ރާއްޖެ

ހޯމް މިނިސްޓަރުވެސް މައްސަލަ ހުށައެޅުއްވީ ސޯޝަލް މީޑިއާއަށް!

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ހޯމް މިނިސްޓަރުވެސް މައްސަލަ ހުށައެޅުއްވީ ސޯޝަލް މީޑިއާއަށް!

ހޯމް މިނިސްޓަރ ޢަލީ އިޙްސާން އާއްމު ކުރެއްވި ސީސީޓީވީ ފުޓޭޖްގެ ސްކްރީން ޝޮޓެއް ---

ކާކުކަން ނޭނގޭ އެކްސް އެކައުންޓަކުން، ހޯމް މިނިސްޓަރ ޢަލީ އިޙްސާންގެ އަންހެނުންނާއި ކުޑަދަރިފުޅުގެ ފަހަތުން ނަގާފައިވާ ވީޑިއޯއެއް އާއްމު ކުރުމާއިއެކު އެ ވީޑިއޯ ނަގާފައިވަނީ، އެމްޑީޕީގެ އިސް ދެބޭފުޅުން ކަމުގައި ވިދާޅުވެ ހޯމް މިނިސްޓަރ ޢަލީ އިޙްސާން ސޯޝަލް މީޑިއާގައި އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ހޯމް މިނިސްޓަރ ޢަލީ އިޙްސާން ތުހުމަތު ކުރައްވާފައިވާ ގޮތުގައި އެވީޑިއޯ ނަގާފައި ވަނީ، އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕަރސަން އިބްރާހީމް ވަހީދާއި، އެމްޑީޕީ ސަރުކާރުގައި ސްޓޭޓް މިނިސްޓަރުކަން ކުރައްވާފައިވާ އަކްރަމް ކަމާލުއްދީނެވެ. އަދި އެދެބޭފުޅުން މަގުމަތީގައި ތިއްބަވާ މަންޒަރު ފެންނަ އަދި ފޯނުން ކޮންމެވެސް ފޮޓޯ ނުވަތަ ވީޑިއޯއެއް ފެންނަ މަންޒަރު ސީސީޓީވީ ފުޓޭޖެއްވެސް ހޯމް މިނިސްޓަރ ވަނީ ޢާއްމު ކުރައްވާފައެވެ. އެވީޑިއޯގައި އަކްރަމް ކަމާލުއްދީން ފޯނު ނަންގަވައި އިބްރާހީމް ވަހީދު އަތަށް ދެއްވުމުން އެފޯނުން ކޮންމެވެސް ފޮޓޯއެއް ނުވަތަ ވީޑިއޯއެއް ނަގަވާފައި އަނބުރާ ދައްވާ މަންޒަރު ފެނެއެވެ.

ހޯމް މިނިސްޓަރ ޢަލީ އިޙްސާން އެމައްސަލަ ރަސްމީ އިދާރާތަކަށް ހުށައަޅުއްވައިގެން ބެއްލެވުމުގެ ބަދަލުގައި ސޯޝަލް މީޑިއާއަށް ގެންނެވި އިރު، ޤާނޫނުގައި ބުނާގޮތުން، ޢާއްމުތަނެއްގައި ހުރި އެއްވެސް މީހަކު، އެމީހެއްގެ ޢަމަލުތަކުގެ ސަބަބުން އެހެން މީހަކަށް ގޯނާވާނެކަން، ނުވަތަ އުނދަގޫވާނެކަން ނުވަތަ ބިރުހީވާނެކަން އެނގިހުރެމ ޢާއްމުތަނެއްގައި ކަނޑައެޅިގެން ވަކިމީހެއްގެ ފަހަތުން ދިޔުން އަދި ޖާއިޒު މަޤުޞަދެއް ޙާޞިލްނުވާނެ ޢަމަލަކުން ނުރައްކާތެރި، ނުވަތަ މާއްދީގޮތުން ހުތުރު، ނުވަތަ މީހުން ބިރުގަންނަ ފަދަ ޙާލަތެއް އުފެއްދުމަކީ ޖުނަޙްގެ 3 ވަނަ ދަރަޖައިގެ ކުށެކެވެ. އެހެން ނަމަވެސް މިކަމުގައި ޤާނޫނީ ފިޔަވަޅެއް އެޅުއްވުމުގެ ބަދަލުގައި ހޯމް މިނިސްޓަރ ޢަލީ އިޙްސާންވެސް މައްސަލަ ގެންނެވީ ސޯޝަލްމީޑިއާއަށެވެ.

ހޯމް މިނިސްޓަރ ޢަލީ އިޙްސާންގެ އަނބިކަނބަލުންނާއި، ކުޑަދަރިފުޅުގެ ވީޑިއޯކޮށް ސޯޝަލްމީޑިއާގައި އާއްމުކުރީ، އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕަރސަން އިބްރާހީމް ވަހީދާއި، އެމްޑީޕީ ސަރުކާރުގައި ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ކަމުގައި ވިދާޅުވެ މިނިސްޓަރ އިޙްސާން ސޯޝަލްމީޑިއާގައި ހިއްސާކުރެއްވި ސީސީޓީވީ ފުޓޭޖާއި ގުޅިގެން، އެމްޑީޕީގެ ޗެއާޕަރސަން ފައްޔާޒް އިސްމާޢީލް ވަނީ، ފުލުހުންގެ ސީސީޓީވީ ކެމެރާތައް ފަދަ ދައުލަތުގެ ވަސީލަތްތައް އަމިއްލަ ބޭނުމަށާއި އަމިއްލަ މަންފާއަށް މިނިސްޓަރ ބޭނުން ކުރައްވާ ކަމުގެ ތުހުމަތު ކުރައްވާފައެވެ.

ފައްޔާޒަށް ރައްދު ދެއްވައި މިނިސްޓަރ ޢަލީ އިޙްސާން ވިދާޅުވެފައި ވަނީ އެ ސީސީޓީވީ ފުޓޭޖަކީ، މިނިސްޓަރުގެ އާއިލީ ގެކޮޅުގެ ސީސީޓީވީ ކެމެރާގެ ފުޓޭޖެއް ކަމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް