މާލެ ދަތުރުކުރާ ބޯޓެއް އަޑިޔަށް ގޮސް ދިވެއްސަކު ގެއްލިއްޖެ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
އުދަރެސް ބޯޓު ފަރަށް އަރައި އަޑިޔަށް ދިޔަ ސަރަަހައްދު ---
މާލެއިން ފުރައިގެން ގއ. ވިލިނގިއްޔަށް ދަތުރުކުރި "އުދަރެސް" ބޯޓު، ލ. އޮޅުވެލި ކައިރީގައި އޮންނަ ފަރަކަށް އަރައި އަޑިޔަށް ހިނގައްޖެއެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެ ބޯޓުން ދަތުރުކުރި ދިވެއްސަކު ގެއްލިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާތީ، އޭނާ ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެބޯޓު ފަރަށް އަރައިގެން އުޅޭ ކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ، 2026 އޭޕްރީލް 8 ވަނަ ދުވަހުގެ ރޭ ދަންވަރު 01:25 ހާއިރު ކަމަށެވެ.
މި ހާދިސާ ހިނގިއިރު ބޯޓުގައި ތިބި ޖުމުލަ 13 މީހުންގެ ތެރޭގައި ހިމެނޭ ބަންގުލަދޭޝް މީހަކު ވަނީ ފަތާފައި ލ. އޮޅުވެއްޔަށް އަރައި ހާދިސާގެ މައުލޫމާތު ދީފައެވެ. އަދި ބޯޓުން ދަތުރުކުރި އިތުރު 11 މީހަކު ރިސޯޓުގެ ދޯންޏަކަށް ނަގާފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ދެ ދިވެހިންނާއި 9 ބިދޭސީން ކަމަށް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ. ފުލުހުންގެ އިދާރާއިން ވިދާޅުވީ، ސަލާމަތްކުރެވުނު ޖުމުލަ 12 މީހުންގެ ހާލުވެސް ރަނގަޅު ކަމަށެވެ.
މި ބޯޓު އަޑިއަށް ދިއުމާ ގުޅިގެން ބޯޓުގައި ހުރި މުދާތައް ލ. އޮޅުވެލީގެ ހުޅަނގަށް އޮޔާދާތީ، އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުން އެކަމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް ފުލުހުންގެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް