެ. ބަލިވެގެން ޑޮކްޓަރަށް ދައްކަން އައި މީހުންނާއި ޓެސްޓްތައް ހަދަން އައިސް އުޅޭ މީހުންނެވެ. ބަލިމީހުންނަށް ގޮވާލަން އައިސް އުޅޭ މީހުންނާއި އެނޫން ބޭނުންތަކުގައި އައިސް އުޅޭ މީހުންނެވެ. ކެޝުއަލިޓީ ޑޮކްޓަރުން ބައްލަވާ ކޮޓަރީގެ ދޮރުމަތީގައި ކިއުނަމްބަރު ޖެހޭނެ ވަގުތެއްގެ އިންތިޒާރުގައި އެތައް ބަޔަކު ތިއްބެވެ. އޭގެ ތެރޭގައި އެހީތެރިންނާއި އެކު އައިސްތިބި މީހުންނާއި އެކަނި އައިސްތިބި މީހުންތިއްބެވެ. އެކިއުމުރުގެ އެކި މީހުން ތިއްބެވެ. އެމީހުންގެ ތެރެއިން އެކަކީ ޝަފީޤެވެ.

ޝަފީޤަކީ އުމުރުން ދުވަސްވެފައި ހުރި ބަލިކަށި މީހެކެވެ. އިސްކޮޅުން ދިގަސް ނިކަމެތިކަމުން މޭކަށިގަނޑުގެ ކޮންމެ ކަށިކޮޅެއް ވަކިވަކިން އެނގޭހާވެއެވެ. ހަމުގެ ކުލަ ކަޅެވެ. އިސްތަށިގަނޑު ބުޅިއެވެ. ދިވެއްސަކަށްވުރެ ބޮޑަށް އޭނާ ވައްތަރީ އެފްރިކާ މީހަކާއެވެ. ހަޤީޤަތަކީވެސް އެއީ އެވެ. އޭނާ އަކީ ނަސްލު މަސްހުނިވެފައިވާ ދިވެހިންގެ ތެރެއިން އެފްރިކާގެ ދަރިކޮޅަކަށް ނިސްބަތްވާ މީހެކެވެ.

ޝަފީޤުގެ އެ ބުރު ސޫރައަކީ މުޖުތަމައުގެ ތެރޭގައި މަލާމާތާއި ފުރައްސާރަ ލިބެމުން އައި ބުރު ސޫރައެކެވެ. އެންމެ ޅަދުވަހުއްސުރެ ނަސްލީ ތަފާތުތަކުގެ ހިތިރަހަ އޭނާ އައީ ތަޖުރިބާކުރަމުންނެވެ. އެހިތްދަތިކަން ތަހައްމަލު ކުރަމުންނެވެ. އެންމެ ޅައިރުއްސުރެ ތަންގަނޑު މީހުން އޭނާއަށް ކިޔަމުން އައީވެސް ބަބުރު ޝަފީޤެވެ. ދިވެހިންގެ ތެރޭގައި އެފްރިކާ ނަސްލުގެ މީހުންނަކީ ހިތްހަރު އަނިޔާވެރި އަޚުލާޤު ނުބައި ބައެއްކަމުގައި ދިވެހި މުޖުތަމަޢު ތެރޭގައި ޤަބޫލުކުރެވިފައި އޮންނަ އޮތުމުގެ ސަބަބުން އޭނާއަށް ދިރިއުޅުމުގައި އެތައް ވޭނަކާއި ތުރާލެއް އުފުލަންޖެހުނެވެ. އޭނާގެ ހިތުގެ އީމާން ކިތަންމެ ވަރުގަދަޔަސް، ހިތް ކިތަންމެ އިޚްލާސްތެރިޔަސް އަދި  މީހުންނަށް ކިތަންމެ އޯގާތެރިޔަސް އެކަން އެކަކަށްވެސް ނުވިސް ނުނެވެ.

ނަމްބަރު ޖެހޭތޯ ޝަފީޤު ޑޮކްޓަރު ބަލާ ކޮޓަރީގެ ދޮރުމަތީގައި އިންނަތާ ދޮޅުގަޑިއެއްހާއިރުފަހުން އޭނާގެ ނަމްބަރާއި ހަމައަށް އަތުވެއްޖެއެވެ. އެކަމަކު ޝަފީޤު ހައިރާންވީ ބޯޑަށް އޭނާގެ ނަމްބަރު ނާރައި ދެން ޖެހިގެން އޮތް ނަމްބަރު އެރުމުންނެވެ. އޭނާގެ ނަމްބަރު ނާރުވައި ކިޔު ކުރިޔަށް ގެންދަން ފެށުމުންނެވެ. 65 އަހަރުން މަތީގެ މީހުންނަށް އިސްކަންދީ ޚިދުމަތް އަވަސްކޮށްދޭ ސިޔާސަތެއް ހޮސްޕިޓަލުގައި އޮތަސް އޭނާގެ ނަމްބަރަށްވުރެ ފަހަތު ނަމްބަރު ލިބުނު އުމުރުން ދުވަސްވީ މީހުންވެސް ޑޮކްޓަރަށް ދައްކާފައި ނުކުތުމުންނެވެ.

ބަލިމީހަކު ޑޮކްޓަރުގެ ކޮޓަރިން ނުކުތުމުން އިތުރު މީހަކު ވަނުމާއި ދެމެދުން ދަނޑިވަޅު ބަލާފައި ޝަފީޤު ޑޮކްޓަރުގެ ކޮޓަރިއަށް ވަނެވެ. ޑޮކްޓަރަށް ޝަފީޤު ފެނުމާއި އެކު ޑޮކްޓަރުގެ މޫނުގެ ކުލަ ދިޔައީ ބަދަލުވެގެންނެވެ. ނުރުހުމާއި އެކު ދެބުމަ ގޮއްޖަހާލުމުން ޝަފީޤުގެ ކިޔޫނަމްބަރު ޑޮކްޓަރު ގަސްދުގައި ނޭރުވީކަމެއް ޝަފީޤަކަށް ނުވިސްނުނެވެ. ޝަފީޤަށް އެކަން ވިސްނުނީ "ކަލެއަށް ފަރުވާދޭކަށް މަށެއް ނޫޅެމޭ، ރައްކާވާށޭ" ޑޮކްޓަރު ބުނުމުންނެވެ. ނުރުހުމާއި އެކު ޑޮކްޓަރު އެހެންބުނުމުން އެއްވެސް އެއްޗެއް ނުބުނެ ޝަފީޤު މަޑުމަޑުން ނުކުތެވެ. އޭރު އޭނާގެ ދެލޯވަނީ ފެންކަޅިވެފައެވެ. ހަށިގަނޑު ތުރު ތުރުއަޅައެވެ. ހިތާމައިންނެވެ. ހޮސްޕިޓަލުގެ މެނޭޖްމެންޓަށް ޝަކުވާ ހުށައަޅާކަށް އޭނާ ބޭނުމެއް ނޫނެވެ. ކެޝުއަލިޓީގައި އިނީ އެޑޮކްޓަރުކަން އެނގޭނަމަ ޑޮކްޓަރަށް ނުދެއްކުނަސް އޭނާ އެނބުރި ދިޔައީހެވެ. އެހެނީ އެދުލުން ނުރުހުމާއި މަލާމާތުގެ ބަސްތައް އަޑުއަހާހައި ހިއްވަރެއް ޝަފީޤުގެ ކިބަޔަކު ނެތެވެ.

ޝަފީޤު ހޮސްޕިޓަލުން ނުކުމެ މަޑުމަޑުން ހިނގަމުންދިޔައެވެ. އޭނާގެ މަންޒިލާއި ދިމާއަށެވެ. އޭނާގެ ގެއާއި ދިމާއަށެވެ. އޭނާގެ ގެއަކީ ބާޒާރުމަތީ އެސްޓީއޯ ފިހާރައިގެ ކައިރިން މަގުމަތީ ޕޭމަންޓެވެ. ދުވާލާއި ރޭގަނޑު ހަތަރު ދަމު އޭނާ އިންނާނީ އެތާނގައެވެ. ނޫނީ ބަންޑާރަ މިސްކިތުގައެވެ. ޖަލުން މިނިވަންވީ ފަހުން މިވީ ހަފްތާއެއްހާ ދުވަސް އޭނާ ވޭތުކުރީ އެތާނގައެވެ.

މާފަންނު ސަހަރާގެ އުތުރުން އޮތް މަގުން ޝަފީޤު މަޑުމަޑުން ހިނގަމުން ދިޔައީ ބާޒާރުމައްޗާއި ދިމާއަށެވެ. ސޮނީމިސްކިތް ފަހަނައަޅައި ތަންކޮޅަކަށް ދިޔުމަށްފަހު އޭނާ ހުއްޓުނެވެ. 10 ބުރިއަށް ހަދާފައި ހުރި އެންމެ މިޒަމާނުގެ ގެއެއްގެ ކުރިމައްޗަށެވެ. ދަގަނޑު ގޭޓެއްލައި ސެކިއުރިޓި ލޮކް ހަރުކޮށްފައިވާ އެގޭގެ ދޮރުމަތީގައި އޭނާ އިރުކޮޅަކު ހުއްޓި ހުއްޓެވެ. ގެއަށް ބަލާލި އެވެ. އެއަށްފަހުން ހިންދިރުވާލިއެވެ. ހިތްދަތި ކަމާއި މާޔޫސްކަމާއި އެކުގައެވެ. އެވަގުތު އެގޭޓު ހުޅުވުނެވެ. ކާރެއް ނުކުތެވެ. އެކާރުގައި ފަހަތުގައި އިނީ ޝަފީޤަށްވުރެ ތަންކޮޅެއް ހަގު އަންހެނެކެވެ. މުސްކުޅިވެ ލޯބޯކޮށިވެފައި ވިޔަސް އެއީ ކާކުކަން ދެނެގަންނާކަށް ޝަފީޤަކަށް ހިނދުކޮޅެއްވެސް ނުނެގިއެވެ. އެމީހެއްގެ އަލަތު އަނބިމީހާ އެމީހެއްގެ ހަނދާނުން ފިލާނީ ކިހިނެއްހެއްޔެވެ؟ އަހަރުތަކާއި މަސްތައް ފާއިތުވުމާއި ޒަމާނާއި ވަގުތު ބަދަލުވުމަކުން މާޒީއެއް ބަދަލެއް ނުވާނެއެވެ.

ކާރުގައި އިން އަންހެން މީހާއަށް ޝަފީޤު ނުފެނުނީ ކަންނޭނގެއެވެ. އޭނާ އަޅައެއް ނުލިއެވެ. ކާރު ގޮސް ގޯޅި އެޅުމުން ޝަފީޤު އަނެއްކާވެސް ގަނޑުވަރެއްހާ ބޮޑު އެގެއަށް ބަލާލިއެވެ. ޝަކުވާގެ ނަޒަރަކުން ނޫނެވެ. ކެތްތެރިކަމާއި ދަރީންނަށްޓަކައި ހިތުގައި އުތުރި އަރަމުން އައި ލޯތްބާއި ކެތްތެރި ކަމުގެ ނަޒަރުންނެވެ. އެއީ ޝަފީޤުގެ މައިންބަފައިންގެ ފުށުން ވާރުތަވި އަމިއްލަގެއެވެ. މީގެ 50 އަހަރު ކުރިން ޝަފީޤު އޭނާގެ އަނބިމީހާ އާއި ދަރީންނަށް އެގެ ހިބައިން ދިނީ އެމީހުންދެކެވާ ލޯބީގެ ސަބަބުންނެވެ. މިއަދުވެސް އެލޯބި އޮތީ އެގޮތަށެވެ. މުސްކުޅިވެ އެކަނި ހާލާއި ނޫޅެވޭ ވަރުވީ ދުވަހު މަގުމަތީގައި ނިދަންޖެހުނު ނަމަވެސް އޭނާގެ ޝަކުވާއެއް ނެތެވެ. އޭނާ އެތައް ޤުރުބާނީ އެއް ދަރީންނަށްޓަކައިވީ އެކުދީން އުފަލުގައި ދުނިޔޭގައި އުޅެން ބޭނުންވާތީއެވެ. އޭނާގެ މައިންބަފައިން އެގެ ބިނާކުރީ އޭނާއަށްޓަކައެވެ. އެހެންވީރު އެތަނުގައި ޝަފީޤުގެ ދަރިންނޫނީ ދެން އުޅޭނީ ކޮންބައެއް ހެއްޔެވެ؟ ޝަފީޤުގެ އެގެއަކީ އޭނާގެ ދަރިންގެ ތަނެކެވެ. ވީމާ އެކަމުގައި އޭނާގެ ޝަކުވާއެއް ނެތީއެވެ.

 ބާޒާރުމަތީ ފިހާރައެއްގެ އަސްކަނި ދޮށުގައި ޕޭމަންޓްމަތީގައި މުސްކުޅި ބައްޕަ ނިދިޔަސް އޭނާގެ ދަރީން ނިދާނީ އަރާމު ތަންމަތީގައެވެ. އެއަރކޯން ކޮޓަރީގައެވެ. އެކަމާއި ޝަފީޤުގެ ހިތަކު ޝަކުވާއެއް ނެތެވެ. ދަރިންނަށް ޝަފީޤުގެ ފުށުން އުނދަގުލެއް ވާކަށް އޭނާ ނޭނދެއެވެ. ދުނިޔެއަށް އޭނާވެފައިވާ ބަދުނާމާއި ހެދި ދަރީން ލަދުގަންނާކަށް އޭނާ ބޭނުމެއް ނޫނެވެ.

42 އަހަރު ފަހުން ޝަފީޤު ޖަލުން މިނިވަން ވީއިރު އޭނާގެ މަތިން ގިނަބަޔަކު ވަނީ ހަނދާންނެތިފައެވެ. އޭނާގެ ބަދަލުވެފައިވާ ހަށިގަނޑާއި ބުރުސޫރައިން އޭރު އެކު އުޅުނު ރައްޓެހިންނަށްވެސް އޭނާ އެނގޭވަރެއް ނުވިއެވެ. ޖަލުގެ އަނދިރީގައި އޭނާ ހޭދަކުރި 42 އަހަރު މުޖުތަމައާއި ވަކިވެފައި ވުމާއި އެކު އޭނާގެ ވާހަކަތައް މީހުންގެ ހަނދާނުން ނުފިލިޔަސް އޭނާގެ ސޫރަ މީހުންނަށް ބީރައްޓެހިވީއެވެ. އެޒަމާނަކީ މިޒަމާންފަދައިން މީޑިޔާގެ ވަސީލަތްތައް ކުރި އަރާ އާއްމުވެފައި ނުވާ ޒަމާނަކަށްވާތީ ވީގޮތް ކަމުގައިވެސް ވެދާނެއެވެ.

ޝަފީޤު އައިސް އެސްޓީއޯ ފިހާރައިގެ ޕޭމަންޓްމަތީގައި އިށީނެވެ. ބަނޑުހައިކަމާއި ކަރުހިއްކުމާއި އެކުގައެވެ. އެއްޗެއް ދޭނެ ނުވަތަ ދިއްކޮށްލާނެ މީހެއްގެ އިންތިޒާރުގައެވެ.

އަދިވެސް ޝަފީޤުގެ ސިކުނޑީގައި އެނބުރެމުން ދަނީ ޑޮކްޓަރުގެ ބަސްތަކެވެ. އެބަސްތައް ކިތަންމެ ހަރުކައްޓަސް އޭގައި ކިތަންމެ ނަފުރަތެއް އެކުލެވިފައިވިޔަސް އެކަމަށް ޝަފީޤު ކެތްކުރާނެއެވެ. އެހެނީ އެޑޮކްޓަރަކީ އޭނާގެ ދޮލޮލުގެ ކޮއި ފަދަ އޭނާގެ އަލަތު ދަރިފުޅު ފަޒްލާއެވެ. 42 އަހަރު ޝަފީޤު ޖަލުގައި އޮތީ އެދަރިފުޅުގެ ހައްޤުގައެވެ. އެކަން އެދަރިފުޅަކަށް ނޭނގޭނެއެވެ. އަދި އެކަން ދުނިޔެއެއްވެސް ނުދަންނާނެއެވެ. އެހެނީ އެހަޤީޤަތް ފާޅުވެ އޭނާގެ ދަރިފުޅުގެ ދިރިއުޅުން ބަރުބާދުވެދާކަށް އޭނާ ނޭދެއެވެ. އެދަރިފުޅުގެ އިއްޒަތާއި ކަރާމާތަށްޓަކައި އޭނާވީ އެބޮޑު ގުރުބާނީ އެދަރިފުޅަށް އެނގުމަކީ އޭނާއަށް ކެތްކުރެވޭނެ ކަމަކަށް ނުވާނެއެވެ. އެހެންނަމެވެސް އެދުވަސްތައްވެސް ފާއިތުވެ ދިޔައީއެވެ. ދެން އެހަޤީޤަތްތައް ފާޅުވުމުން ޝަފީޤަށް ލިބޭނެ ފައިދާއެއް ނޯންނާނެއެވެ. ލިބުނަސް އޭނާގެ ދަރިފުޅަށް ލިބޭނީ ގެއްލުމެކެވެ. ވާނީ ބަދުނާމެކެވެ. އެހެންކަމުން އެހަޤީޤަތްތައް ސިއްރެއްގެ ގޮތުގައި ޝަފީޤު ތާއަބަދަށް ދަމަހައްޓާނެއެވެ. އެހެނީ އޭނާ މަރުވުމުން އޭނާ އާއި އެކު އެސިއްރުތައް ވަޅުލެވި ހިނގައިދާނެއެވެ. އަދި އެހަޤީޤަތްތައް ވަޅުލެވި އަބަދުގެ އަބަދަށް މިދުނިޔެއަށް ގެއްލިދާނެއެވެ.

ޝަފީޤުގެ ހަޔާތުގައި ދެން މާގިނަ ދުވަހެއް އޮތްކަމަކަށް އޭނާއަކަށް އިހްސާސެއް ނުކުރެވެއެވެ. އެހެންކަމުން އޭނާ ކެތްކުރާނެއެވެ. އޭނާގެ އީމާންތެރިކަމާއި އިހްލާސްތެރިކަމާއި ތަޤުވާވެރިކަމާއި އޭނާގެ ކުށެއް ނެތްކަން އެހެންމީހުންނަށް ސާބިތުކޮށްދޭކަން އޭނާ ބޭނުމެއް ނޫނެވެ. އެއީ އޭނާގެ ހާލަށް ﷲ ތަޢާލާ މޮޅަށް ބައްލަވައި ވޮޑިގެންވާނެކަން އޭނާ ޤަބޫލު ކުރާތީއެވެ. އަދި އޭނާއަށްޓަކައި މިދުނިޔެއިން އިންސާފު ލިބޭނޭ މަގެއް ނެތަސް ޒައްރެއްގެ މިންވަރުންވިޔަސް ބޭއިންސާފެއް ނުވެވޭނޭ ދުވަހު ﷲ ތަޢާލާގެ ހަޟުރަތުގައި އޭނާއަށް އިންސާފް ލިބޭނެ ކަމަށް އީމާންވާތީއެވެ.

ޝަފީޤު ޕޭމަންޓް މަތީގައި އަޅާފައިވާ ބޯކަރުދާސް ގަނޑުގެ މަތީގައި އިށީނެވެ. ފާރުގައި ލެގިލިއެވެ. ވަރުބަލި ފިލުވާލުމުގެ ގޮތުންނެވެ. އެވަގުތު އެތަނަށް ސައިކަލުގައި އައީ ޕްލާސްޓިކް ކޮތަޅަކަށް ޕާރުސަލްތަކަކާއި ފެންފުޅިތަކެއް އަޅައިގެން އައި ދެޒުވާނުންނެވެ. ޝަފީޤާއި ތަންކޮޅެއް ދުރުގައި ޕޭމަންޓްމަތީގައި ތިބި ސަލާންޖަހާ މީހުންނަށް އެމީހުން އެތަކެތި ބަހަމުން އައިސް ޝަފީޤަވެސް ދިއްކޮއްލިއެވެ. ޝަފީޤު އޭގައި ހިފިއެވެ. އަދި އެޕާރުސަލުގެ މަތީގައި ޖަހާފައިވާ ނަން ފެނުމުން ޝަފީޤުގެ އަތުން ޕާރުސަލް ދޫވެގެން ނުވެއްޓުނީ ކިރިޔާއެވެ. ތަޤުދީރު ރާވާ ރޭވުންދެކި ބަލާށެވެ. އޭނާއަށް ޞަދަޤާތުގެ ގޮތުގައި އެލިބުނީ އޭނާގެ އުފަން ކާފަ ދަރިފުޅެއްގެ ނަންކީ ޞަދަޤާތެވެ.

ޝަފީޤު އޭގެއިން ބޮޑިބަތްކޮޅެއްގެ ރަހަ ބަލާލިއެވެ. އެއާއެކު އެއީ އޭނާގެ އަންހެނުން ޒަރީނާ ކައްކާފައިވާ ބޮޑިބަތެއްކަން ރަހައިން އޭނާ ދެނެގަނެވުނެވެ. އިތުރަކަށް އެކަތިކޮޅުވެސް އޭނާއަކަށް ނުދިރުނެވެ. އެ ނުބައިވެގެން ނޫނެވެ. އޭނާގެ ލޮލުގެ ކުރިމައްޗަށް ތަސްވީރުވަމުން އަންނަ މާޒީގެ ފޮޓޯތަކުގެ ސަބަބުން ހިތަށްކުރާ އަސަރުގެ ބޮޑު ކަމުންނެވެ.

ޝަފީޤަކީ މާލޭމީހެކެވެ. ވަރަށް ޅައުމުރުގައި މައިންބަފައިން ނިޔާވުމުން އޭނާ އުޅެ ބޮޑުވީ ބޮޑުބޭބެގެ ބެލުމުގެ ދަށުގައެވެ. ދަތިހާލުގައެވެ. އެހެންމީހުންގެ ކުރިމަތީގައި އޭނާވީ ނުލަފާ މީހަކަށެވެ. އޭނާގެ ހިމޭންކަމާއި ބަސްމަދު ކަމުގެ ސަބަބުންނެވެ. ބޮޑުބޭބެގެ ދަރިންވެސް ކުރާ ވިޔާނުދާކަންކަން އަޅުވަނީ ނުވަތަ އެޅެނީ ޝަފީޤުގެ ބޮލުގައެވެ. ކުށްނުކުރިޔަސް އަދަބު ލިބެނީ އޭނާއަށެވެ. ޝަފީޤު އުޅެ ބޮޑުވީ ކުށްދެއްކުމާއި ބިރުދެއްކުމުގެ މާހައުލެއްގައެވެ. އަމިއްލަ ނަފުސުގެ އިތުބާރު ގެއްލިފައިވާ ދުނިޔެއެއްގައެވެ.

އުމުރުން ވިހިއަހަރު ފުރުނު އިރުވެސް ޝަފީޤު މީހަކާ ރައްޓެއްސެއް ނުވެއެވެ. ސަބަބުތައްވެސް އޭގައި ހުއްޓެވެ. އޭނާގެ އަމިއްލަ ގެދޮރު ހުއްޓަސް އެތަނަށް އޭނާގެ ބާރު ނުހިނގާތީއެވެ. ބޮޑުބޭބެއާއި އޭނާގެ ދަރިންގެ ތަނެއްގެ ގޮތުގައި އެތަން ސިފަވާތީއެވެ. ޒަރީނާއަކީ ބޮޑުބޭބެގެ އަންހެނުންގެ ތިމާގެ ކުއްޖެކެވެ. ޝަފީޤު އެކައިވެނި ކުރީވެސް ބޮޑުބޭބެގެ ބާރު އެޅުމުގެ ސަބަބުންނެވެ. ހަޤީޤަތުގައި ޝަފީޤުއަށް ހިއްވަރެއް ލިބުނީ ޒަރީނާގެ ފުށުންނެވެ. ދިރިއުޅުމާއިގެން ކުރިޔަށްދާން މަގުކޮށުނީ އެހިސާބުންނެވެ. އުންމީދުތައް ގެއްލި މާޔޫސްވެ ދިރިއުޅުންމަތިން ފޫހިވަމުން ދަނިކޮށެވެ. އެހެންކަމުން ޝަފީޤުގެ ހިތުގައި ޒަރީނާއަށް ދެވިފައިވަނީ ޚާއްސަ ލޯތްބަކާއި ޤަދަރެކެވެ. ދޮށި ދަރިފުޅު ފަޒުލާ ލިބުމުން ދިރިހުރުމާއި ދިރިއުޅުމުގެ ތަފާތުތައް އޭނާއަށް ދަސްވިއެވެ. ދަރިފުޅަށްޓަކައި އާމުދަނީ ލިބޭނޭ އިތުރު މަސައްކަތްތައް ކުރަންފެށިއެވެ. ގެއާއި ގޯތި ޒަރީނާއަށް ހިބަކޮށްދީ ފަތްލިޔެ ދިނެވެ.

ފަޒްލީން ލިބުނީ ފަޒްލާއަށް ދެއަހަރު ފުރުނުތަނާއެވެ. އޭރު ކުދިން ލިބި ގޭތެރޭގެ ޖާގަ ދަތިވަމުންދާކަން ޝަފީޤަށް އިހްސާސްވިއެވެ.  ބޮޑުބޭބެގެ ދަރީންނާއި ފަހަރި ދައިތައާއި އެކު އުޅުން އުނދަގޫވިއެވެ. އެހެން ކަމުން ޒަރީނާވެސް ބޭނުންވީ ބޮޑުބޭބެއާއި ބޮޑު ބޭބެގެ އާއިލާ އެގެއިން އެހެންގެއަކަށް ދާންބުނާށެވެ. އަދި ހާއްސަކޮށް ބޮޑުބޭބެގެ ދޮށީ ދަރި އީސަ ފަޒްލާއާއި މާގާތްވެގެން އުޅޭތީ ޝަފީޤުވެސް ހުރީ އެމީހުން އެގެއިން ދިޔުން އެދިއެދިއެވެ.

މައްސަލަ ގަނޑުގެ ހުޅުފެޅީ ގޭތެރޭގައި ކުދިންގެ މައްސަލައެއްގައި ބޮޑުބޭބެގެ އަންހެނުންނަށް އެގެއިން ނުކުތުމަށް ޒަރީނާ އެންގި ހިސާބުންނެވެ. ބޮޑުބޭބެ ޒަރީނާއާއި ޝަފީޤު ދެވީވެސް އެގޯތީގެ ދަހިވެތިކަމުގައިކަން ޝަފީޤަށް އެނގުނީވެސް އެދުވަހުއެވެ. ޒަރީނާ އެވާހަކަތައް ކިޔައި ދިނުމުންނެވެ. އެދުވަހަށްފަހުގައި ބޮޑުބޭބެގެ އަންހެނުން އައީ ޝަފީޤަށް ބޮނޑިއެއް ދެވޭނޭ ހުރިހާ މަގެއް ހޯދަމުންނެވެ. ޒަރީނާއާއި ޝަފީޤު ވަކިކޮށްލެވޭނޭ ގޮތެއް ހޯދަމުންނެވެ. ފަންޑިތަ ހަދާމީހުން ލައްވައި އިސްތިރި ވަރިތޮޅިވެސް ހައްދަމުންނެވެ. އެކަމަކު އެއިން ކަމަކުން ވީ ފައިދާއެއް ނެތެވެ.

ބޮޑުބޭގެ ދޮށީދަރި އީސައާއި މެދު ޝަފީޤު އައީ ފާރަވެރިވަމުންނެވެ. އޭނާގެ ދެލޮލުގެ ނޫރަށް ބަލާފަދައިން ފަޒްލާއަށް ބަލަމުންނެވެ. އީސަ ފަޒްލާއަށް ގޯނާއެއް ކުރާކަމަށް ޝަފީޤަށް ޝައްކުވާންފެށި ހިސާބުންވެސް ޝަފީޤު ހުންނަނީ ބިރުން ވިރިވިރިއެވެ. އެއްވެސް ބަފަޔަކު އެމީހެއްގެ އަންހެދަރިއެއްގެ ޤަދަރާއި ޝަރަފާއި ކަރާމާތަށް މީހަކު އަރައިގަނެފާނެތީ ފާރަވެރިވާ ވަރަށް ޝަފީޤުވެސް އައީ ފާރަވެރި ވަމުންނެވެ. އެކަމަކު ޝަފީޤަކީ ފިރިހެނަކަށް ވެފައި އާމުދަނީ ހޯދަން މަސައްކަތްކުރަންޖެހޭ މީހަކަށް ވާއިރު ހަތަރުދަން އީސަގެ ބޯކޮޅު ބަލައި ފާރައަށް ހުރުމަކީ ޝަފީޤަށްވެސް އަދި އެހެން މީހަކަށްވެސް ވާވަރުގެ ކަމެއް ނޫނެވެ. އެހެންކަމުން ގެއިން ނުކުންނަ ކޮންމެ ފަހަރަކު ޝަފީޤު ގެއިން ނުކުންނަނީ ދަރިފުޅަށް ރަނގަޅަށް ބެލުމަށް ޒަރީނާގާތުގައި ތަކުރާރުކޮށް ބުނަމުންނެވެ.

ބާޒާރުމަތީގައި އުޅެފައި ޝަފީޤަށް ގެއަށް އާދެވުނީ މަޤުރިބު ނަމާދަށް ގޮވި ފަހުންނެވެ. ސިޓިންގ ރޫމް ތެރެއިން ގޮސް ކުދިން ނިދާ ކޮޓަރިއަށް ވަދެވުމާއި އެކު ޝަފީޤުގެ ވިސްނުން ދިޔައީ އުދުހިގެންނެވެ. ފެނުނު މަންޒަރުންނެވެ. ފުންމައިގެން ގޮސް ޝަފީޤު ހިފީ އީސަގެ ޓީޝާޓުގެ ކަރުގައެވެ. ޝަފީޤު އީސަ ނަގާ ބޯމަތިން ހޫރާލީ ކެޔޮޅަކު ކުރި ދޮށީގައި ބޭނި ގޮދައެއް ބޯމަތިން ނަގައި ހޫރާލި ހެންނެވެ. ޝަފީޤު ރޮއިރޮއި އޮތް ފަޒްލާ ނެގިއެވެ. މެޔާލާ ބޮނޑިކޮށްލިއެވެ. ރޮއިރޮއި ގިސްލެވިފައި ހުރި އުމުރުން އެންމެ ހަތަރު އަހަރުގެ ފަޒްލާ އީސަގެ އަތުން މިންޖުވުމާއި އެކު ޝަފީޤުގެ އަތުންވެސް ވީއްލިގެން މަންމާއޭ ގޮވަމުން ރޮމުން ރޮމުން ނުކުންނަށް  ކޮޓަރިން ނުކުންނަށް ދުއްވައިގެންފިއެވެ.

ފަޒްލާގެ ފަހަތުން ދާން އުޅެފައި ޝަފީޤަށް ހުއްޓެވުނީ އީސަ ފެނިފައެވެ. ޝަފީޤުގެ ދެލޯ ބޮޑުވިއެވެ. ބަސްހުޓި ފަހަތަށް ޖެހެވެމުން ގޮސް ފާރުގައި ލައްގަނެވުނެވެ. ޝަފީޤު އީސަ ނަގާ ހޫރާލި ގޮތަށް ތަޅުންމައްޗަށް ކަރުވަތައް ވެއްޓިފައި އޭނާ އޮތެވެ. އެއްވެސް ހަރަކާތެއް ނެތެވެ. އޭރު އަނގައިންނާއި ނޭފަތުންނާއި ލޭފައިބަމުން ދިޔައެވެ. އީސަ އޮތް ގޮތުން އޭނާގެ ކަނދުރާ ބިނދުނީކަން ޝަފީޤަށްވެސް ޔަޤީން ވިއެވެ.

ފާރުގައި ލައްވެގެން ހުރި ޝަފީގަށް އުޑުފައި އިށީނދެވުނެވެ. މީހާ ގަނޑުވެ ހުއްޓުން އެރިއެވެ. އެވަގުތު ފެންވަރައިގެން ނުކުތްގޮތަށް އެއްޗެހިވެސް ނުލައި ހުރި ބޮޑުބޭބެގެ އުމުރުން ދެއަހަރުގެ އަންހެންދަރިފުޅު އެކޮޓަރީގެ ތެރެއަށް ވަނެވެ. ފާރުބުޑުގައި އިށީދެގެން އިން ޝަފީޤުފެނިގައި އޭނާ އައިސް ހުއްޓުނީ ސީދާ ޝަފީޤުގެ ކުރިމައްޗަށެވެ. ޝަފީގު އިނީ ސީދާ ކޮޓަރީގެ ދޮރާދިމާއަށް ވާގޮތަށް ވެފައި ބޮޑުބޭބެގެ ދަރިފުޅު ހުރީ ޝަފީޤުގެ ކުރިމަތިން ދޮރަށް ފުރަގަސްދީގެން ކަމަށްވާތީ ދެކޭމީހަކަށް ފެންނާނީ މުޅިން އެހެން މަންޒަރެކެވެ.

ބޮޑުބޭބެގެ އަންހެނުން ކޮޓަރީގެ ދޮރުމައްޗަށް އެރުމަށްފަހު އަޑުގައި ނެތްތަނަކަށް ހަޅޭއްލަވައިގެންފިއެވެ. އެއަޑަށް ޝަފީޤުގެ ގާތުގައި ހުއްޓި ހުރި އެމީހުންގެ ދަރިފުޅު ގަތްބިރުން ރޯންފަށައިފިއެވެ. ބޮޑުބޭބެގެ އަންހެނުން ގޮސް ޝަފީޤުގައި ގައި ތަޅައިގެންފިއެވެ. އޭރުވެސް ކޮޓަރީގެ އަނެއް ބިތުން އެނދާއި އަލަމާރިއާއި ދޭތެރެއަށް ވެއްޓި ކަރު ބިނދިފައި އޮތް އީސައެއް އޭނާއަކަށްވެސް ނުފެނެއެވެ. އޭނާ ބޭނުންވީ ޝަފީޤު އޭނާގެ ދަރިފުޅަށް ޖިންސީ ގޯނާކުރީކަން ދުނިޔެއަށް ހާމަކުރާށެވެ. ތަނެއްގައި އަލިފާން ރޯކޮށްލީމާ އަންނަހެން ގޭތެރޭގައި ތިބި މީހުންނާއި ބޭރުން އަޑު އިވުނު މީހުންތައް އައިސް ގޭތެރެއަށް ވަދެއްޖެއެވެ.

"މިހިރަ ކަލޭގެ މަގޭ ދަރިފުޅާ ބެހެފިޔޭ" ކިޔާ ބޮޑުބޭބެގެ އަންހެނުން ހަޅޭލަވަމުން ދިޔައެވެ. ކޮޓަރިތެރެއަށް ބޮޑުބޭބެ އާއި ޒަރީނާއާއި އެހެން ދެތިން މީހަކުވެސް ވަނީ އެވަގުތުގައެވެ. އެމީހުންނަށް ވެއްޓިފައި އޮތް އީސަ ފެނުމާއި އެކު ފުރަތަމަވެސް އީސަ ނެގީއެވެ. އިރުކޮޅެއްގެ ތެރޭގައި ފުލުހުން އަތުވެއްޖެއެވެ. އޭރު އީސަ ނަގައިގަނެގެން ހޮސްޕިޓަލަށް ގެންގޮސްފިއެވެ. އޭރުވެސް  ޝަފީޤު ހުރީ ބަސްހުއްޓިފައެވެ.

ޝަފީޤު ހައްޔަރުކޮށްގެން ގެންދިޔައީއެވެ. އޭނާގެ މައްޗަށް މީހަކު ނެރުމުގެ ދައުވާއާއި ކުޑަކުއްޖަކާއި މެދު ބަދު އަޚުލާޤީ އަމަލު ހިންގިކަމުގެ ދައުވާތައް އުފުލިއްޖެއެވެ. ޝަފީޤު ހައްޔަރުކުރިފަހުން ޒަރީނާވެސް ޝަފީޤަކާއި ބައްދަލެއް ނުކުރިއެވެ. އެހެންކަމުން ކަން ހިނގިގޮތަށްވުރެ ދުނިޔެއަށް ފެނުނީ އެހެން މަންޒަރެކެވެ.

(ނުނިމޭ)

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް