ރައީސް އެދިވަޑައިގެންނެވި ތާރީޚުގައި ޚިޔާލު ހޯދުމުގެ ވޯޓު ނަގަން އީސީން ނިންމައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
އިންތިޚާބެއްގެ ތެރެއިން -- ފައިލް: ފޮޓޯ
ރައީސުލްޖުމްހޫރިއްޔާ ޑރ، މުހައްމަދު މުޢިއްޒު އެދިވަޑައިގެންފައިވާ ގޮތަށް އާއްމު ޚިޔާލު ހޯދުމުގެ ވޯޓު ކައުންސިލް އިންތިޚާބު އޮންނަ ދުވަހުގައި ކުރިޔަށް ގެންދިޔުމަށް ނިންމައި އިލެކްޝަންސް ކޮމިޝަނުން މިރޭ އެކަން އިޢުލާނުކޮށްފިއެވެ.
ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގައި، ވޯޓުދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓަރީ އަދި ވޯޓުލާ މަރުކަޒުގެ ގޮތުގައި ބޭނުންކުރާނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓަރީއާއި ވޯޓުލާ މަރުކަޒުތައް ކަމުގައިވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ. ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގެ ވޯޓު ގުނަން ފަށާނީ ހަމަ އެދުވަހު ވޯޓު ނަގާ ނިމޭތާ 30 (ތިރީސް) މިނެޓުގެ ހުސްވަގުތުކޮޅަކަށް ފަހުގައި ކަމަށާއި، ވޯޓު ނެގުން އޮންނަ ދުވަހު، އިންސާނީ ބާރު ނުހިނގާ ފަދަ ޤުދުރަތީ ހާދިސާއެއް މެދުވެރިވުމުން ފިޔަވައި، ވޯޓު ނަގަން އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅައިފައިވާ ގަޑިއަށް ބަދަލެއް ނުގެނެވޭނެ ކަމަށެވެ. އަދި މި ވޯޓުގެ ރަސްމީ ނަތީޖާ އިޢުލާން ކުރުމަށް ހަމަޖެހިފައިވަނީ 2026 އެޕްރީލް 11 ވާ ހޮނިހިރު ދުވަހުގައި ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.
މި ވޯޓުނެގުމުގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނަކަށް ނުވަތަ ރަށަކަށް ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމުގެ ފުރުޞަތު 2026 ފެބުރުވަރީ 18 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 އިން ފެށިގެން 2026 ފެބުރުވަރީ 22 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 3:00 ގެ ނިޔަލަށް ކުރިއަށްގެންދިއުމަށް ވެސް ވަނީ ނިންމާފައެވެ. އެގޮތުން ވޯޓުލާން ރަޖިސްޓަރީކުރެވިފައިވާ ތަން ޗެކްކޮށް، މި މުއްދަތުގެ ތެރޭގައި ރަޖިސްޓަރީވެފައިވާ ރަށް ނޫން ރަށަކަށް ވޯޓުލާން ބޭނުންވާ ފަރާތްތަކުން ވޯޓުލުމަށް ރަޖިސްޓަރީ ކުރުމަށް ސަމާލުކަން ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. ރީ-ރަޖިސްޓަރީވުމަށް އެދި ހުށަހަޅާނީ މި ކޮމިޝަނުގެ، 'ރީ-ރަޖިސްޓްރޭޝަން ޕޯޓަލް' form.elections.gov.mv ނުވަތަ 'މައި ޕޯޓަލް' my.elections.gov.mv މެދުވެރިކޮށް އޮންލައިން ކޮށެވެ. އަދި މިހާރު ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަނުގެ މަޢުލޫމާތު ޗެކްކުކުރުމަށް ބޭނުންވާ ފަރާތްތަކުން VR (Space) NID ޖެއްސެވުމަށް ފަހު 1414 އެސް.އެމް.އެސް ފޮނުވުމުން ޗެކްކުރެވޭނެއެވެ.
ރައްޔިތުންގެ ޚިޔާލު ހޯދުމަށް އެދި ހުށަހަޅާ ސުވާލު
ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވުމަށާއި، ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށް ޓަކައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައިފައިވާ "ޤާނޫނުއަސާސީއަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލު" ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވުމަށް ފެނޭ ހެއްޔެވެ؟
ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެކުގައި ބޭއްވުމަށް ނިންމައި، ޤާނޫނު އަސާސީއަށް އިސްލާޙް ގެނައުމުގެ 8 ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައި ވަނީ، 2026 ފެބުރުވަރީ މަހުގެ 10 ވަނަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2026 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 2 ވަނަ ޖަލްސާގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް