Post banner
ރާއްޖެ

ރައީސް ޔާމީން މިހާރު ވިދާޅުވަނީ ތިން މިނިސްޓްރީ ރޯވި ހާދިސާގެ އިތުރު މައުލޫމާތު އެނގިވަޑައި ނުގަންނަވާކަމަށް

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ރައީސް ޔާމީން މިހާރު ވިދާޅުވަނީ ތިން މިނިސްޓްރީ ރޯވި ހާދިސާގެ އިތުރު މައުލޫމާތު އެނގިވަޑައި ނުގަންނަވާކަމަށް

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ----

ތިން މިނިސްޓްރީގައި ރޯވެ އަނދައިގެން ދިޔަ ހާދިސާގައި އެ އަލިފާން ރޯކޮށްލި މީހުން، ފުލުހުންނަށް އެނގޭނަކަމުގައި ވިދާޅުވުމަށްފަހު، އެކަމާއި ގުޅޭ އިތުރު މައުލޫމާތެއް ލިބިވަޑައިގެންފައި ނުވާކަމަށް، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބުދުލްޤައްޔޫމް ފުލުހުންނަށް ފޮނުއްވި ސިޓީފުޅެއްގައި ވިދާޅުވެފައިވާ ކަމަށް، ފުލުހުންގެ އިދާރާއިން ވިދާޅުވެއްޖެއެވެ.

ރައީސް ޔާމިނު ކުރެއްވި ތުހުމަތުތަކާއި ގުޅިގެން އެމަނިކުފާނު ފުލުހުންގެ އިދާރާއަށް ޙާޟިރުކޮށް ސުވާލު ކުރުމަށް، ހޯމް މިނިސްޓަރު އެންގެވުމާއި ގުޅިގެން ފުލުހުން ވަނީ، ރައީސް ޔާމީނަށް ޗިޓު ހަވާލު ކުރެއްވުމަށް މަސައްކަތް ކުރައްވާފައެވެ.

ފުލުހުންގެ އިދާރާއިން އެކަމާއި ގުޅޭގޮތުން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވަނީ، އަލިފާނުގެ ހާދިސާ އާއި ގުޅުވައިގެން ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުތަކަކީ ތަހުގީގަށް މުހިއްމު މައުލޫމާތުތަކަކަށް ވާތީ އެމަނިކުފާނަށް އެގިވަޑައިގަންނަވާ މައުލޫމާތު ތަހުގީގަށް ސާފުކުރުމަށްޓަކައި ފުލުހުންގެ އިދާރާއަށް ހާޒިރުވެވަޑައިގަތުމަށް ދަންނަވާ ޗިޓެއް ހަވާލުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މަސައްކަތް ކުރި ކަމަށެވެ.

މިގޮތުން އިއްޔެ ފުލުހުން ހ. ދޫވެއްށް ގޮސް ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމާއި ބައްދަލުކޮށް ޗިޓު ހަވާލުކުރުމަށް މަސައްކަތްކުރި ނަމަވެސް އެމަނިކުފާނު ވަނީ އެ ޗިޓާ ހަވާލުވެވަޑައިގަތުމަށް އުޒުރުވެރިވެވަޑައިގެން، އެމަނިކުފާނު ދެއްކެވި ވާހަކަފުޅާއި ގުޅޭގޮތުން ލިޔުމެއް ދެއްވާފައި ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ. އެ ލިޔުމުގައ،ި އެ މައްސަލައާ ގުޅޭގޮތުން އެމަނިކުފާނަށް އިތުރު އެއްވެސް މައުލޫމާތެއް އެނގިވަޑައިނުގަންނަވާ ކަމަށާއި އެހެންކަމުން ފުލުހުންގެ އިދާރާއަށް ހާޒިރުވެވަޑައިގަތުމުގެ އިތުރު ބޭނުމެއް ނެތް ކަމަށް ބަޔާންކުރައްވާފައިވާ ކަމުގައިވެސް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވެފައި ވަނީ، އަމީނީމަގުގައި ހުންދަ ސަރުކާރުގެ ވުޒާރާއެއް ހިންގަމުންދިޔަ އިމާރާތްތަކުގައި 2024 ޑިސެމްބަރު 12ވަނަ ދުވަހު ހިނގި އަލިފާނގެ ހާދިސާގެ ތަހުގީގުން ހޯދިފައިވާ މައުލޫމާތަށް ބަލާއިރު އެހާދިސާ ހިނގާފައިވަނީ އިލެކްޓްރިކް ޝޯޓެއްގެ ސަބަބުން ކަމަށެވެ. އަދި އެޗމައްސަލައިގައި އެއްވެސް މީހެއްގެ މައްޗަށް ޖިނާއީ ތުހުމަތެއް ކުރާނެ އެއްވެސް ހެއްކެއް ތަހުގީގަށް ލިބިފައި ނުވާކަމުގައިވެސް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް