ހުޅުމާލޭގައި އަމިއްލަ މީހުންގެ ގެދޮރު 10 ބުރިއަށް އިމާރާތް ކުރެވޭ ގޮތަށް ޤަވާއިދު ބަދަލުކޮށްފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ހުޅުމާލެ --- ފޮޓޯ: ރައްޔިތުންގެ ނޫސް --
ހުޅުމާލޭގައި އަމިއްލަ މީހުންގެ ގެދޮރު 10 ބުރިއަށް އިމާރާތް ކުރުމަށް ހުއްދަލިބޭ ގޮތަށް، ޤަވާއިދު ބަދަލުކޮށް މިއަދު ގެޒެޓްކޮށްފިއެވެ.
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ އިން މިއަދު އާއްމުކޮށްފައިވާ، ހުޅުމާލޭގެ ޑިވެލޮޕްމަންޓު ކޮންޓްރޯލް ކަނޑައެޅުމުގެ ގަވާއިދުގައި ބަޔާންކޮށްފައި ވާ ގޮތުން، 10 ބުރިއަށް އިމާރާތް ކުރުމަށް ހުއްދަދޭނީ ވަކި ޝަރުޠުތަކަކާއި އެކު، ވަކި ބޮޑު މިނެއްގެ ގޯތިތަކެކެވެ. މިގޮތުން 10 ބުރިއަށް އިމާރާތް ކުރާއިރު، ޕާކިންގއަށް އިމާރާތުގެ ބޭސްމެންޓް ޚާއްޞަކުރަން ލާޒިމް ކުރާއިރު، އިމާރާތުގެ ފުރަތަމަ ފަންގިފިލާ ޚާއްޞަ ކުރަންޖެހެނީ ދިރިއުޅުން ނޫން ބޭނުމަކަށެވެ.
އައު ގަވާއިދުގައި ބުނާ ގޮތުން، 10 ބުރިއަށް އިމާރާތް ކުރުމުގެ ހުއްދަ ދޭނީ، އެންމެ ކުޑަވެގެން އިމާރާތުގެ އަކަފޫޓު 901 އަކަފޫޓަށްވުރެ ކުޑަ ނުވާނަމައެވެ. އަދި 5 ބުރިއަށް ވުރެ މައްޗަށް ޢިމާރާތް ކުރާނަމަ އެ އިމާރާތެއްގައި ލިފްޓު ޖާގަ ކަނޑައެޅުމާއި ލިފްޓު ހަރުކުރުންވެސް ލާޒިމް ކުރެއެވެ.
ހުޅުމާލޭގައި 25 ބުރިއާ ހަމައަށް މިހާރުވެސް އިމާރާތްކޮށްފައި ހުރި އިރު، 10 ބުރިއަށް ވުރެ އުސްކޮށް އިމާރާތްތައް ހެދޭނީ ސޯޝަލް ހައުސިންގ އާ ލަގްޒަރީ ހައުސިންއަށް ކުންފުނިތަކުން އިމާރާތް ކުރާ ތަންތަން އެކަނި ކަމުގައިވެސް ވަނީ ކަނޑައަޅާފައެވެ.
ހުޅުމާލޭގެ މާސްޓަރ ޕްލޭން އެންމެ ފުރަތަމަ ހެދި އިރު ނިންމާފައި އޮތީ ހުޅުމާލޭގައި 6 ބުރިއަށް ވުރެ އެއްވެސް އިމާރާތެއް އުސްނުކުރުމަށެވެ. އެހެން ނަމަވެސް ރައީސް ޔާމީނުގެ ސަރުކާރާއި ރައީސް ޞާލިޙްގެ ސަރުކާރާއި، އަދި މިސަރުކާރުންވެސް ވަނީ ހުޅުމާލޭގެ މާސްޓަރ ޕްލޭނަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް