Post banner
ރަށްރަށުން

ހަނިމާދޫއަށް ބަދަލުކުރުމުގެ މަޝްރޫޢަށް ވާގޮތެއް ނޭނގޭތީ ހިރިމަރަދޫ ޒުވާނުން ކަންބޮޑުވުން ފާޅުކޮށްފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ހަނިމާދޫއަށް ބަދަލުކުރުމުގެ މަޝްރޫޢަށް ވާގޮތެއް ނޭނގޭތީ ހިރިމަރަދޫ ޒުވާނުން ކަންބޮޑުވުން ފާޅުކޮށްފި

ހދ. ހިރިމަރަދޫ މީހުން އެއަތޮޅު ހަނިމާދޫއަށް ބަދަލުކުރުމުގެ މަޝްރޫޢަށް ވާގޮތެއް ނޭނގޭތީ ހިރިމަރަދޫ ޒުވާނުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ހިރިމަރަދޫ ޒުވާނުންގެ ފަރާތުން އިސްވެ އެކަމާއި ގުޅިގެން ވަނީ ބަޔާނެއް ވެސް ނެރެފައެވެ. އެބަޔާނުގައި ބުނެފައި ވަނީ، ހދ. ހިރިމަރަދޫ ރައްޔިތުން އެއަތޮޅު ހަނިމާދޫއަށް ބަދަލުކޮށްދެއްވާނެކަން، 1 ފެބުރުއަރީ 2025ގައި ރައީސުލް ޖުމްހޫރިއްޔާ ޢިއުލާނު ކުރެއްވިތާ ދޮޅު އަހަރު ވީއިރުވެސް އެދެވޭ ގޮތެއްގައި މަސައްކަތްތައް ކުރިޔަށް ނުދާ ކަމަށެވެ. އަދި މަޝްރޫޢަށް ވާނުވާ ނޭނގި ލަސްވަމުންދާތީ ކަންބޮޑުވާކަމުގައިވެސް ޒުވާނުންގެ ފަރާތުން ހާމަކޮށްފައިވެއެވެ.

މިގޮތުން ހިރިމަރަދޫ ޒުވާނުންގެ ފަރާތުން ނެރެފައިވާ ނޫސްބަޔާނުގައި ހާމަކޮށްފައިވާ ގޮތުގައި، ހުސްވި އަހަރުގެ އޮގަސްޓް މަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހިރިމަރަދޫއަށް ވަޑައިގެން، ހިރިމަރަދޫ މީހުން ހަނިމާދޫއަށް ބަދަލު ކުރުމުގެ މަސައްކަތް އެޗްޑީސީ އާއި ހަވާލު ކުރައްވައި، 18 މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަވާނެކަންވެސް އިޢުލާނު ކުރެއްވި ކަމަށެވެ. ނަމަވެސް އެޗްޑީސީއާ މަޝްރޫޢު ހިންގަން ހަވާލުކުރިތާ މިމަހު އެއް އަހަރު ފުރޭއިރު، ހަނިމާދޫގައި ހިރިމަރަދޫން ބަދަލުވާ މީހުންނަށް ގެދޮރުއެޅުމަށް ޚާއްޞަކޮށްފައިވާ ސަރަހައްދުގައި ވަށައި ފެންސެއް ޖެހުން ފިޔަވައި އިތުރު އެއްވެސް ކަމެއް ކުރެވިފައި ނުވާކަން ހިރިމަރަދޫ ޒުވާނުންގެ ފަރާތުން ފާހަގަކޮށްފައި ވެއެވެ.

ހިރިމަރަދޫ ޒުވާނުންގެ ފަރާތުން ވަނީ، މިމަޝްރޫޢުގެ އަދާހަމަ މައުލޫމާތު ރައްޔިތުންނަށް ސާފުކޮށްދީ ޖަވާބުދާރީވުމަށް، ހިރިމަރަދޫ ރައްޔިތުންގެ މިހާރުގެ ބެލެނިވެރި ފަރާތް ކަމުގައިވާ ހަނިމާދޫ ކައުންސިލަށާއި، ސަރުކާރަށް ގޮވާލާފައެވެ. އަދި ހިރިމަރަދޫގެ ކުދިބޮޑު އެންމެހައި ރައްޔިތުންގެ އިޚްލާސްތެރި އާދޭހަކީ، ރައީސް ވިދާޅުވެފައިވާ ފަދައިން މަޝްރޫޢުފެށި ބާރު ސްޕީޑެއްގައި މަސައްކަތް ނިމިގެން ދިޔުންކަމުގައި ހިރިމަރަދޫގެ ޒުވާނުންގެ ފަރާތުން ނެރެފައިވާ ބަޔާނުގައި ބުނެފައި ވެއެވެ.

ޚަބަރު ލިޔުނީ: އަޙްމަދު ރީޙާން - ރަށުރިޕޯޓަރ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް