އެކައުންޓް ވެރިފަރާތް ނިޔާވެފައިވާކަން ޔަޤީންކޮށް ދިނުމަށް އިންޑިއާ މީހަކު ބޭންކަށް ޤަބުރުގެންގޮސްފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ޖީތޫ މުންޑާ އޭނާގެ ދައްތަގެ ގަބުރު ކޮނޑަށްލައިގެން ބޭންކަށް ދަނީ---
އެކައުންޓްގެ ވެރިފަރާތް ނިޔާވެފައިވާކަން، ސާބިތުކޮށް ދިނުމަށް އިންޑިއާ މީހަކު، ކަށްވަޅުކޮނެ، ނިޔާވެފައިވާ މީހާގެ ހަށިގަނޑު ހިފައިގެން ބޭންކަށް ހިނގައްޖެއެވެ.
މިހާދިސާ ހިނގާފައި ވަނީ އިންޑިއާގެ އޮޑިއްސާގައެވެ. އިންޑިއާގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އެކަންކޮށްފައި ވަނީ، އޮޑީސާ ސްޓޭޓްގެ ޕަޓްނާގައެވެ. އެސަރަހައްދުގައި ދިރިއުޅޭ ޤަބީލާއެއްގެ މީހެއް ކަމުގައިވާ އުމުރުން 50 އަހަރުގެ، ޖީތޫ މުންޑާ ނަމަކަށް ކިޔާ މީހެކެވެ.
އޭނާ މަސައްކަތްކޮށްފައި ވަނީ، އޭނާގެ ދައްތަޔާއެކު، އޮޑިއްސާގެ ގްރަމީން ބޭންކުގައި ހުޅުވާފައިވާ އެކައުންޓުގައި ހުރި ފައިސާގެ ތެރެއިން 20،000 ރުޕީސް ނަގާށެވެ. ފައިސާނަގަން އޭނާ އެ ބޭންކުގެ މަލިޕޯސީ ބްރާންޗަށް އެތައް ފަހަރަކު ދިޔުމުން، ބޭންކުގެ މުވައްޒަފުން ޖީތޫ މުންޑާގެ ގާތުގައި ބުނެފައި ވަނީ، އެކައުންޓުން ފައިސާ ނެގޭނީ އެކައުންޓްގެ ވެރިފަރާތް ބޭންކަށް ގެނައުމުން ކަމަށެވެ. އެކައުންޓުގެ ވެރިފަރާތުގެ ތެރޭގައި ހިމެނޭ، ޖީތޫގެ ދައްތަ މަރުވެފައިވާ ކަމަށް ތަކުރާރުކޮށް ބުނުމުންވެސް ބޭންކުގެ މުވައްޒަފުން، އެއަޑު ނޭހުމުން، މިއަހަރުގެ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހު މަރުވި އޭނާގެ ދައްތަގެ ކައްވަޅުކޮނެގެން، ހަށިގަނޑު ނަގައިގެން ބޭންކަށް ގެންނަން ޖެހުނީ ކަމުގައި، ޖީތޫ މުންޑާ ވަނީ ނޫސްވެރިންގާތުގައި ބުނެފައެވެ.
ޕަޓްނާގެ ޕޮލިސް ސްޓޭޝަންގެ އިންސްޕެކްޓަރ އިންޗާޖު ކިރަން ޕްރަސާދު ސާހޫ، ހިންދުސްތާން ޓައިމްސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެހާދިސާ ހިނގާފައި ވަނީ، އެފަދަ ކަންކަމުގައި އަމަލު ކުރަންޖެހޭ އުސޫލުތައް ކިޔައިދީ އެހީތެރިވެ ދިނުމުގައި ބޭންކު ފެއިލްވުމުން ކަމުގައެވެ. ޖީތޫއަކީ، ލިޔަން ކިޔަން ދަންނަ މީހެއް ނޫންކަމަށާއި، ބޭންކުން ފައިސާ ނެގުމުގައި އޮންނަ އުސޫލުތަކާއި، ނިޔާވެފައިވާ މީހެއްގެ އެކައުންޓުން ފައިސާ ނެގޭނެ ގޮތްތައް ބުނެދިނުމުގައި ބޭންކުން އިހުމާލުވެފައިވާ ކަމުގައި އޭނާ ވިދާޅުވިއެވެ.
ކައްވަޅުން ނެގި ޖީތޫގެ ދައްތަގެ ހަށިގަނޑު މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށުން އަލުން ވަޅުލާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް