ކިޔަވާކުދިންގެ މުޒާހަރާތައް ހޫނުވަމުން ދަނިކޮށް އިންޑިއާގެ އެޑިޔުކޭޝަން މިނިސްޓަރު އިސްތިއުފާ ދެއްވައިފިި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
އިންޑިއާގެ އެޑިޔުކޭޝަން މިނިސްޓަރ ދަރްމެންދްރަ ޕްރަދާން ޕްރެޝަރު ބޮޑުވެ އެންމެ ފަހުން މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.
އިސްތިއުފާގެ ސިޓީ ބޮޑުވަޒީރަށް ހުށައެޅުއްވިކަން އޭނާ އެންމެ ފުރަތަމަ ހާމަކުރައްވާފައި ވަނީ، ސޯޝަލް މީޑިއާގައި އާއްމު ކުރެއްވި ބަޔާނެއްގައެވެ.
ޕްރަދާންގެ އިސްތިއުފާއަށް ގޮވާލައި، އިންޑިއާގެ ކިޔަވާކުދިން މުޒާހަރާ ކުރަމުން އަންނަތާ މަހެއް ވީފަހުން، މިމަހުގެ 23 ވަނަ ދުވަހު، ދިއްލީ ފުލުހުން އާދަޔާއި ޚިލާފަށް ބާރުގެ ބޭނުންކޮށް، ޖަންތަރު މަންތަރުގައި ކުރަމުންދިޔަ މުޒާހަރާ ރޫޅާލުމާއި ގުޅިގެން، މުޅި އިންޑިއާއަށް މުޒާހަރާ ފުޅާވެގެންގެސް ބީޖޭޕީ ސަރުކާރަށް ވަރަށް ޕްރެޝަރު ބޮޑުވިއެވެ.
އިންޑިއާގެ އެޑިޔުކޭޝަން މިނިސްޓަރ ދަރްމެންދްރަ ޕްރަދާންގެ އިސްތިއުފާއަށް ގޮވާލައި، އިންޑިއާގެ ކިޔަވާކުދިން މުޒާހަރާތައް ފެށީ، އެޤައުމުގައި ދޭ ނީޓް އިމްތިހާނުގެ ޕޭޕަރުތައް ލީކުވެ، އެކަމުގެ ސަބަބުން ދަރިވަރުންނަށް ކުރިމަތިވި ނުތަނަވަސް ކަމާއި ގުޅިގެންނެވެ. އިމްތިހާނުގެ ޕޭޕަރު ލީކުވުމާއި ގުޅިގެން، އަލުން އިމްތިހާނު ހަދަންޖެހި ލިބުނު ނުތަނަވަސްކަމާއި ޑިޕްރެޝަންގައި އިންޑިއާގެ ކިޔަވާކުދިންގެ ތެރެއިން، 20 ވުރެ ގިނަ ކުދިން މަރުވެސް ވެފައި ވެއެވެ.
ނީޓް އިމްތިހާނަކީ، އެ އިމްތިހާނަށް ތައްޔާރުވުމަށް، ދަރިވަރުންނާއި ބެލެނިވެރިން ވަރަށް ބޮޑު ހޭދައެއް ކުރާ އިމްތިހާނެކެވެ.
ދަރިވަރުންގެ މުޒާހަރާތައް ރާވައި ހިންގުމުގައި ހަރަކާތްތެރިވެފައި ވަނީ، އިންޑިއާގެ ރަސްމީ ސިޔާސީ ޕާޓީތަކުގެ ތެރޭގައި ނުހިމެނޭ، ކޮކްރޯޗް ޖަންތާ ޕާޓީ، ސީޖޭޕީ އިންނެވެ. އެޕާޓީއަކީ، އިންޑިއާގެ އުއްތަމަ ފަނޑިޔާރު އިންޑިއާގެ ވަޒީފާނެތް ޒުވާނުންނަކީ، ކުރަފިތަކެއް ކަމަށް ސިފަކޮށް ދެއްކެވި ވާހަކަފުޅާއި ގުޅިގެން އުފެދުނު ސިޔާސީ ހަރަކާތެކެވެ. އެހަރަކާތަށް ތާއީދު ކުރާ މީހުންގެ އަދަދު މިހާރު ވަނީ 22 މިލިއަނަށް ވުރެ މަތިވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް