ހުސްވި ހަފްތާގައި އިތުރު 23 މީހަކަށް ހިމަބިހި ޖެހުނު
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ހުޅުމާލެ ހޮސްޕިޓަލް ---
މި ހުސްވި ހަފްތާގައިވެސް މާލެ ސަރަހައްދުން އިތުރު 23 މީހަކަށް ހިމަބިހި ޖެހިފައިވާ ކަމުގައި އެޗްޕީއޭއިން ހާމަކުރައްވައިފިއެވެ.
އެޗްޕީއޭއިން ހާމަކޮށްފައިވާ ގޮތުގައި، މި ނިމުނު ހަފްތާގައި ހިމަބިހި ޖެހުނު 23 މީހުންނާއި އެކު މިއަހަރުގެ މިހާތަނަށް، ޖުމުލަ 144 މީހުންނަށް ވަނީ ބަލިޖެހިފައެވެ. އޭގެ ތެރޭގައި ހިމެނޭ 100 ވުރެ ގިނަ މީހުންނަކީ، ފާއިތުވި ހަތަރު ހަފްތާގެ ތެރޭގައި ބަލިޖެހުނު މީހުންނެވެ. ހިމަބިހި ޖެހުނު ޒުވާނަކު، އިއްޔެ ނިޔާވި އިރު ހެލްތު މިނިސްޓްރީން އެކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ. ހެލްތު މިނިސްޓްރީން ވިދާޅުވީ، ހިމަބިހި ޖެހި ހާލު ގޯސްވެ ވެންޓިލޭޓަރުގައި ބާއްވައިގެން ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެނިކޮށް ނިޔާވި އެމީހާ ނިޔާވީ، ހިމަބިހި ބަލީގެ ސަބަބުންތޯ ބަލަމުންދާ ކަމަށެވެ.
ރާއްޖޭގައި ހިމަބިހި ފެތުރުން މިފާއިތުވި ދެތިން ހަފްތާގައި ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެހެންވެ ބަލި ކޮންޓްރޯލް ކުރުމަށް ވެކްސިން ދޭން ފަށާފައި ވާއިރު، މިހާތަނަށް، 7100 މީހުންނަށް ވެކްސިން ދެވިފައިވާ ކަމުގައި އެޗްޕީއޭއިން ވިދާޅުވިއެވެ.
ހިމަބިއްސަކީ ރާއްޖެއިން މުޅިން ނައްތާލެވުނު ބައްޔެގެ ގޮތުގައި 2017 ވަނަ އަހަރު ޑަބްލިޔުއެޗްއޯއިން ކަނޑައެޅިއެވެ. އެހެން ނަމަވެސް އަލުން އެބަލި ރާއްޖޭގައި ފެތުރެން ފެށުމާއި އެކު، ބަލި ފެތުރޭ ޤައުމުތަކުގެ ލިސްޓުގައި އަލުން ދިވެހިރާއްޖެ ހިމެނުމުގެ ފުރުޞަތު އޮތް ކަމުގައި، ސިއްޙީ ދާއިރާގެ ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް