ދިގު ވާހަކަ: ހިތާމައިގެ ރާނީ -10
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ދިގު ވާހަކަ: ހިތާމައިގެ ރާނީ
(17 އޭޕްރީލްގެ އަދަދާއި ގުޅޭ)
ވާރޭ ހުއްޓާލައިފިއެވެ. ވައިރޯޅި ހިނދިއްޖެއެވެ. އަސުރުން ތިރިވި އިރު، ވިލާތައް ކެހި އުޑުމަތި ސާފުވެއްޖެއެވެ. ވައިރޯޅިއެއްވެސް ނުވާތީ، ގަސްތަކާއި ރުއްތައް ފެންނަނީ، މޮޅު ކުރެހުންތެރިއަކު ކުރަހާފައިވާ ތަސްވީރެއް ހެންނެވެ. ރުކެއްގެ ފަންވަތެއް ގަހެއްގެ ފަތެއް ހެލި ނިލައެވެ. މުޅި ފަޒާއަށް އޮތީ މަރުގެ ހަމަހިމޭންކަން ވެރިވެފައެވެ.
"މާމާ! ވާރޭ ހުއްޓައިފިޔޭ!" ގޭގެ ދަމާދޮރު އާޝިޔާގެ ކުޑަކުޑަ އަތުން ގަދަ ހިއްވަރުން އާޝިޔާ ގޮވާލިއެވެ. ދިމާ އެނދުގައި ރަޙްމާނު އޮތް އިރު، ބީފާނު އޮތީ އެތެރެގޭ އުތުރު އެނދުގައި ނިދިޖެހިފައެވެ. އޭނާގެ ދެލޯ ހުޅުވުނީ އާޝިޔާގެ އަޑަށެވެ. ތެދުވެ ކަންނެޔޮ ބާލީސްތައް އެފަރާތްކޮށްލައި، ބޮލުން ނެއްޓިފައި އޮތް ނަލަ ބުރުގާ ރަނގަޅުކޮށްލަމުން ބީފާނު ނުކުތް އިރު، އާޝިޔާ ބޭރަށް ނުކުމެއްޖެއެވެ.
ބީފާނު ގޭގެ ދޮރުމައްޗަށް ނުކުތް އިރު ގޯތި ތެރޭގައި ހުރި ބޮޑު ބަނބުކެޔޮ ގަސްދޮށަށް ވެރިފައި ހުރި ބަނބުކެޔޮތައް، އާޝިއާ އެއްކޮށް ފުނި ޖަހަނީއެވެ. ވަނދު ކެޔޮތަކާއި، ހަރުކެޔޮތައް އަދި ތަނޑި ދޮންވެފައި ހުރި ކެޔޮތައް ހުރީ ގޯތިތެރޭގެ އެތައް މިތަނަށް އުކިފައެވެ.
"ހާދަ ކޭލެކޭ ފައިބާފަ މިއޮތީ." ގެއިން ބޭރަށް ފިޔަވަޅެއް އަޅަމުން ބީފާނު ބުންޏެވެ.
"މާމަ! ކެޔޮ ކަނޑައިދޭނެ މީހެއް ނުވެގެން އުޅޭތީ، މާތް ރަސްކަލާނގެ މާމަކަށް ކެޔޮ ކަނޑައިދޭން ވައި ފޮނުއްވީ ނޫންތަ؟" ކުޑަކުޑަ އާޝިޔާ ކެޔޮތައް ހޮވަމުން މާމަޔަށް ބުންޏެވެ.
އާޝިޔާއަކީ ކުޑަޔަކަސް ބުއްދިވެރި ކުއްޖެކެވެ. އުމުރަށް ވުރެ ބޮޑެތި ވާހަކަ ދައްކަން ދަންނަ ކުއްޖެކެވެ. އޭނާ އަނގަލަފައިގެން ހުންނާނީ، ނުދަންނަ މީހުންގެ ކުރިމަތީގައެވެ. މާމަޔާއި އެކު އުޅޭއިރު، މާމަޔަށްވުރެ އާޝިޔާގެ ވާހަކަ ހަރެވެ.
"ދިޔޭ! މިތާ ބަދިގެ ކޮޅަށް ތިޔަ ކެޔޮތައް އެއްކުރޭ! ވަނދުކެޔޮތައް ވަކިން ބައްހައްޓާ!" ބީފާނު ބުންޏެވެ. ދެން އޭނާ ހިނގައިގަތީ، ބޭރުވަޅުދޮށާއި ދިމާއަށެވެ. އެތަނުގައި ހުރި، އޮށި އަށިގަނޑުމަތީގައި އޮތް ދޮލަނގު ހިފައިގެން އައިސް ގޭގެ އަސްކަނިދޮށުގައި ހުރި ކޮޅުފިލާ ގޮނޑިއެއްގައި ބީފާނު އިށީނީ ކެޔޮ މަށާށެވެ.
"ދިޔޭ ތިޔަތަނުން ތަނޑި ދޮން ދެތިން ކެޔޮ މާމަ އަތު ޖައްސާލަދީބަލަ!" ގޮނޑީގައި އިށީނދެ އަތަށް ވަޅި ހެޔޮވަރުކޮށްލާފައި ބީފާނު ބުންޏެވެ.
"މާމަ ތިޔަ އުޅެނީ، ކެޔޮ މަޑުކުރަންތަ؟" އާޝިޔާ އައިސް މާމައަތަށް ފާވާން ކައިރިވެފައި އޮތް ދެ ކެޔޮ ދިއްކޮލަމުން ބުންޏެވެ.
"ދަރިފުޅު ނުކާނަންތަ؟" ބީފާނު ހީލާފައި އަހާލިއެވެ.
"ކޮން އިރަކުން މާމަ ކެޔޮ ތެލުލާނީ." މާމަގާތުގައި އުޑުފައިން އިށީންނަމުން އާޝިޔާވެސް އަހާލިއެވެ.
"އުނދުނު ޖަހާން ހުރި ދަރުކޮޅުވެސް ވާރެޔާ ނުތެމި ހުރިއްޔާ، މިކެޔޮކޮޅު މަޑުކުރަން އުދާފައި ކެޔޮ ތެލުލާނީ." ބީފާނު ހީލަމުން ބުންޏެވެ.
ބީފާނު ކެޔޮތައް ފަޅައި މަށައި ފޮތި ޖަހަމުން ދިޔައިރު، އާޝިޔާއިން އިނީ ގާތުގައި ބަލަހައްޓައިގެންނެވެ. ދެމާމައިންގެ ވާހަކަ ހުސްވީ ކަންނޭނގެއެވެ.
"ދައިތާ" ގޯތިތެރެއަށް ވަދެގެން އައި މީހަކު ގޮވާލިއަޑަށް، ބީފާނާއި، އާޝިޔާއަށްވެސް ބަލައިލެވުނީ އެކު އެކީގައެވެ. އޭރު އެދިމާއަށް ނައިބުގޭ އާތިފާ އާއި އޭނާގެ ފިރިމީހާ އާދެއެވެ.
"ތިޔަ އައީދޯ!" ބީފާނު ހީލަމުން ބުންޏެވެ.
"އާނ! މިއައީ." ފަނޑު ހިނިތުންވުމަކާއި އެކު އާތިފާ ބުންޏެވެ.
"ދިޔޭ ގޭތެރެއިން ދެ ގޮނޑި ނެރެބަލަ" ބީފާނު އެހެން ބުނީ އާޝިޔާއަށެވެ. އަވަހަށް އާޝިޔާ ތެދުވެގެން ގޮސް ގޭތެރޭ އަށިމަތީގައި ހުރި ބަނބުކެޔޮ ފިލާއިން ހަދާފައި ހުރި ދެކޮޅުފިލާ ގޮނޑި ގެނެސް މާމަގާތުގައި ބަހައްޓައިފިއެވެ.
"އިށީނދެ ބަލަ!" ބީފާނު އެހެން ބުނީ އާތިފާޔާއި އިމާދަށެވެ. އާތިފާ އާއި އިމާދުވެސް ދައިތަ ގާތުގައި އިށީނެވެ. އެކަމަކު އެދެ މީހުން ތިބީ ވާހަކަ ފަށާނެ ކޮޅެއް ނޭނގިފައެވެ. އާޝިޔާވެސް ގޮސް މާމަގެ ފުރަގަހުން ހުއްޓި މާމަގެ ގައިގައި ފާޑަކަށް ލެނގިލައިގެން ހިމޭންވެފައި ހުއްޓެވެ.
"އާތިފާއަށް ދޭން ކެޔޮކޮޅެއް ކަނޑައިދޭނެ މީހަކު ނުވެގެން އުޅެނިކޮށް ތިޔަހަރީ ކޮޅިގަނޑުގައި ފައިބާފައި ހުރިހައި ކެޔޮ. ދެތިން ގޯންޏަކަށް ތިޔަ އެޅޭނީ. ގެންދަންވީނު." އާޝިޔާ އެއްކޮށް ފުނިޖެހި ކެޔޮތައް ދައްކާލަމުން ބީފާނު ބުންޏެވެ.
"ހާދަ ބައިވަރު ކޭލެކޭ" ކެޔޮފުންޏާއި ދިމާއަށް ބަލާލާއި އާތިފާވެސް ބުންޏެވެ.
"މާލެއަށް ގެންދަން އެއްޗެއް މަދުވޭތަ؟" އިމާދު ހީލިއެވެ.
"އާނ މިގެއަކު ތިޔައެއް ނުކެވޭނެ. ތިކުދިން އެގެންދޭ. ބަނބުކެޔޮ މޫސުމްވީމާ، ގަސްގަސްދަށު އެއޮންނަނީ ފުނިޖެހިފައި. އެހެންވީމާ މިރަށަކު ނެތް ތިޔައިގަ އަތްލާނެ މީހަކު. ތިޔަ ހުރިހާ ކޭލެއް ހިއްކައި ތެލުއަޅައި ހެދޭނެ ވަރެއް ދައިތަ ގަޔަކު ނެތް." ބީފާނު ހިންދެމިލަމުން ބުންޏެވެ.
"އާނ. އެކަމަކު ތިޔަ ހުރިގޮތަށް މިކެޔޮތަކެއް މާލެ އެއް ނުގެންދެވޭނެ. ކެޔޮތައް ހަލާކުވާނެ." އާތިފާ ބުންޏެވެ.
"ދޮން ދައިތަ ގާތު ބުނަންވީނު، ތެލުލައިދޭށޭ." އިމާދު ދިނީ ހިޔާލެކެވެ. އޭނާއަކީ ތެލުލި ބަނބުކެޔޮ ނުލާހިކު މީރު މީހެކެވެ. އެހެންވީމާ، މިކަހަލަ ފުރުޞަތެއް އޭނާ ދޫކޮށްލާކަށް ބޭނުމެއް ނުވެއެވެ.
"އާނ ތިޔަހެން ހަދާނީ ދޯ." އާތިފާ ބުންޏެވެ.
"ދިޔޭ ދޭބަލަ ބަދިގެ ތެރެއިން ބޯތައްޓަކަށް ތެލުލިކެޔޮކޮޅެއް ބޯކުރި ކެޔޮކޮޅެއް އަޅައިގެން އަންނަ. ދުމަށިމަތިން ވަޅޯ މަސްގަނޑެއްވެސް ގެންނާތި." ބީފާނު އެހެން ބުނީ އާޝިޔާއަށެވެ.
އެއްޗެއް ނުބުނެ އާޝިޔާ ހިނގައިގަތީ ބަދިގެއާ ދިމާއަށެވެ. އެމަންޒަރު ބަލަން އާތިފާހުރީ ހިނިތުންވެފައެވެ. އޭނާ އަދި އާޝިޔާ ވާހަކަދައްކާއަޑެއް ނާހައެވެ. މާމަގެ ކޮންމެ އިރުޝާދަކަށް ޗާބީދީފައި ހުރި ބުދެއްހެން އާޝިޔާ ހަރަކާތް ކުރާތީ އާތިފާ ކުޑަކޮށް ހައިރާންވެސް ވިއެވެ.
"ދައިތާ! އަހަރެމެން މިއައީ ވަރަށް ބޮޑު ކަމަކު" ވިސްނަން ހުރެފައި އާތިފާ އެހެން ބުނީ، ބީފާނުގެ މޫނަށް ބަލާލަމުންނެވެ.
"ތިޔަކުދިން ކަމަކު ކިޔައިފިއްޔާ އެކަމެއް ކޮށްދޭން ޖެހޭނެތާ! އަވަހަށް ބުނޭ!" ބީފާނު އާތިފާއަށް ބަލައިލަމުން ބުންޏެވެ.
"އަހަރެމެން ދެމީހުންނަށް ވަރަށް ބޭސްވެސް ކުރެވިއްޖެ. އެކަމަކު ދަރިޔަކު ނުލިބުނު" އާތިފާގެ އަޑުގައި ހުރީ ހިތާމައެވެ.
"ތިޔަ ކަހަލަ ކަންކަމަކީ، ބޭހަކުން ފަންޑިތައަކުން ވާކަމެއް ނޫން. މާތް ރަސްކަލާނގެ ދެއްވަން އިރާދަކުރެއްވީމާ ލިބޭނެ. މީހަކަށް ބާރެއް ނުފޯރާނެ. ތިޔަ އަދި އެވަގުތު ނުޖެހެނީ." ބީފާނު ބުންޏެވެ.
"އަހަރެމެން ދަރިއެއް ފަދައިން ބަލައިދޭނަން. މި ކުއްޖާ އަހަރެމެންނަށް ދޭންވީނު." އާތިފާ އެހެން ބުނި އިރު، ބަދިގެއިން ބޯތައްޓެއް ހިފައިގެން އާޝިޔާއަށް އެދިމާއަށް އަންނަނީއެވެ. އޭނާ އެއް އަތުން ބޯތަށި ހިފާފައި ހުރި އިރު އަނެއް އަތުގައި ހެޔޮވަރުގެ ވަޅޯމަސްގަނޑެއްވެސް އޮތެވެ. )ނުނިމޭ(
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް