ރާއްޖެ

މުސާރައިގެ މައްސަލައިގައި ޖަމާޢަތްތެރިން އިހްތިޖާޖުކޮށްފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

މުސާރައިގެ މައްސަލައިގައި ޖަމާޢަތްތެރިން އިހްތިޖާޖުކޮށްފި

ޕޭ ފްރޭމްވޯކަށް ގެނައި ބަދަލާއި އެކު، ކުރިން މުސާރައިގެ ގޮތުގައި ލިބެމުން އައި މިންވަރު މަދުވެފައިވުމާއި ގުޅިގެން، ހުށައަޅާފައިވާ ކަންބޮޑުވުންތަކަށް ހައްލެއް ނުލިބި ދިގުލައިގެން ދިޔުމުން ޖަމާޢަތްތެރިން އިޙްތިޖާޖުކޮށްފިއެވެ.

ރޭ ރައީސުލްޖުމްހޫރިއްޔާ އާސަހަރާއަށް ޒިޔާރަތް ކުރައްވާފައި ނުކުންނެވި ވަގުތު، ޖަމާޢަތްތެރިންގެ ގޮތުގައި މަސައްކަތް ކުރާ ބައެއް ބޭފުޅުން އާސަހަރާގެ މައިގޭޓު ކައިރީގައި ބޯޑުތައް ހިފައިގެން ތިބެ ވަނީ ހިމޭން އިޙްތިޖާޖެއް ކޮށްފައެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ އެވަގުތު އެތަނުގައި ތިބި ޖަމާޢަތްތެރިންގެ ގާތުގައި މަޑުކުރައްވައި، އެމީހުންގެ ކަންބޮޑުވުންތައް އަޑު އައްސަވާފައެވެ.

ޖަމާޢަތްތެރިންގެ ތެރޭގައި ހިމެނޭ ބޭފުޅަކު މައުލޫމާތު ދެއްވަމުން ވިދާޅުވީ، ޕޭފްރޭމްވޯކަށް ގެނައި ބަދަލާއި އެކު މުސާރަ ކުޑަވި ފަރާތްތަކުގެ މައްސަލަތައް ހައްލު ކުރެއްވުމަށް އަންގަވާފައިވާ ކަމަށެވެ. އަދި އެކަން ހައްލުނުވެ އޮތްކަން އެނގިވަޑައިގެންނެވީވެސް ރޯދަމަހުގައި ކަމަށާއި، އެކަން ހައްލު ކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ކަމުގައިވެސް ޖަމާޢަތްތެރިންގެ ތެރެއިން ބޭފުޅަކު ވިދާޅުވިއެވެ.

ޕޭފްރޭމްވޯކުގެ ދަށުން، އަސާސީ މުސާރަ ބޮޑުވި ނަމަވެސް، ހުރިހާ އެލަވަންސްތަކެއް ކަހަަލަ ގޮތަކަށް ކަނޑާލުމުން މީގެ ކުރިން ގެއަށް ގެންދަން ލިބޭ މުސާރައިން މިހާރު ހަތްހާހެއްހައި ރުފިޔާ އުނިވާ ކަމުގައިވެސް ޖަމާޢަތްތެރިން ވަނީ ބުނެފައެވެ.

"މުސާރައިން ޖުމުލަ އަދަދުން ލިބެމުން އައި މިންވަރަށް ނޫންތޯ ދިރިއުޅުން ހަމަޖެހިފައި ހުންނާނީ. ދެން މުސާރަ ބޮޑު ކުރީއޭ ބުނާއިރު، ގެއަށް ގެންދަން ލިބޭ މުސާރަ މިވީ ކުޑަ" ކަންބޮޑުވުން ހިއްސާކުރި ޖަމާޢަތްތެރިއަކު ބުންޏެވެ.

ޖަމާޢަތްތެރިންނަށް ލިބެމުން އައި އެލަވަންސްތަކުގެ ތެރެއިން އުނިކުރި އެލަވަންސް ތަކުގެ ތެރޭގައި، ރިސްކް އެލަވަންސް، ޝިފްޓް ޑިޔުަޓީ އެލަވަންސް، ހާޒިރީ އެލަވަންސް، ދީނީ ޚިދުމަތުގެ އެލަވަންސް, ބަންދު ދުވަހުގެ އެލަވަންސް, އަދި އިތުރުގަޑިވެސް ހިމެނެއެވެ. މީގެ އިތުރުން ރަމަޟާން މަހުގެ ފަހު ދިހަ ދުވަސް ސަރުކާރު ބަންދުވި ނަމަވެސް ޖަމާޢަތްތެރިންނަށް އެދުވަސްތަކުގައި މަސައްކަތަށް ނުކުންނަން ޖެހޭއިރު އިތުރު އެލަވަންސެއްވެސް ނުލިބޭކަން ޖަމާއަތްތެރިން ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން އިސްލާހްކުރި އޮނިގަނޑުގައި ލިޔެފައި އޮންނަނީ ކިފާޔަތުގެ ފަރުޟެއް އަދާކުރާ ބަޔަކަށް ވާތީ މުސާރައާއި އެކު ހަމަޖައްސާފައިވާ އެލަވަންސް ފިޔަވާ އެހެން އެލަވަންސެއް ނުދޭ ގޮތަށެވެ. ދީނީގޮތުން ކިފާޔަތުގެ އެންމެންގެ މައްޗަށް އޮންނަ އެކަމަކު ވަކި ބަޔަކު އެކަން ކުރުމުން އެންމެންގެ މަތިން އެކަމުގެ ފަރުޟު ކެނޑިގެންދާ ކަމެކެވެ.

"ރައީސް ދެއްވި ޔަޤީންކަމަށް އުންމީދު ކޮށްގެން މިތިބީ ހުރިހާ ޖަމާޢަތްތެރިން. މިއީ ސިޔާސީ ކަމެއް ނޫން. މަރުވެގެން ގެންނަ މައްޔިތާގެ ޕާޓީއާއި ފިކުރަށް ބަލައިގެން ނޫން ޖަމާޢަތްތެރިން މަސައްކަތް ކުރަނީ." ޖަމާޢަތްތެރިއަކު ބުންޏެވެ.

ޖަމާޢަތްތެރިންގެ އިތުރުންވެސް ސިވިލްސަރވިސްގެ އެހެން ދާއިރާތަކުގައި މަސައްކަތް ކުރާ މީހުންނަށްވެސް ޕޭފްރޭމްވަރކްގެ ދަށުން ގެނައި ބަދަލާއި އެކު މުސާރަ ކުޑަވުމުގެ ޝަކުވާ ބޮޑުވެފައި ވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް