އެފްއޭއެމް ފުޓްސަލް އެޓޯލް ޗެންޕިއަންޝިޕްގެ ނޫނު އަތޮޅުގެ ފައިނަލަށް މަނަދޫ އަދި މަގޫދޫ.
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
އެފްއޭއެމް ފުޓްސަލް އެޓޯލް ޗެންޕިއަންޝިޕްގެ ނޫނު އަތޮޅު ބުރުގެ ތެރެއިން ---
އެފްއޭއެމް ފުޓްސަލް އެޓޯލް ޗެންޕިއަންޝިޕްގެ ނޫނު އަތޮޅުގެ ފައިނަލަށް މަނަދޫ އަދި މަގޫދޫ ހިނގައްޖެއެވެ.
އިއްޔެއާއި، ރޭ މަނަދޫ ދަނޑުގައި ކުޅެވުނު ގުރޫޕް ސްޓޭޖް ފަހު މެޗްތަކުގައި، އިއްޔެ ހަވީރު މަނަދޫ އަދި މާފަރު ބައްދަލުކުރި މެޗް 0-1 އިން ކާމިޔާބުކުރީ މަނަދޫ ޓީމުންނެވެ. މެޗުގެ ހަމަ އެކަނި ގޯލު މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގައި ކާމިޔާބުކުރީ ޒުވާން ކުޅުންތެރިޔާ ޖާޒީނަމްބަރު 8 ޚަލަފް އަޙްމަދެވެ.
ދެޓީމުން ވެސް ގިނަ ހަމަލާތަކެއް އުފެއްދި މިމެޗުގައި ގިނަ ވަގުތު ކުޅުނީ މަނަދޫ ޓީމުންނެވެ. މާފަރު ޓީމުގެ ސަޕޯޓަރުން ނިސްބަތުން މަދު މިމެޗުގައި މަނަދޫގެ ސަޕޯޓަރުންގެ އަޑުން މުޅި އޮތީ ގުގުމާލާފައެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މަނަދޫ ޓީމުގެ ޚަލަފް އަޙްމަދެވެ.
ރިސޯޓް ލީގުގައި ގިނަ ތަޖުރިބާތަކެއް ހޯދާފައިވާ މަނަދޫ ޓީމުގެ ކޯޗް އަލީ ނައީމް (އައްޔަ)، އާއެކު ނޫނު އަތޮޅުގެ ހިތް ކަމުގައިވާ މަނަދޫ އިން މިވަނީ ފުޓްސަލްގެ އާބާބެއް ފަށައި ސަޕޯޓަރުންނަށް ހިނިތުންވުން ގެނުވާފައެވެ.
މުބާރާތުގެ ފައިނަލަށް މަނަދޫ ދަތުރުކުރީ، 6 ޕޮއިންޓާއި ފައިދާ 2 ގޯލާއި އެކު ޕޮއިންޓް ޓޭބަލްގެ 1 ވަނައިގައި އޮވެގެންނެވެ.
ފަހު މެޗުގައި ޅޮހި އަދި މަގޫދޫ ބައްދަލުކޮށް ފޯރިގަދަ ކުޅުމަކާއި އެކު މަގޫދޫއިން މެޗް ކާމިޔާބުކުރީ 1-2 ގެ ނަތީޖާއަކުންނެވެ.މެޗުގައި މަގޫދޫ ޓީމަށް 2 ގޯލް ވެސް ކާމިޔާބުކޮށްދިނީ މެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވުނު ޖަރޒީ ނަމްބަރު 9 މުޙައްމަދު އިރުޝާދު (ޑަމޯ)އެވެ. ޅޮހީ ޓީމުގެ ހަމައެކަނި ގޯލް ކާމިޔާބުކޮށްދިނީ މާފަރު މެޗުގައިވެސް ގޯލްޖެހި ޖަރޒީ ނަމްބަރު 31 މުޙައްމަދު ޝުހާދުއެވެ. މަގޫދޫ ޓީމުން ފައިނަލަށް ދަތުރުކުރީ 6 ޕޮއިންޓާއި އެކު ޓޭބަލްގެ 2 ވަނައިގައެވެ. އާބާދީގެ ގޮތުން މަދު ނަމަވެސް މަގޫދޫ ޓީމުން މިމުބާރާތުގައި ތަފާތު މޮޅު ކުޅުމެއް ދައްކާ ތާރީޚީ ފައިނަލާއި ހިސާބަށް ވާސިލްވުމަކީ ޓީމުގައި އޮތް ބަދަހިކަމާއި ސަޕޯޓަރުންގެ ހިތްވަރު ފެނިގެން ދިޔަ ކަމެކެވެ.
މުބާރާތުގެ ފައިނަލްގައި މަނަދޫ މަގޫދޫ ބައްދަލުކުރާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ 21 އޮގަސްޓުގެ ރޭގަނޑު 08:30 ގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް