Post banner
ވާހަކަ

ދިގު ވާހަކަ: ހިތާމައިގެ ރާނީ (5)

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ދިގު ވާހަކަ: ހިތާމައިގެ ރާނީ (5)

"މަސްތުރަ ނުވެ މިމަންޖެ ތަންމައްޗަކުން ނުނެގޭނެ. މީހަކު ފެނޭތޯ މަގަށް ނުކުމެ ބަލަ." ފާތުމައަށް އިރުޝާދު ދިނީ ބޭކެނބިދައިތައެވެ.

އާނ އެކޭ ބުނެފައި ފާތުމަ ބޭރަށް ނުކުތެވެ. ތަރުތީބު ގެއްލިފައިވާ ގޭތެރޭގައި އެކައްޗެއްގެ މަތިން އަނެކައްޗެއްގެ މަތިން އޭނާއަށް މަގަށް ނުކުމެވުނީވެސް އިރުގަނޑަކުންނެވެ. އަނދިރިވަމުންދިޔަ ވަގުތުކަމުން މުޅި ރަށުތެރެވެސް އޮތީ އަނދިރިވެފައެވެ. މަގުގެ ތަންކޮޅަކަށް ނުކުމެފައި ފާތުމާ އަޑުގެ ކޮޅަށް ހަޅޭލައިގަތެވެ.

" މީހެކޭ! މީހެކޭ!"

ފާތުމަގެ އަޑަށް އުތުރުކޮޅުން ދެކުނަށް އައި ފިރިހެނުންތަކެއް އެ މަގަށް ލަނބާލައިފިއެވެ. އެމީހުންގެ އަތުގައި ބިގަރެއް އޮތެވެ. އެއީ ކޮން ބައެއްކަން ފާތުމައަށް އެނގުނީވެސް ދާދިގާތަށް އެމީހުން އައީމައެވެ. އޭގެ ތެރޭގައި އެކަކަށް ހުރީ ކަތީބުބެއެވެ. ދެން ހުރީ، މުދިންބޭ ގޯތި އާދަނާއި އެހެންވެސް ދެތިން މީހެކެވެ.

"މީހަކަށް އަނިޔާއެއް ވީތަ؟" ފާތުމައާ ހަމަކޮށްފައި ފުރަތަމަ ސުވާލު ކުރީ ކަތީބުބެއެވެ.

" ރޯޅި އެރި ވަގުތު މޫސަ އަންހެނުން ކަތްދަ ވިހައިފި. އެގެއަކު ފުރާޅެއް ނެތް. އޭނާ އެހެން ގެއަކަށް ގެންދެވޭތޯ ކަތީބުބޭ ބަލާ ދިބަލަ." ފާތުމަ ބުންޏެވެ.

" ރޯޅި އެރިވަގުތު ރޯޅިއާ އެކު ކޮންމެވެސް މީހަކު ދެކުނު ތުނޑިއާ ދިމާއަށް ގެންދިޔަ ވާހަކަ ބުނީމާ، އެދިމާއަށް މިދަނީ. އެކަމަކު ފުރަތަމަ ކުރަންވީ ތިޔަކަންތާ؟" ކަތީބުބޭ ބުންޏެވެ.

ކަތީބުބޭ އާދަނަށް އެންގީ ކައިރީގައި ހުރި ގެއަކުން ފަތްޖެހި އެނދެއް ނެރެގެން ކަތްދަ މެންގެ ގެއާ ދިމާއަށް އަވަހަށް އައުމަށެވެ. ދެންތިބި މީހުންނަށް އެންގީ ދެކުނު ތުނޑިއާ ދިމާއަށް ގޮސް ރޯޅިއާ ގެންދިޔަ މީހާ ފެނޭތޯ ބެލުމަށެވެ.

*********

ގާތަށް މަތީގައި އޮތް މޫސައަށް ނޭވާވެސް ލެވެނީ ވަރަށް އުނދަގުލުންނެވެ. ދިޔަވަރު ހިކި ފަޅުތެރޭގައި ފެންތިއްކެއްވެސް ނެތެވެ. އެހެންވެ ގޮނޑުދޮށުގެ ވެލިގަނޑާއި ހަމައަށް ފެންނަން އޮތީ ހުސް ގާތަކެވެ.

މޫސަ ވަރަށް އުނދަގުލުން ތެދުވެވޭތޯ ބެލިއެވެ. ގާތަކުގެ ތެރޭގައި ވެއްޓެމުން ފިރުކެމުން އޭނާ ބެލީ އެއްގަމަށް އެރެވޭތޯއެވެ. ގައިގައި އަޅާވޭނުން ޒަޚަމްވީ ކޮންތަނެއް ކަމެއް ޒަޚަމް ނުވަނީ ކޮންތަނެއް ކަމެއް އޭނާއަކަށް ނޭނގެއެވެ. އޭނާގެ ސިކުނޑި ރަނގަޅަކަށް މަސައްކަތެއް ނުކުރެއެވެ. ކޮޅަށް ތެދުވާހައި ހިއްވަރެއް ނެތެވެ. ރޯޅީގެ ހޮޅީގެ ތެރޭގައި ކުނިކޮޅެއްހެން އޭނާ އަނބުރަމުން އަނބުރަމުން ގެނެސް މިތަނަށް ވައްޓާލި އިރު ފުރާނަ ހުރިކަންވެސް އެއީ ނަސީބެކެވެ.

އަތްފައިން ލޭކޮށި މުޅި މީހާ ޒަޚަމްވެފައިވާ ހާލުގައި، ގާތަކުގެ ތެރޭގައި ލޫދެމުން މޫސައަށް ތުނޑީގެ ވެލިގަނޑުމައްޗަށް އެރުނީ ވަރަށް ހިއްވަރުންނެވެ. ތެދުވާނެހައި ވަރެއް ނެތުމުން އެންމެ ފަހުން ފަސްގަނޑުމަތީގައި އޭނާ އުޑުތިލަމައްޗަށް ޖެހުނެވެ.

އަނދިރިވަމުން ދިޔަ އުޑުގައި ތަރިތައް ވިދާ ބަބުޅައެވެ. ވައިރޯޅިއެއް ނެތި ދުނިޔެ ހިމޭން ވެއްޖެއެވެ. މީގެ ހިނދުކޮޅެއް ކުރިން އަރައިގެން ދިޔަ ނަގޫރޯޅީގެ ލިޝާނެއްވެސް މިހާރަކު ނެތެވެ. ހޭޅިފަށުގެ ގަސްތަކުގެ ތެރެއިން ފަނިތައް ގޮވާއަޑާއި، ހިކިފައިވާ ފަރުމަތީގެ ގާތައް މައްޗަށް ރާޅު މުގުރާ އަޑު ނޫން އަޑެއް ނުއިވެއެވެ.

ހަށިގަނޑުގައި އަޅަމުންދިޔަ ވޭނާއެކުވެސް މޫސަގެ ދެތުންފަތުގެ ދެމެދުން ނުކުތީ ކަލާނގެ ހަޟުރަތަށް ދެންނެވޭ އިލްތިޖާއެވެ. ފަރިޔާދެވެ.

"ޔާ ﷲ. މިއަޅާގެ ދަރިފުޅު ދުނިޔެއަށް އުފަން ނުވަނީސް ޔަތީމަކު ކަމުގައި ލައްވަނީތޯއެވެ؟" ދިރިހުރުމުގެ އުއްމީދު ގެއްލިފައިވާ މޫސަގެ ދުލުން ނުކުތީ އެ ފަރިޔާދެވެ. މެރެމުން ދިޔަ ދެލޮލުގެ ފުސްވަމުން ދިޔަ ނަޒަރުގެ ތެރެއިން މާދުރުން ގޮނޑުދޮށުން މޫސައަށް އަލިކަމެއް ފެނުނެވެ. އެކަމަކު އޭރު މޫސަ ދިޔައީ އެ ގޮނޑުދޮށުގައި އެހިމޭންކަމުގައި އެކަނިވެރިކަމާއި އެކު އޮވެ އޭނާގެ ޙަޔާތުގެ ފަހު ނޭވާތައް ގުނަމުންނެވެ.

ބޯ އަރިކޮށްލައިގެން މޫސަ އެއަލިކަން ފެންނަ ދިމާއަށް ބަލަން އޮތެވެ. އެއީ ކޮން އައްޔެއް ކަމެއް ނޭނގުނަސް އެއަލި އަންނަނީ އޭނާ އާއި ދިމާއަށްކަން އެނގުނެވެ. އެކަމަކު އެއަލިކަން ގާތްވަމުން އައި ވަރަކަށް މޫސަގެ ހަށިގަނޑުން ހަކަތަ ދިޔައީ ހުސްވަމުންނެވެ. ދެލޯ ދިޔައީ މެރެމުންނެވެ. މާދުރުން ބޫންވެފައިވާ އަޑެއްގެ ގޮތުގައި އެމީހުންގެ އަޑު މޫސައަށް އިވެމުން ދިޔައެވެ. މަރުގެ ސަކަރާތުގައި މޫސަގެ އެއްފައި އަނެއްފައި މައްޗަށް އޮޅާލެވި، ވައިނޮޅީގެ ތެރެއިން ފުރާނަ ނިކުމެގެން ދިޔައިރު، އެބަޔަކަށް އަދި މޫސައެއް ނުފެނެއެވެ.

**********

ބޭ ކެނބިދައިތަ ހާސްވެ ކަންބޮޑުވެގެން ތެޅި ފޮޅެމުން ދިޔައީ ކުއްޖާ ނޭވާ ނުލައިގެންނެވެ. ވިހޭ ވަގުތި ރޮއެގަތަށް އޭގެފަހުން ކުއްޖާ އޮތީ ހުއްޓިފައެވެ. ހަރަކާތެއް ނެތިފައެވެ. އެކަމަކު އެތުއްތު ހަށިގަނޑުގައި ވިންދު ހުއްޓެވެ. ދިރުމުގެ ނިޝާންތައް ފެންނަން ހުއްޓެވެ.

ކުއްޖާގެ އަނގައިންނާއި ނޭފަތުން ދަވަހުސްކޮށް ބުރަކަށީގައި ޖަހާލައި ތަޅުވައިގަތީމާވެސް ނޭވައެއް ނުލިއެވެ. ބޭނކެނބިދައިތަ ހާސްވެ ކަންބޮޑުވީ އެހެންވެއެވެ. ގޭތެރޭގައި އެހެން މީހަކު ނެތެވެ. މީހަކު ފެނޭތޯ ބޭރަށް ދިޔަ ފާތުމަގެ ޚަބަރެއް ނެތެވެ.

"ފާތުމާ" ގޭތެރޭގައި ހުރެ އަޑުގެ ކޮޅަށް ބޭކެނބިދައިތަ ގޮވާލިއެވެ. އެއަޑު ޖައްވުގެ ތެރެއަށް ފޭދިގެން ދިޔައީ ވޭނާއި ރިހުން އެކުލެވިފައިވާ އަޑެއްގެ ގޮތުގައެވެ. އެއްވެސް މީހެއްގެ ޖަވާބެއް ނައެވެ. އެއަޑު ފޯރާފަށުގައި މީހަކު ނެތީއެވެ.

ހަލުވި ފިޔަވަޅުގައި، ފާތުމަ އާއި ކަތީބުބޭ އަދި އެހެން ދެފިރިހެނަކު ކަތްދަގެ ގެއަށް އައި އިރު، ބޭކެނބިދައިތަ ހަމަ ގޮތް ހުސްވެގެން ތެޅެނީއެވެ.

"މިކުއްޖާ ނޭވައެއް ނުލައޭ!" ކަތީބުބޭ ފެނުމާއި އެކު ބޭކެނބިދައިތައް ބުނެވުނީ އެހެންނެވެ. ފާތުމަގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އެނދުމަތީގައި ކުކުރަ ކުކުރާ އޮތް ކަތްދަވެސް އަޑުން އަޑުނަގައި ރޮއެގަތެވެ.

ކަތީބުބޭ އަތް ދިއްކޮށްލީ ކުއްޖާ އޭނާގެ އަތަށް ދޭށޭ ބުނުމުގެ ގޮތުންނެވެ. ބޭކެނބިދައިތަ އަވަސް އަވަހަށް ފޮތިގަނޑާއެކު ކުއްޖާ ކަތީބުބޭގެ އަތަށް ދިނެވެ.

ކުއްޖާ އުރާލާފައި، ކަތީބުބޭ ބަންގިދޭންފެށިއެވެ. ބަންގީގެ ދެވަނަ ކަލިމައާއެކު ކުއްޖާއަށް ހަރަކާތް އައިސް އަނެއްކާވެސް ރޮއެގެންފިއެވެ. ހީވީ އެތުއްތު ހަށިގަނޑުގައި އަލުން ފުރާނަ އެޅުނީ ހެންނެވެ.

"މަސްތުރަ ވެއްޖެ" އެތެރެ ގޭތެރެއިން ބޭކެނބިދައިތަ ގޮވާލިއެވެ.

އެއަޑު އަހާފައި ފާތުމަވެސް މޭމަތީގައި އަތް އަޅާފައި ފުންނޭވާއެއް ލިއެވެ. ކަތްދަގެ ޙަޔާތުގެ އެންމެ ގަދަކޮޅިގަނޑު ނިމުނީއެވެ. ވިހޭގޭތެރޭގެ ބިރުވެރިކަން ފިލީއެވެ.
(ނުނިމޭ)

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް