ވާހަކަ

ދިގު ވާހަކަ: ހިތާމައިގެ ރާނީ (7)

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ދިގު ވާހަކަ: ހިތާމައިގެ ރާނީ (7)

ދެވަނަ ބާބު

އުޑުމަތި ސާފު ރީތި ދުވަހެއްގެ ހެނދުނެވެ. އުތުރު ފަރާތުން މަޑުމަޑުން ރޯޅިވެލައެވެ. ވައިރޯޅިއާއެކު ރާރުއްތަކުގެ ފަންތައް ހެލިލާ ހެލިލުމާއެކު، އެރުއްތަކުގެ ފަންތަކުގައި އެލުވާފައިވާ ބިއްލޫރި ފުޅިތައް އެކަތި އަނެކައްޗާއި ޖެހޭ އަޑުން މާހައުލުގައި އުފައްދާފައި ވަނީ މިޔުޒިކެއްގެ އަޑެވެ. އެ އުފާވެރި މާހައުލަށް އިތުރު ފުރިހަމަކަމެއް ގެނެސްދެނީ ގޮނޑުދޮށުގައި ކުޅެން އުޅޭ ފައިނދޭ ފުރާގެ ތުއްތު ކުދީންތަކެވެ. އެއްކުއްޖަކު އަނެއްކުއްޖަކަށް އަތުނުވާން ދުވާ ދުވުމާއި ގޮނޑުދޮށުގައި ފުމެ ކުޅެ އުޅޭ ގޮތުން އެމަންޒަރުން ފެނުނު ކޮންމެ މީހަކަށްވެސް އުފާވެރިކަން ލިބޭނެއެވެ.

އެކުދިންތަކުގެ ތެރޭގައި ހުރި ކުޑަކުއްޖަކީ އާޝިޔާއެވެ. މާޖެހި ހެދުންބުރިއަކާއި ކަޅުފޮށައެއް އަނދެގެން ހުރި އާޝިޔާވެސް އޭނާގެ ޅަކަމާއި އެކުވެސް ކުދިންނާއި އެކު ދުވަނީއެވެ. އުމުރުން އެންމެ ތިން އަހަރުގެ އާޝިޔާވެސް ގޮނޑުދޮށުގައި އުޅެނީ އޭނާގެ މާމައާއި އެކުގައި އައިހެވެ. ގޮނޑުދޮށުގައި ތެލިތައް ދޮންނަން ތިބި އަންހެނުން ތަކުގެ ތެރޭގައި، އާޝިޔާގެ މާމަ ބީފާނުވެސް ހުއްޓެވެ. މުސްކުޅިވެ އަބަހައްދަވީފަހުންވެސް އޭނާއަށް ގޭތެރޭގެ މަސައްކަތްތަކުން އަވައްޖެއް ވާވަރެއް ނުވިއެވެ. ލިބުނު ހަމައެކަނި ދަރިފުޅު ކަތްދަވެސް އޭނާގެ އަލަތު ދަރިފުޅު ވިހާފައި މަރުވުމުން، މުސްކުޅި އުމުރުގައި އެތުއްތު ކުއްޖާވެސް ބަލައި ބޮޑު ކުރަން ޖެހުނީ ބީފާނަށެވެ. ވީމާ، އޭނާގެ ބުރަ އެތައް ގުނައެއް އިތުރުވީއެވެ.

ކަތްދަ މަރުވުމަށްފަހު، އޭގެ ފަހުންވެސް ލިބުނީ ހިތާމައަކަށް ފަހު ހިތާމައެކެވެ. އާޝިޔާގެ ބައްޕަގެ މުދަލާއި، ގެދޮރާއި އެނޫންވެސް ތަކެތީގެ މައްޗަށް ވެރިވެގަތީ ބަފައިފުށުގެ ބޮޑުބޭބެ އާދަނެވެ. މިއަދު ބީފާނުގެ ފިރިމީހާވެސް އޮތީ މުސްކުޅިވެ ބަލިތަންމަތީގައެވެ. ގޭތެރޭގެ ޚަރަދު ބަރަދާއި އާޝިޔާގެ ކަންކަން ކިރިޔާވެސް ހަމަޖެހެނީ، ރަޙްމާނުގެ ޕެންޝަނަށް ލިބޭ 500ރ އާއި، ގާތްތިމާގެ މީހުން އެކި އެކި އެހީވާތީއެވެ.

ބީފާނަކީ މިއަދު މުސްކުޅިއެކެވެ. ބުރަކަށީގައި އޮތް ގުދާއިއެކު އޭނާއަށް އުޑު ފެންނަނީ ތަނެއްގައި ހިފަހައްޓާލައިގެން ހަށިގަނޑު ސީދާ ކޮށްލެވުނިއްޔާއެވެ. އެހާވެސް ބޮޑަށް ބީފާނު މުސްކުޅިވެއްޖެއެވެ.

"މާމާ!" އާޝިޔާ ބީފާނަށް ގޮވަމުން އެހެން ކުދިންނާއި ވަކިވެގެން ރާޅުޖަހާފަށަށް އައީ އެކުދިން ތިބިތަނަށް ނުދަންނަ ބީރައްޓެއްސެއް އައީމައެވެ. އެހެން ކުދިންވެސް އެކުދިންގެ މަންމައިގެން ގާތަށް ދުވެފައި ދިޔައީ، ނުދަންނަ ބީރައްޓެހި ބަޔަކު އެކުދިން ތިބިތަނަށް އައީމައެވެ.

ތެލިތަށް ކިހިލިޖަހާލައިގެން ބީފާނު އެއްގަމަށް ހިނގައިގަތް އިރު އާޝިޔާހުރީ ބީފާނުގެ ލިބާހުގެ ފަސްބައިގައި ހިފަހައްޓައި އަތަށް އޮޅާލައިގެންނެވެ. މާމަ ހިނގާ ވަރަކަށް އޭނާވެސް ކުރިޔަށް ހިނގަމުން ދިޔައީ ހޭޅިފަށުގައި ތިބި ބީރައްޓެހި އަންހެނަކާއި ފިރިހެނަކަށް ބަލަމުންނެވެ. އެމީހުން ބީފާނާއި ދިމާއަށް އަންނަތަން ފެނުނީމާ އާޝިޔާ ބީފާނުގެ ފުރަގަހަށް ވަދެ ފިލައިފިއެވެ.

"އައްދޭ! ހާދަ ލަދުރަކި ކުއްޖެއް." ބީފާނުގެ ގާތަށް ހުއްޓެމުން އެހެން ބުނީ އެދެމީހުންގެ ތެރެއިން އަންހެން މީހާއެވެ.

"ތިޔައީ ކޮންކުއްޖެއް." ބީފާނު ސުވާލު ކުރީ އަންހެން މީހާއާ އެވެ.

"ދައިތައަކަށް ނޭނގޭތަ؟ މީ ނައިބުގޭ އާތިފާ." އަންހެން މީހާ އަމިއްލައަށް ތަޢާރަފްވިއެވެ.

"އެހެންތަ؟ ކިހިނެއް އެނގޭނީ. ތިޔަކުދިން ނުހަނު ޅަފުރާގައި މާލެ ފައިބައިފި ވިއްޔާ!" ބީފާނު ކުޑަކޮށް ހިންދަމާލައި އާތިފާގެ މޫނަށް ބަލާލާފައި ބުންޏެވެ.

"އަނ! މިއޮތީ ހަދިޔާއެއް. ހިފާ" އާތިފާ ގާތުގައި ހުރި އޭނާގެ ފިރިމީހާ އިމާދު އާޝިޔާއަށް ދިއްކޮށްލީ އޮޅާލާފައި އޮތް ފައްސަތޭކަ ރުފިޔާގެ ނޫޓެކެވެ. އެކަމަކު އެޔަކު އާޝިޔާ އަތެއް ނުލިއެވެ. ބީރަށްޓެހިކަމާއިއެކު އިމާދުގެ މޫނަށް ބަލާލާފައި މާމަގެ ފަސްބައިގައި ފޮރުވިގަތީއެވެ.

"ނު ހިފާނަންތަ؟ ރޯދަ ހަދިޔާއެއް މީ." ވަރަށް ލޯބިން އާތިފާ ބުންޏެވެ.

ލަދުރަކި ކަމާއި އެކު އަނެއްކާވެސް އާޝިޔާ މާމަގެ ލިބާހުގެ ފަސްބައިގެ ތެރޭގައި އަނެއްކާވެސް ފޮރުވިގަތީއެވެ. ދެން އިމާދު އެ ފައްސަތޭކަ ރުފިޔާ ދިއްކޮށްލީ، ބީފާނަށެވެ. ޝުކުރުވެރި ހިނިތުންވުމަކާއި އެކުގައި ބީފާނު އޭގައި ހިފިއެވެ.

"ކޮން ކަމަކާ ރަށަށް ތިޔަ އައީ. ބައްޕަ ނިޔާވި ފަހުން ތިޔައިން ކުއްޖަކު މިރަށަށް އައި ހަނދާނެއް ދައިތައެއް ނެތް." މާދުރު ހަނދާންތަކެއް އާކުރާ ފަދައިން ބީފާނު ބުންޏެވެ.

"އާނ! ދައިތާ. ބައްޕަ ނިޔާވިފަހުން މިހާރު 15 އަހަރު ވެއްޖެ. އޭގެ ފަހުން އަދި ރަށަށް ހަމަ މިއާދެވުނީ." އާތިފާ ބުންޏެވެ.

"ތިޔަކުދިން މާލޭގައި ވަޒަންވެރިވީމާ، އެއޮތް ބޮޑުގެ އެއޮތީ ފަޅުވެ ވީރާނާ ވެފައި. ދައިތަމެންގެ ޅައިރުގާ މިރަށުގައި އެންމެ ކާރުބާރު ބޮޑުގެއަކީ އެއީ." ބީފާނު މާޒީގެ ހަނދާންތައް އައުކުރިއެވެ.

"ދެން އެގޭގައި އުޅޭނެ މީހަކު ނެތީމާ ވާނީ އެހެންތާ! ހަވީރު ދައިތަގެ ގެއަށް ގޮސްލާނަން އިނގޭ!" އާތިފާ ކަމެއް ބޭނުންވާ ކަހަލަ ރާގެއްގައި ބުންޏެވެ.

"އާނ އަންނާތި! މައިން ބަފައިން ނެތް ދުނިޔޭގައި މައިންބަފައިންގެ ރަޙްމަތްތެރިންނާއި ވެސް ގާތްކަން ބާއްވަން ވާނެ. ވަރަށް އުފާކޮށްފިން މިހައި ގިނަ ދުވަސް ފަހުންވެސް ބައްދަލުވީތީ." އިމާދު ދިން ފައްސަތޭކަ ރުފިޔާ ލިބާހުގެ ޖީބަށްލަމުން ބީފާނު ބުންޏެވެ.

އާޝިޔާ އަތުލަވައިގެން ބީފާނު އެއްގަމަށް ހިނގައިގެންފިއެވެ. އެކަމަކު އާތިފާ އާއި އިމާދު އެތަނުގައި ތިބިގޮތަށް ތިބީއެވެ. އެމީހުން ތިބީ ބީފާނާއި އާޝިޔާ އެއްގަމަށް އަރައިގެންދާތަން ބަލާށެވެ.

"ވަރަށް ލޯބި ކުއްޖެއް ދޯ!" އިމާދު ބުންޏެވެ.

"ތިޔަހެން މާބޮޑަށް ނުކިޔާ. އެސްފީނާ ޖެހިދާނެ." އާތިފާ ކަންބޮޑުވިއެވެ.

އާތިފާގެ ނަޒަރުވެސް ހުއްޓިފައި ހުރީ އާޝިޔާ އާއި ދިމާއަށެވެ. އެމައުސޫމު ތުއްތުކުއްޖާގެ ރީތިކަމަށެވެ. އޭނާގެ ލަދުރަކި ކަމަށެވެ. ކަޅުކުލަގަދަ އިސްތަށިގަނޑާއި، ދޮންމޫނު ހަނދާނަށް ގެނެސްދެނީ ކަތްދައެވެ. އެރީތިކަމެވެ. އެހިނިތުން ވުމެވެ.

އާތިފާ މާލޭގައި އުޅެ ބޮޑުވި ނަމަވެސް ދޭތެރެ ދޭތެރެއިން ރަށަށް އާދެވޭ ފަހަރުތަކުގައި ކަތްދަޔާއި ބައްދަލުވިއެވެ. ފެނިދެނިވެ ރައްޓެހިކަމާއި ގާތްކަން އުފެދުނެވެ. އާތިފާއަށް ވުރެ ކަތްދަ ދޮއްޓެވެ. އެހެންކަމުން ޗުއްޓީތަކުގައި ރަށަށް އާދެވުނު ފަހަރުތަކުގައި އާތިފާ ކަތްދަ ދުށީ ދައްތައެއްގެ ގޮތުގައެވެ. އެކަމަކު ކަތްދަ މޫސައާއި އިނީ އާތިފާގެ ބައްޕަ ނިޔާވުމަށް ފަހު، އާތިފާ ރަށަށް ނައިސް ހޭދަވި މުއްދަތުގެ ތެރޭގައެވެ. ކަތްދަ އާއި މޫސަ ނިޔާވި ޚަބަރުވެސް އާތިފާއަށް ލިބުނީ އަހަރަކަށްވުރެ ގިނަ ދުވަސް ވީފަހުންނެވެ.

"އާތިފާއަށް ހީވޭތަ! ދައިތަ އެކުއްޖާ އަހަރެމެންނަށް ދީފާނެހެން." އިމާދުވެސް އެއްގަމަށް އަރައިގެންދާ އެ ދެމާމައިންނަށް ބަލަށް ހުރެފައި ބުންޏެވެ.

"އެ އުންމީދުގައި މިއައީ. އެކަމަކު ކީކޭ ތިޔަށް އަހަރެން ބުނާނީ. ހަމަ މާދުރުން ބަޔަކު އައިސްފައި ދަރިފުޅު ދޭށޭ ބުނާއިރަށް މާމައަށް ވިޔަސް ދޭކަށް ފަސޭހައެއް ނުވާނެތާ؟" އާތިފާ ފުންނޭވާއެއް ލިއެވެ.

"ރަނގަޅަށް އުއްމީދުކުރަން ވާނީ" އިމާދު ބުންޏެވެ.

ބީފާނާއި އާޝިޔާ ލޯމަތިން ގެއްލުމުން، އާތިފާ އާއި އިމާދު އިށީނީ އެތަނުގައި އޮތް ރުއްގުޅިގަނޑެއްގެ މަތީގައެވެ.

އާތިފާ އާއި އިމާދުގެ ކައިވެންޏަށްވެސް މިހާރު 7 އަހަރުވެއްޖެއެވެ. އެދެމަފިރިންނަކަށް ދަރިޔަކު ނުލިބެއެވެ. ދަރިޔަކު ލިބޭތޯ ވަރަށް ބޭސްވެސްކޮށްފިއެވެ. އެކަމަކު އަލިމަގެއް ނުފެނުނެވެ. އުއްމީދެއް ނުލިބުނެވެ. އެހެންވެ އެހެން މީހެއްގެ ދަރިޔަކު ލިބޭތޯ އެދެމަފިރިން މަސައްކަތް ފެށީއެވެ. އެވާހަކަތަކާއި މަސައްކަތްތަކުގައި އެމީހުންގެ އަމާޒަކަށް އާޝިޔާވީ، އާޝިޔާގެ ހާލަތު އެނގުނީމައެވެ. އެތުއްތު ކުއްޖާގެ މުސްކުޅި ކާފަ އާއި މާމަ ފިޔަވައި އެހެން މީހަކު ނެތުނީމައެވެ. އެމީހުން އުޅޭ ދަތި ނިކަމެތި ހާލު އެނގުނީމައެވެ. އެހެންވެ އާތިފާ އާއި އިމާދަށްވެސް އެއްބަސް ވެވުނީ އެމީހުންގެ ދަރިއެއްގެ ގޮތުގައި އާޝިޔާ ގެންދަން މަސައްކަތް ކުރުން މާރަނގަޅުވާނެ ކަމަށެވެ.

(ނުނިމޭ)

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް