ގެއްލުނު މީހުން ހޯދަން ކަނޑާއި ވައިގެ މަގުން ބޮޑު ސަރަހައްދެއް ބަލައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
އޭރިއަލް ސަރޗުގެ ތެރެއިން އެމްއެންޑީއެފުން ނަގާފައިވާ ފޮޓޯއެއް -- ފޮޓޯ އެމްއެންޑީއެފް
މިދިޔަ ބުދަ ދުވަހުގެ ރޭ ތ. މަޑިފުށީ ފްރެންޑް 4 ދޯނި އަޑިޔަށް ދިޔަ ހާދިސާގައި، ގެއްލުނު 3 މީހުން ހޯދުމަށް ކަނޑާއި ވައިގެ މަގުން ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމުގައި އެމްއެންޑީއެފުން ހާމަކުރައްވައިފިއެވެ.
މިހާދިސާގައި ގެއްލިފައިވާ މީހުންގެ ތެރޭގައި، ސަލާމަތީ ޚިދުމަތްތަކުގެ 2 އޮފިސަރަކު ހިމެނެއެވެ. އެއީ، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ސްޓާފް ސާޖަންޓް އިބްރާހީމް އަޙްމަދު (39 އަހަރު) އާއި ޕޮލިސް ސާޖަންޓް ޢަލީ ނާފިޢު (33 އަހަރު)އެވެ. މީގެ އިތުރުން އެ ދޯނީގެ ކެޕްޓަން ތ. މަޑިފުށި، ދޮންވެލި، މުޙައްމަދު ޙަމްދޫން (35 އަހަރު)ވެސް ވަނީ އެހާދިސާގައި ގެއްލިފައެވެ.
އެމްއެންޑީއެފުން ވިދާޅުވީ، މީހުން ހޯދުމަށް ޓަކައި އެމްއެންޑީއެފާއި ފުލުހުން ގުޅިގެން ހިންގާ މި އޮޕަރޭޝަނުގައި ކަނޑާއި ވައިގެ މަގުން ބޮޑު ސަރަހައްދެއް ވަނީ ބަލާފައިވާ ކަމަށެވެ.
އެ ގޮތުން އޮގަސްޓް 6ވަނަ ދުވަހު މޯލްޑިވިއަންގެ މަތިންދާބޯޓާއި އެމްއެންޑީއެފް އެއަރ ކޯރގެ ޔޫއޭވީ ޑްރޯން ބޭނުންކޮށްގެން ވައިގެ މަގުން 881 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ވަނީ ބަލާފައި ވާކަމުގައިވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.
އެމްއެންޑީއެފުން ވިދާޅުވީ، އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް އިމާދުއްދީނާއި، ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓްތަކާއި ސީއެމްބިއުލޭންސް “SA038, SA037”ގެ އިތުރުން ފުލުހުންގެ ލޯންޗު ބޭނުންކޮށްގެން ކަނޑުމަގުން 310.10 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައި ވާކަމަށެވެ.
މިހާތަނަށް ކުރެވުނު މަސައްކަތުން އެ 3 މީހުން ފެނިފައި ނުވާކަމުގައިވެސް އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް