ސަސްޓެއިނަބަލް ޓައުންޝިޕްގެ ބިންގާ އަޅައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
"އައިލާ" ސަސްޓެއިނަބަލް ޓައުންޝިޕްގެ ބިންގާ އެޅުން ---- ފޮޓޯ: ރައީސް އޮފީސް
ރާއްޖޭގެ ސްޕެޝަލް އިކޮނޮމިކް ޒޯން، އެސްއީޒެޑްގެ ދަށުން ހިންގާ ފުރަތަމަ ބޮޑު މަޝްރޫއުކަމަށްވާ، 'އައިލާ ސަސްޓެއިނަބަލް ޓައުންޝިޕް' ގެ ބިންގާ އަޅައިފިއެވެ. ނ. އަތޮޅުގައި ތަރައްޤީކުރާ މި މަޝްރޫއުގެ ބިންގާ އަޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުއެވެ.
ނ. އަތޮޅުގެ ދިގުފަރު ފަޅާއި، ދެކުނުފަރު އަދި ކުރަމާދޫ ހިމެނޭ ސަރަހައްދުގައި ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ މި މަޝްރޫއުގެ ހުއްދަ ކްރިސްޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑާ ރަސްމީކޮށް ހަވާލުކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު 11 ގައެވެ.
ސަސްޓެއިނަބަލް ޓައުންޝިޕްގެ މުހިއްމު ބައެއް މައޫލޫމާތު:
• އެތަނަށް ބޭނުންވާ ކަރަންޓުގެ 60 އިންސައްތަ އިޔާދަކުރަނިވި ހަކަތައިން އުފެއްދުން
• ދުނިޔޭގެ ފެންވަރުގެ ސިއްހީ ހިދުމަތްދޭ މަރުކަޒެއް ޤާއިމްކުރުން
• ބައިނަލްއަޤްވާމީ ފެންވަރުގެ ޓޫރިޒަމް ސުކޫލެއް ޤާއިމްކުރުން
• ރާއްޖެއަށް އެތެރެކުރާ ކާބޯތަކެތީގެ ބާވަތްތައް ދެމެހެއްޓެނިވި ގޮތެއްގައި އުފެއްދުމަށްޓަކައި ޒަމާނީ ޓެކްނޮލޮޖީއާއެކު އެކުއަކަލްޗަރ އަދި މެރިކަލްޗަރ ޒޯނެއް ތަރައްޤީކުރުން
• ލަގްޒަރީ ވިލާ އަދި ހައި-އެންޑް ހޯމްސް ހިމެނޭހެން ތަރައްޤީކުރެވޭ ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް
• އަލްޓްރާ ލަގްޒަރީ ޓޫރިސްޓް ރިޒޯޓް، ހޮޓެލް އަދި މެރީނާއެއް ތަރައްޤީކުރުން
ޕްރޮޖެކްޓުގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިކޮމިނިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވީ އައިލާ ފަދަ މަޝްރޫއުތަކުގެ ސަބަބުން ރާއްޖެއަކީ ހަމައެކަނި ޗުއްޓީ ހޭދަކޮށްލަން އަންނަ މަންޒިލެއްގެ ބަދަލުގައި، ދިރިއުޅުމަށާއި އިންވެސްޓް ކުރުމަށް އެންމެ އެކަށީގެންވާ ތަނެއްގެ ގޮތުގައި ދުނިޔެ ބަލައިގަންނާނެ ކަމަށެވެ. އަދި މި މަޝްރޫއުގެ ސަބަބުން ލައިފްސްޓައިލް، ތައުލީމު، ވެލްނަސް އަދި ސިއްހީ ދާއިރާއިން ފަތުރުވެރިންނަށް ލިބޭ ތަޖުރިބާ އިތުރަށް ފުރިހަމަވެގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ޖުމްލަ 790 މިލިއަން އެމެރިކާ ޑޮލަރު (12.2 ބިލިއަން ދިވެހި ރުފިޔާ) ގެ މި މަޝްރޫއަކީ 2028 ވަނަ އަހަރުގެ ނިމުމުގެ ކުރިން ނިންމުމަށް ހަމަޖެހިފައިވާ މަޝްރޫއެކެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް