Post banner
ރާއްޖެ

އެސްޖޭ މިސްކިތުގެ ބޮޑުބައި ނިމިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

އެސްޖޭ މިސްކިތުގެ ބޮޑުބައި ނިމިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެ

އެސްޖޭއިން ހުޅުމާލެ ފޭސް 2 ގައި އިމާރާތް ކުރަމުން އަންނަ މިސްކިތުގެ މަސައްކަތް މިހާރު ގޮސްފައިވާ ހިސާބު ---

މަސައްކަތް ނުނިމި ދިގުލައިގެން ގޮސްފައިވާ އެސްޖޭ މިސްކިތުގެ ޢަމަލީ މަސައްކަތުގެ ބޮޑުބައި މިހާރު ވަނީ ނިމިފައި ކަމުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ވިދާޅުވެއްޖެއެވެ.

އެމިނިސްޓްރީން މިއަދު ވަނީ ސޯޝަލް މީޑިއާގައި އެމިސްކިތުގެ މަސައްކަތްތައް ކުރިޔަށްގޮސްފައިވާ ހިސާބު ހާމަކުރުމުގެ ގޮތުން، ފޮޓޯތަކާއި އެކު ޕޯސްޓެއް ޙިއްސާކޮށްފައެވެ. އެޕޯސްޓްގައި އެމިނިސްޓްރީން ވިދާޅުވެފައި ވަނީ، ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓް (03) ސަރަޙައްދުގައި ބިނާކުރާ މިސްކިތުގެ ޢަމަލީ މަސައްކަތުގެ ބޮޑުބައި މިހާރު ވަނީ ނިމިފައި ކަމަށެވެ. އެހެން ނަމަވެސް މިސްކިތް ނިމި އާއްމުންނަށް ބޭނުން ކުރެވޭނެ ދުވަހެއް އެމިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ.

އެމިސްކިތުގެ މަސައްކަތް ނިންމާނެކަމަށް އިސްލާމިކް މިނިސްޓްރީން މީގެ ކުރިންވެސް އެތައް ތާރީޚެއް ދިނެވެ. ހުސްވި 2025 ވަނަ އަހަރުގެ މެއިމަހުގައި އިސްލާމިކް މިނިސްޓްރީން ވިދާޅުވެފައިވަނީ އެއަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް އެމިސްކިތުގެ މަސައްކަތް ނިމޭނެ ކަމަށެވެ. އެހެން ނަމަވެސް އެމިސްކިތުގެ މަސައްކަތް ރޯދަމަހަށް ނިންމުމަށް މަސައްކަތް ކުރަމުން އަންނަ ކަމުގައި އޭގެ ފަހުން ބުނެފައި ވެއެވެ.

އެސްޖޭ މިސްކިތުގެ މަސައްކަތް ނުނިމި ދިގުލައިގެން ދަނީ އެމިސްކިތަށް ގެންނަން ޖެހޭ ބައެއް ބަދަލުތަކާއި ގުޅޭ ކަންކަން ނުނިމި ދިގުލައިގެން ގޮސްގެން ކަން އެނގިފައިވެއެވެ.

Uploaded image

1400 މީހުންގެ ޖާގައިގެ އެމިސްކިތަކީ، ހުޅުމާލެ ފޭސް 2ގެ އެންމެ ބައިބޯ ހިޔާ ޓަވަރުތަކުގެ ދެކުނުން އޮންނަ ސަރަހައްދުގައި އަޅަމުން އަންނަ މިސްކިތެކެވެ. އެސަރަހައްދުގައި ބިނާކޮށްފައިވާ ވަގުތީ މިސްކިތުގައި ހޫނު ގަދަވެ އާއްމުންނަށް ދަތިވަމުން އަންނާތީ، ދާއިމީ މި މިސްކިތުގެ މަސައްކަތް ނުނިމި ލަސްވެފައިވުމުން އާއްމުންގެ ޝަކުވާތައްވެސް ވަނީ ބޮޑުވެފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް