އޮޔާ ގޮސް ސިނަމާލެ ބުރިޖަށް އުރުނު ދެ ބޯޓަކީ، ރާއްޖެއަށް ވަގަށް ވަނުމުން ހިފަހައްޓާފައިވާ ދެ އުޅަނދު
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
އުރުނު ތެޔޮބޯޓު
މާލޭގެ އުތުރު ފަރާތުން އޮޔާ ގޮސް މިރޭ ސިނަމާލެ ބުރިޖުގެ ތަނބެއްގެ މައްޗަށް ލައްވި ދެ ތެޔޮ ޓޭންކަރަކީ، ރާއްޖޭގެ ސަރަހައްދަށް ހުއްދަނެތި ވަދެ އަދި މާލެކައިރީގައި ބަނދަރުކޮށްފައި އޮއްވައި ފެނުނު ދެ ބޯޓުކަން ކަށަވަރުވެއްޖެއެވެ.
އެހެން ނަމަވެސް މިބޯޓުތަކާއި ގުޅޭ ގޮތުން ރަސްމީ އެއްވެސް ފަރާތަކުން އަދި ވާހަކައެއް ނުދައްކައެވެ. އެމްއެންޑީއެފުން ބުނެފައި ވަނީ، ބޯޓު ސިނަމާލެ ބުރިޖުގައި ޖެހުމުން، ބޯޓުގައި ތިބި މީހުން ސަލާމަކޮށް، ފުލުހުންނާއި ހަވާލުކޮށްފައިވާ ކަމަށެވެ. އަދި އެ ދެބޯޓަކީ ކަސްޓަމްސްގެ ބެލުމުގެ ދަށުގައިވާ ބޯޓުތަކަކަށް ވާތީ، ބޯޓުތަކާއި ބެހޭ މައުލޫމާތު ދޭނީ، ކަސްޓަމްސްއިން ކަމަށެވެ.
އިތުބާރު ހުރި މަސްދަރުތަކުން އެނގިފައިވާ ގޮތުގައި އެ ދެ ތެޔޮބޯޓަކީ، ރާއްޖެ ސަރަހަށްދަށް ޤަވާއިދާއި ޚިލާފަށް ވަދެ، އަދި ސަރުކާރުގެ ކަމާއި ބެހޭ ފަޜާތްތަކުގެ ހުއްދައެއް ނެތި، މާލެ ސަރަހައްދުގައި ބަނދަރުކޮށްފައި އޮއްވައި ފެނުނު ދެބޯޓެވެ. އެ ދެ ތެޔޮބޯޓު މާލެ ސަރަހައްދުގައި ބަނދަރުކުރީ، މިއަހަރުގެ އޭޕްރީލް މަހުގެ ފަހުކޮޅުގައެވެ. އަދި ވަގަށް އެބޯޓުތައް ވަދެ އޮތްކަން ކަމާއި ބެހޭ ފަރާތްތަކަށް އެނގުނީ އޭގެ ދެހަފްތާއެއްހައި ދުވަސް ފަހުން، މެއި މަހުގެ ކުރީކޮޅުގައެވެ. އޭގެ ފަހުން އެބޯޓުތައް ހިފަހައްޓައި ކަސްޓަމްސްއިން އެމައްސަލަ ބަލަމުން އައި ކަމަވެސް އެކަމާއި ގުޅޭ ތަފްސީލްތަކެއް ހާމައެއް ނުކުރެއެވެ.
ރާއްޖެއަށް ވަގަށް ވަދެ މާލެ ސަރަހައްދުގައި ބަނދަރުކުރި އެ ދެބޯޓުގެ ކެޕްޓަނުންނަށް ތިބީ އިންޑިއާ މީހުންނެވެ. އަދި އެބޯޓުތަކާއި، ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ތެލުގެ ވިޔަފާރި ކުރާ ކުންފުންޏަކާއި ގުޅުން އޮތްކަމުގައި އެ ދުވަސްވަރު މީޑިއާތަކުގައި ރިޕޯޓްކޮށްފައި ވެއެވެ.
މިރޭ އޮޔާ ދިޔަ އެ ދެބޯޓު އޭޕްރީލް މަހުގެ ފަހު ހަފްތާއިން ފެށިގެން އޮތީ، ދޫނިދޫ އާއި މާލެއާ ދެމެދު އަޅާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް