ފުލުހުންގެ ދުވަސް ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް ބާއްވައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ދިވެހި ފުލުހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، ދިވެހި ފުލުހުންގެ ހިދުމަތުން މިއަދު ގިނަ ހަރަކާތްތަކެއް މާލެ އާއި އަތޮޅުތަކުގައި ކުރިޔަށް ގެންގޮސްފިއެވެ.
މިގޮތުން ފުލުހުންގެ ދުވަހުގެ ހަރަކާތްތައް ފަށާފައި ވަނީ މިއަދު ހެނދުނު ބޭއްވި ފުލުހުންގެ ދުވަހުގެ އެކުވެރިކަމުގެ ހިނގާލުމުންނެވެ. މި ހިނގާލުން ކުރިޔަށް ދިޔައީ، ޖުމްހޫރީ މައިދާނުން ފެށިގެން ގޮސް މާލެ ވަށައި ހިނގާލައި ޖުމްހޫރީ މައިދާނަށް ހިނގާލުން ނިންމާ ގޮތަށެވެ.
މި ހިނގާލުމަކީ 1 ސެޕްޓެމްބަރު 2004 އިން ފެށިގެން މިއަދާ ހަމައަށް، ދިވެހި ފުލުހުންގެ ޚިދުމަތް މަދަނީ ވަކި މުއައްސަސާއެއްގެ ގޮތުގައި ހިނގަމުން އަންނަތާ 22 އަހަރު ފުރުން ފާހަގަކުރުމަށް ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން ކުރިއަށް ގެންދިޔަ ހިނގާލުމެކެވެ.
މި ހިނގާލުމުގައި މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ ޢަލީ އިޙުސާން އާއި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ އާއި ފުލުހުންގެ ސީނިއަރ އޮފިސަރުންނާއި ގިނަ އަދަދެއްގެ ފުލުހުންނާއި ސިވިލް މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.
ފުލުހުންގެ ޚިދުމަތުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، އައްޑޫ ޕޮލިހާއި ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް (އެން.ސީ.ޕީ.އެލް.އީ) ގުޅިގެން އައްޑޫގައި ވަނީ މިއަދު ކުޑަކުދިންގެ ހަރަކާތެއްވެސް ބާއްވާފައެވެ.
އިއްޔެ އެން.ސީ.ޕީ.އެލް.އީ އައްޑޫ ކެމްޕަހުގައި ކުރިއަށްދިޔަ މި ހަވީރަށް އައްޑޫގެ ގިނަ ޢަދަދެއްގެ ކުޑަކުދިންނާއި ބެލެނިވެރިންގެ ފަރާތުން ބޮޑު ތަރުޙީބެއް ލިބިފައިވާ ކަމުގައި ފުލުހުންގެ ޚިދުމަތުން ވިދާޅުވިއެވެ.
ފުލުހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު ސޯޝަލް ސެންޓަރުގައި ކުޑަކުދިންގެ ހަވީރެއްވެސް ވަނީ ބާއްވާފައެވެ. މި ހަވީރު ކުރިޔަށް ގެންގޮސްފައި ވަނީ މިއަދު ހަވީރު 4:00އިން 6:00 އަށެވެ.
މީގެ އިތުރުން، ދިވެހި ފުލުހުންގެ ޚިދުމަތުގެ ދުވަހުގެ މުނާސަބަތުގައި ދައުލަތުގެ ބެލުމުގެ ދަށުގައި ހުޅުމާލޭ ފިޔަވަތީގައި ތިބޭ ކުދިންނަށް ވެސް ވަނީ، "އުފާވެރި ހަވީރު"ގެ ނަމުގައި ހަރަކާތެއް ކުރިޔަށް ގެންގޮސްފައެވެ. މިހަވީރުގައި ކުދިންނަށް ހަދިޔާ ދިނުމާއި ކުޅިވަރާއި ސަޔާއެކު އެ ކުދިންނާއި އެކު ފުލުހުން ވަގުތު ހޭދަކޮށްފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް