ޝަހުޒާނާއި ލީވާން ތިބި ގޮޅިން ފޯނެއް ފެނުނު ކަމުގައި ހޯމް މިނިސްޓަރު ވިދާޅުވެއްޖެ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
މިނިސްޓަރ އޮފް ހޯމް އެފެއާޒް ޢަލީ އިޙްސާން -- ފޮޓޯ: ކަރެކްޝަންސް
ކޯޓުގެ ހުރުމަތް ކެނޑިކަމަށް ނިންމައި ޖަލަށްލި، އަދަދު ނޫހުގެ ދެނޫސްވެރިން ކަމުގައިވާ، މުޙައްމަދު ޝަހުޒާނާއި، ލީވާން ޢަލީ ނާސިރު ތިބި ޖަލުގޮޅިން މީގެ 2 ހަފްތާކުރިން، މޯބައިލް ފޯނެއް ފެނުނުކަން، ހޯމް މިނިސްޓަރ ޢަލީ އިޙްސާން މިއަދު ހާމަކުރައްވައިފިއެވެ.
މިނިސްޓަރ އިޙްސާން މިކަން ހާމަކުރައްވާފައި ވަނީ، ޝަހުޒާނާއި ލީވާން މިނިވަން ވުމަށްފަހުގައި، ޖަލުގައި ކަންތައްތައް ހިނގައި ދިޔަ ގޮތާއި ގުޅޭ ގޮތުން ޝަހްޒާން މީޑިއާތަކަށް ދިން އިންޓަވިއުގައި ދައްކާފައިވާ ވާހަކަތައް ދޮގުކުރައްވައި އެކްސްގައި ލިޔުއްވި ދިގު ޕޯސްޓެއްގައެވެ.
މިނިސްޓަރ އިޙްސާން ވިދާޅުވީ، ޝަހުޒާނާއި ލީވާން ވަކި ދެގޮޅިއަކަށްލީ، އެ ދެމީހުން ތިބި ގޮޅީގެ ތެރެއިން މެއި 15 ވަނަ ދުވަހު މޯބައިލް ފޯނެއް ފެނުމާއި ގުޅިގެން ކަމަށެވެ. ލީވާން އާއި ޝަހްޒާން ވަކިދެގޮޅިއަކަށް ބަދަލުކޮށް، މާފުށީ ޖަލުގެ އެންމެ ބޮޑެތިކުއްވެރިން ތިބޭ ޔުނިޓަށް ބަދަލުކުރި އިރު، އޭރު ދެކެވުނު ވާހަކަތަކާއި ގުޅިގެން މިކަން ހާމަނުކުރައްވައި، 2 ހަފްތާވަންދެން މަޑުކުރެއްވި ސަބަބެއް މިނިސްޓަރ އިޙްސާން ވިދާޅެއް ނުވެއެވެ. އެކަމަކު މިނިސްޓަރު ވިދާޅުވީ، ގޮޅި ވަކިކުރުމާއި ގުޅިގެން އެމައުލޫމާތު ސާފުކުރުމަށް ގުޅި 3 ނޫސްވެރިއަކާއި އެމައުލޫމާތު ހިއްސާކުރެއްވި ކަމަށާއި، އެއިން އެއްވެސް ނޫސްވެރިއަކު އެވާހަކަ ނުލިޔުނު ކަމަށެވެ.
މިނިސްޓަރ އިޙްސާން ވިދާޅުވީ، ޝަހްޒާން އާއި ލީވާން ތިބި ގޮޅި، ކަރެކްޝަންސްގެ އޮފިސަރުން ބަލައި ފާސްކުރީ، މެއި މަހުގެ 15 ވަނަ ދުވަހު އާއްމު ފަރާތަކުން ދިން މައުލޫމާތަކާއި ގުޅިގެން ކަމަށެވެ. އެރޭގެ 19:35 ހާއިރު ގޮޅި ބަލާފާސްކުރީ، ލީވާނާއި ޝަހްޒާންގެ ހާޟިރުގައި ކަމަށާއި، މޯބައިލްފޯނު ފެނުނީ އެމީހުން ތިބި ގޮޅީގައި ހުރި ކަބަޑެއްގެ ތެރޭގައި ހުރި އަންނައުނު ތަކުގެ ތެރެއިން ކަމުގައިވެސް މިނިސްޓަރ އިޙްސާން ވިދާޅުވިއެވެ.
މިނިސްޓަރ އިޙްސާން ވިދާޅުވީ، ލީވާނާއި، ޝަހްޒާން ތިބި ގޮޅީގެ ތެރެއިން ޖަލަށް ވެއްދުން މަނާތަކެތި ފެނިފައިވާ މައްސަލަ، ފުލުހުން ތަޙްޤީޤުކުރަމުންދާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް