ޑީއެމްއެމް އެކްސްޕްރެސް 5 ގެ ފަޅުވެރިންގެ ހާލު ދެރަވީ ވިހަ ދުމުގެ ސަބަބުން
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ފުލުހުންގެ އިދާރާ --
މާލޭ އުތުރު ބަނދަރުގައި އޮތް، ޑީއެމްއެމް އެކްސްޕްރެސް 5 ނަމަކަށް ކިޔާ ބޯޓުގެ ފަޅުވެރިންގެ ހާލު ދެރަވީ، އެމީހުން ނިދާފައި ތިބި ތަނުގެ ތެރޭގައި ވިހަދުން ފެތުރިގެން ކަމުގައި ފުުލުހުންގެ އިދާރާއިން ވިދާޅުވެއްޖެއެވެ.'މިހާދިސާ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ، މިއަދު ހެނދުނު 06:35 އެހައިކަންހާއިރުގައި ކަމަށް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.
ފުލުހުން ގެ އިދާރާއިން ވިދާޅުވީ، މި ހާދިސާގައި ހާލުދެރަވި މީހުންގެ ހާލަތު ރަނގަޅުވަމުން އަންނަ ކަމަށް ހޮސްޕިޓަލުން ވަނީ މައުލޫމާތު ދީފައިކަމަށެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވީ، މިހާތަނަށް ތަހުގީގަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، މި ހާދިސާ ހިނގަން މެދުވެރިވި ކަމަށް ބެލެވެނީ ބަންދުކޮށްފައިވާ ތަނެއްގައި ޖެނެރޭޓަރެއް ހިންގާފައި ހުއްޓާ، އޭގެއިން ބޭރުވި ދުމުގެ އަސަރު އެތަނުގައި ނިދާފައި ތިބި 5 މީހުންނަށް ކުރުމުގެ ސަބަބުން ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ބިދޭސީ 4 މީހުންނާއި ދިވެއްސެކެވެ.
މިފަދަ ހިތާމަވެރި ހާދިސާތަކުން ރައްކާތެރިވުމަށްޓަކައި، ނިދުމަށް ނުވަތަ އަރާމުކުރުމަށް ބޭނުންކުރާ ބަންދު ތަންތަނުގައި ޖެނެރޭޓަރު ފަދަ ވިހަ ގޭސް ބޭރުވާ ތަކެތި ބޭނުންނުކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުންގެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ. ޖެނެރާޓަރުން ބޭރުވާ ދުމުގެ އަސަރު ކުރުމުން ހެއަށް ގޮތްވެ، ފުރާނައަށް ނުރައްކާވާ ހާލަތަކަށް ކަންކަން ދިއުމަކީ އެކަށީގެންވާ ކަމެއް ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވެފައި ވެއެވެ.
އެހެންކަމުން، ބޯޓުފަހަރުގައި ނިދުމަށް ބޭނުންކުރާ ތަންތަނުގައި ވައި ދައުރުވާނެ ރަނގަޅު ނިޒާމެއް ހުރިކަން ކަށަވަރުކުރުމަށާއި، އެފަދަ ތަންތަނަށް ދުމުގެ އަސަރުކުރާގޮތަށް ޖެނެރޭޓަރުފަދަ ތަކެތި ބޭނުން ނުކުރުމަށް އިލްތިމާސް ކުރާ ކަމުގައިވެސް ފުލުުހުންގެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް