ކުރުވާހަކަ؛ ދުޢާ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ދުރު ދުރަށް ދާންދެން ފެތުރިފައިވަނީ ހަނަފަސް ވެލީގެ ސަހަރާއެކެވެ. ފެންނަން ހުރީ މަދު ގަސްކޮޅެކެވެ. ފޮތީގެ ޓެންޓްތަކުން މުޅި ސަރަހައްދުވަނީ ފުރިފައެވެ. މީހުންނާއިގެން ވަނީ ތޮއްޖެހިފައެވެ. އެކަމަކު މިތަނުގައި އާރޯކަމުގެ އެއްވެސް ނިޝާނެއް ނެތެވެ. ފެނަކީ ދިރުމުގެ އަސްލުކަމުގައި ވިޔަސް ފެނުގެ އަސަރެއް ނެތެވެ. ކޮންމެ އެއްޗެއްގައިމެ ވަނީ ބޯހިރަފުހުގެ ދުއްޔެއް ލެވިފައެވެ. ސަހަރާގެ ހޫނުކަމުގެ އިތުރަށް ވައިރޯޅި ބީހިލިމުން ގައިން ނަގަނީ ހޫނު ދިލައެކެވެ. ކޮންމެ ވައިރޯޅި އަކާއި އެކު އަންނަ ހިރަފުހުގެ ވިލާތަކުން ދެލޯ ދިލުވާލެވޭ ވަރެއް ނުވެއެވެ.
ބަލާލި ކޮންމެ ދިމާއަކުން ފެންނަނީ ހިތްފަޅައިގެން ދާފަދަ މަންޒަރެވެ. ފެނާ ކާނާ ނުލިބި މަރުވަމުންދާ އަންހެނުންނާއި ކުދީންނެވެ. ބަނޑުހައިހޫނު ކަމުގައި މަރުވެދާ މީހުންގެ އަދަދު ގިނަކަމުން ގިނަ ހަށިތައް ވީރާނާވެދަނީ ހާމަ ބިންމަތީގައެވެ. މިއީ އަހަރެން ދުވަހަކުވެސް ދުށްތަނެއް ނޫނެވެ. ހުވަފެނަކުންވެސް ހިތަށް ގެނެވުނު މަންޒަރެއް ނޫނެވެ. އެކަމަކު ފާއިތުވި ނުވަ އަހަރު އަހަރެން މިވޭތު ކުރީ މިތާނގައެވެ. މިމީހުންނާއި އެކުގައެވެ. އަހަރެންގެ ޤައުމާއި އާއިލާ އަހަރެންނަށްވަނީ ގެއްލިފައެވެ. އަހަރެންގެ ޤައުމާއި ރަށް މިހާރު މިވުޖޫދުގައި އޮތް ކަމެއްވެސް އަދި އަހަރެންގެ ދަރީން ދުނިޔޭގައި ތިބި ކަމެއްވެސް އަހަރެންނަކަށް ނޭނގެއެވެ. އެކަމަކު ހިތާ ހިތުން ތާއަބަދުމެ ކުރެވޭ ދުޢާ އަކީ އަހަރެންގެ ޤައުމަށް އަހަރެންގެ ރަށަށް އަދި އަހަރެންގެ ދަރީންގެ ގާތަށް އެނބުރި ދެވުމެވެ. ކޮންމެވެސް ދުވަހަކުން އަހަރެންނާއި އެމީހުން ބައްދަލުވުމެވެ. އެކަމަކު އެއުންމީދު މިއަދު މިދަނީ ގެއްލެމުންނެވެ. ދުވަހަކުވެސް އެނބުރި ނުދެވޭނެކަން ޔަޤީންވަމުންނެވެ. އެކަމަކުވެސް އަހަރެންގެ ދުޢާ ތާއަބަދުމެ ތަކުރާރު ކުރަމެވެ. ﷲ ތަޢާލާ ކޮންމެ ކަމަކަށްމެ ކުޅަދުން ވަންތައެވެ. އަހަރެން އަހަރެންގެ ޤައުމާއި ރަށާއި ދަރީންނާއި އާއިލާ އާއި ވަކިވުމަށް މެދުވެރިވި ގޮތް އެއީ ހެއްކަކަށް ފުދެއެވެ.
މިފާއިތުވި ނުވަ އަހަރު އަހަރެން ވޭތުކުރީ މިޤައުމުގެ އައްސޭރިފަށުގެ ރަށްފުށުގެ އަވަށެއްގައެވެ. އެއަވަށުގެ މަސްވެރި އާއިލާ އަކާއި އެކުގައެވެ. އަހަރެންނަށް މިދިރިއުޅެވެނީ ސޯމާލިޔާގެ ފަޤީރު އެކަހެރި ސަރަހައްދެއްގައިކަންވެސް އަހަރެންނަށް އެނގޭވަރުވީ އެމީހުންނާއި އެކު ދިރިއުޅޭތާ ދެއަހަރުވީ ފަހުންނެވެ. އަހަރެންގެ ޤައުމާއި ރަށަކީ އެމީހުން ދަންނަ އަޑު އެހި ނަންތަކެއްވެސް ނޫނެވެ. ދުނިޔެއާއި އެއްވެސް ގުޅުމެއް ނެތް އެއަވަށުގެ މީހުންނަށް އެނގެނީ ހަމައެކަނި ދުނިޔޭގައި އޮތްތަނަކީ އެމީހުންގެ ޤައުމުކަމަށެވެ. އެމީހުންގެ ސަރުކާރެއް ނެތެވެ. ވެރިންނަކީ ޤަބީލާތަކުގެވެރިންނެވެ. އަމުރު މައުރޫފަކީ އެމީހުންގެ ބަހެވެ. ޝަރީއަތްކުރަނީ އަމިއްލަ އަށެވެ. ޤާނޫނާއި ޤަވާއިދަކީ އެމީހުން ދަންނަ އެއްޗެއްވެސް ނޫނެވެ.
ފުރިހަމަ ދެއަހަރު ފަހުން އަހަރެން ދިރިއުޅުނު އާއިލާގެ މީހުން އެހެން ޤަބީލާއެއްގެ މީހަކަށް އަހަރެން އަޅެއްގެ ގޮތުގައި ވިއްކާލީއެވެ. އަހަރެންނަކީ ބަދަންކުލައިގެ މެދުމިނުގެ އަންހެނަކަށްވެފައި އެމީހުންގެ ނަސްލާއި އަހަރެންގެ ނަސްލު ތަފާތުވުމުން އެމީހުންގެ ތެރޭގައި އަހަރެންވީ އަގުހުރި މީހަކަށެވެ. އަހަރެންގަތް މީހާގެ ޖާރިޔާއެއްގެ ގޮތުގައި މިވީ 7 އަހަރުގެ ތެރޭގައި އޭނާ އަހަރެން ގެންގުޅުނެވެ. ދެދަރީންވެސް ލިބުނެވެ. އެކަމަކު ޤަބީލާތަކުގެ މެދުގައި ރޯވި ފިތުނައިގެ ހުޅު ހަނގުރާމައަކަށް ބަދަލުވެ، މި ދިރިއުޅުންވެސް ފަނާވީއެވެ. ހަނގުރާމައިން ސަލާމަތްވުމަށް މިހަނަފަސް ސަހަރާގެ ތެރެއަށް ނުކުތް އެތައް ލައްކަ މީހުންނާއި އެކު ދަރީންގޮވައިގެން އަހަރެންވެސް ނުކުތީއެވެ. އެކަމަކު މިތަނުގައި ކުރަންޖެހުނީ އެއަށްވުރެ ވޭންދެނިވި ހަނގުރާމައެކެވެ. ވާރޭނުވެހި ދިގުލައިގެން ގޮސް ގަސްތަކާއި ގެރިބަކަރިތައް މަރުވެ ދިޔައީއެވެ. ބަނޑުހައިހޫނު ކަމުގައި އެންމެ ފުރަތަމަ މަރުވާންފެށީ ޅަދަރީންނެވެ. އޭގެ ތެރޭގައި އަހަރެންގެ ދެދަރީންވެސް ހިމެނުނެވެ.
އަހަރެންވެސް ރޭދުވާ ގުނަމުން މިދަނީ ބަނޑުހައި ހޫނުކަމުގައެވެ. ވަށައިގެން ހިނގާ ހަނގުރާމައިގެ ވަރުގަދަ ކަމުން އިންސާނީ އެހީދޭ ޖަމާޢަތްތަކުގެ އެހީތައް އެކަށީގެންވާ ގޮތެއްގައި ނުލިބެއެވެ. ހެލިކޮޕްޓަރާއި މަތިންދާ ބޯޓުފަހަރުގައި މަތިން ގެނެސް ސަހަރާގެ ތެރެއަށް އަޅާ ކާބޯތަކެތި ފިޔަވައި އެހެން އެއްޗެއް ނުލިބެއެވެ. އެވެސް ލިބެނީ ހަށިގަނޑުގައި ބާރު ހުރި މީހަކަށެވެ.
އަހަރެންގެ އުމުރުގެ ކުރީކޮޅު ވޭތުކުރީ ދިވެހިރާއްޖޭގައެވެ. އެއީ އަހަރެންގެ އުފަންވަޒަނެވެ. އަހަރެންގެ އާއިލާވީ އެތާނގައެވެ. އެކަމަކު އެހާދިސާގައި ދިވެހިރާއްޖެ ފަނާވެ ދިޔައީ ނޫންކަމެއް ނޭނގެއެވެ. އަދި އަހަރެންގެ ޤައުމާއި އާއިލާގެ އެންމެން މަރުވީ ނޫންކަމެއް ނުވަތަ އަހަރެން ފަދައިން ދުނިޔޭގެ ތެރެއަށް ވިއްސިވިހާލިވީ ނޫންކަމެއް ނޭނގެއެވެ.
އަހަރެން އެތަނުގައި ދިރިއުޅުނީ އަރާމާއި ނިއުމަތުގައެވެ. ތަނަވަސްކަމާއި ފާގަތި ކަމުގައެވެ. ދަރީންނާއި އާއިލާގެ މީހުންނާއި ގާތްރައްޓެހީންނާއި އެކުގައެވެ. ހަމަނުޖެހުމެއް ތަޅާފޮޅުމެއް ނެތެވެ. ބަނޑުހައިހޫނުކަމެއް ތަދު މަޑުކަމެއް ނެތެވެ. ހޫނާއި ފިނި އެއްވަރެވެ. އޭރުވެސް ދިވެހިރާއްޖެއަކީ ދުނިޔެމަތީގެ ސުވަރުގެއެއް ކަމަށް ބޭރު މީހުން ބުނާކަމަށް އަހަރެން ރޭޑިޔޯތަކުން އަޑުއެހީމެވެ. މިއަދު އެބުނުމަކީ ތެދު ބުނުމެއް ކަން އަހަރެން މިތަހައްމަލުކުރާ ވޭނީ ދިރިއުޅުން ޔަޤީންކޮށްދީފިއެވެ. އެކަމަކު އަހަރެންގެ ޤައުމު މިވުޖޫދުގައި އެބައޮތް ބާވައެވެ. އެޤައުމުގެ މީހުން ދިރި އެބަތިބި ބާވައެވެ. އަހަރެން ފަދައިން އުދަވެގެން އައި ރާޅެއްގެ ތެރޭގައި އެންމެ ޣަރަޤުވެ ނުވަތަ ބެހި ވިއްސިވިހާލި ނުވޭބާވައެވެ.
އެއީ 2004 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅުގެ ދުވަހެކެވެ. އެއީ މަހުން ކޮންދުވަހެއްކަން އަހަރެން ހަނދާންނެތަސް ހަފްތާއިން އެއީ އާދީއްތަ ދުވަހެއްކަން އަހަރެންނަށް އެނގެއެވެ. ހެނދުނު އަހަރެން ހުރީ ބަދިގޭތެރޭގައި ރޮށި ފިހާށެވެ. އޭރު ފިރިމީހާވީ މަހަށް ގޮހެވެ. އަހަރެންގެ ހަތަރު އަންހެންދަރީން ތިބި އިރު ތިންކުދިން އުޅެނީ މީހުންނާއި އިނދެގެން އެމީހުންގެ ފިރިންގެ ގޭގޭގައެވެ. އެންމެ ހަގު ދަރިފުޅުގެ އުމުރުން އޭރުވާނީ 12 ވަރަކަށް އަހަރެވެ. އޭނާ އުޅުނީ ގޭތެރޭގައި ކޮންމެވެސް ކަމެއް ކުރާށެވެ.
މަތިންދާ ބޯޓެއްގެ އަޑުކަހަލަ އަޑުފައްގަނޑެއް އިވޭލެއް ބާރުކަމުން އަހަރެން ބަދިގޭން ނުކުތީ އަތިރި ފަރާތަށެވެ. އަހަރެމެންގެ ގެހުރީ ގޮނޑުދޮށާއި ވަރަށް ކައިރީގައި ކަމުން އަތިރި ފަރާތަށް ނުކުމެވުމާއި އެކު ފުރަތަމަވެސް އަހަރެން ލޮލުގައި އަޅައިގަތީ ތިލަފަޅުތެރޭ ފޮނުޖަހާފައި ތިރި ތިރިކޮށް އަންނަ ރާޅެވެ. އަހަރެން ހުރީ ވާނުވާ ނޭނގިފައި ބަލާށެވެ. ރަށުގެ ގޮނޑުގައި ރާޅުޖެހުމާއި އެކު ފަރުބަދައެއްހެން ލޮނުގަނޑުފެށީ އުފުލޭށެވެ. ހޭޅިފަށުގެ ގަސްތަކުގެ ކުރިއާއި ހަމައަށް ލޮނުގަނޑު އުފުލި ރަށުތެރެއަށް ބަނޑުންވެގެން ދިޔައިރުވެސް އަހަރެންނަށް ހުރެވުނީ އާގަމަވެފައި ބަލަހައްޓައިގެންނެވެ. ހޭވެރިކަމެއްވީ ބާރު އޮޔާއި އެކު ރަށުތެރެއަށް ދެމިގަތް ލޮނުގަނޑުގެ ތެރޭގައި އަހަރެންވެސް ގެންދަން ފެށުމުންނެވެ. ވެއްޓެމުން ދިޔަ ގެތަކާއި ފާރުތައް އަހަރެންގެ ލޮލުން ދުށީމެވެ. ފަތުއަޑުކިޔަފައި އޮއިދެމެމުންދިޔަ ރަށުތެރޭގައި މީހުންތައް ޣަރަޤުވަމުން ދިޔަ މަންޒަރުވެސް ދެކުނީމެވެ. އަހަރެންގެ ހަޔާތުގައި މިދުވަސް ފެނުމަށް ހުރީތީ ކަން ނޭނގެއެވެ. އޮޔާއި އެކު ލޮނުގަނޑުތެރޭގައި އަހަރެން ބެހެމުން ދަނިކޮށް އަތުޖެހުނީ ކީހައި އޮމާންކޮށްފައި އޮތް ބޮޑު ބަނބުކެޔޮ ފިލައެކެވެ. ފުރާނަ ސަލާމަތް ކުރުމަށް އަހަރެން އޮތީ އޭގެ މަތީގައި އަރައި އޮށޯވެގެންނެވެ.
ބާރު އޮޔާއެކު މާކަނޑަށް ބޭރުވި ތަކެއްޗާއި އެކު އަހަރެންވެސް ބޭރުވީއެވެ. އޭރު ރަށުން ފައިބައިގެން އަންނަ ކަޅުހަންތަކާއި އޮޑި ދޯނިފަހަރާއި ގޭގޭގެ މަތިވަޑާންތަކާއި ފަރުނީޗަރާއި އެތައް އެއްޗެއް މާކަނޑުގެ ތެރޭގައި އޮއެ ދެމެމުން ދިޔައެވެ. މުޅިރަށް ލޮނުގަނޑުގެ ތެރެއަށް ގެނބިފައިވާތީ އަހަރެންނަށް ފެނުނެވެ.
ތިން ހަތަރު ދުވަސްވީއިރު އަހަރެންނާއި އެކު މާކަނޑުގެ ތެރެއަށް ފައިބައިގެން އައި ކުނިބުންޏާއި ތަކެތި ހާވިޔާވެ ވަކިވަކިވެއްޖެއެވެ. އެތިންދުވަހު އަހަރެންކެއީ އަހަރެންނާއި އެކު މާކަނޑަށް ބޭރުވެ އޮޔާ ބެހެމުން ދިޔަ ޕެކެޓާއި ދަޅުކާނާގެ ބާވަތްތަކެވެ. ފަހުން އެތަކެތިވެސް ހުސްވެ ބަނޑުހައި ހޫނުކަމުގައި މާކަނޑުގެ ތެރޭގައި އޮންނަން ޖެހިއްޖެއެވެ.
އަހަރެން މަސްބޯޓަކަށް ނެގީ ކަނޑުތެރޭގައި އޮންނަތާ ފަހެއް ނުވަތަ ހަވަނަ ދުވަހުއެވެ. އެއީ ސޯމާލިޔާގެ ފަގީރު ހިސާބުގެ މަސްވެރިންގެ ބޯޓެކެވެ. އެމީހުން އަހަރެން ގެންދިޔައީ އެމީހުންގެ އަވަށަށެވެ. އެބޯޓުގެ ނެވި މީހާގެ ގެއަށެވެ. އަހަރެން ފުރަތަމަ ދިރިއުޅުނީ އެމީހުންނާއި އެކުގައެވެ.
އަހަރެންނަކީ ރާއްޖޭގައިވެސް ރަށްފުށުގައި ދިރިއުޅެމުން އައި އަދި މާބޮޑުތައުލީމެއް ނެތް މެދުއުމުރުގެ އަންހެނަކަށްވާތީ އިނގިރޭސިބަހެއް އަހަރެންނަކަށް ނޭނގެއެވެ. އަދި އިނގިރޭސިބަހުން މީހަކަށް އަހަރެންގެ މައުލޫމާތު ދޭނެ ގޮތެއްވެސް ނޭނގެއެވެ. އަހަރެންނާއި އެކު ދިރިއުޅެމުން އައި މީހުންނަށް އަހަރެންނަށް އެނގޭ ގޮތަކަށް އަހަރެންނަކީ ކާކުކަމާއި އަހަރެންނަށް ދިމާވިގޮތް ކިޔައިދިނީމެވެ. އެކަމަކު އެމީހުންނަކަށް އަހަރެން ދައްކާ ވާހަކައެއް ނޭނގުނެވެ. އެމީހުންގެ ބަހުން އަހަރެންނަށް ވާހަކަދައްކައި އުޅެވޭވަރުވީ 2 އަހަރު ފަހުންނެވެ. އެދުވަސްތަކުގައިވެސް އަހަރެން އައީ ދިވެހިރާއްޖެއާއި ބެހޭ މައުލޫމާތެއް ލިބޭތޯ ބަލަމުންނެވެ. އެންމެ ކުޑަމިނުން އެއިން އަވަށަކުން ދުނިޔޭގެ ޗާޓެއް ފެންނަން ހުރި ނަމަވެސް އަހަރެން ދިވެހިރާއްޖެއޭ ބުނުމުން ނޭނގުނަސް ދެއްކުމުން އެނގިއްޖައީހެވެ. އެކަމަކު އެފަދަ ނަސީބެއްވެސް ނުލިބި އުޅެނިކޮށް އެމީހުން އަހަރެން ވިއްކާލީއެވެ.
އޭގެފަހުން އަހަރެން ވޭތުކުރީ ތަންކޮޅެއް ތަނަވަސް ދިރިއުޅުމެކެވެ. އަހަރެންގެ އުފަންވަޒަނުގެ އާދަކާދަތަކާއި މިމީހުންގެ އާދަކާދަތައް ތަފާތުވިޔަސް ސާހިބުމީހާގެ ފަރާތުން އެހީތެރިކަން ލިބެއެވެ. އޭނާގެ ދަރިއަކަށް އަހަރެން ފުރަތަމަ ބަލިވެ އިން ހިސާބުން އަހަރެންގެ އަމިއްލަ ވަޒަނަށް އެނބުރި ދިޔުމަށް ދިވެހިރާއްޖޭގެ ޚަބަރެއް ލިބޭތޯ އަހަރެން ކުރަމުން އައި މަސައްކަތް ހުއްޓާލީއެވެ. އަލުން އައު ހަޔާތަކާއި އެކު ކުރިޔަށްދާށެވެ. އެހެން ނަމަވެސް ތަޤުދީރު އަނެއްކާވެސް އަހަރެން ގެނެސް މިވައްޓާލީ އެއަށްވުރެ ބޮޑު ހިތާމައިގެ އަނދަވަޅަކަށެވެ.
އަހަރެންގެ ލޮލުގެ ކުރިމަތީގައި އަހަރެންގެ ދިރިއުޅުން ފަނާވެ މިދަނީއެވެ. ފުރަތަމަ ބަރުބާދަށްވުރެ މިބަރުބާދުގެ ކެކުޅުމާއި ވޭންބޮޑެވެ. ހިތާމަޔާއި ހިއްދަތިކަން އިތުރެވެ. ލޮލުގެ ކުރިމަތީގައި އަހަރެންގެ އުނގުތެރޭގައި އޮވެ ބަނޑުހައި ހޫނުކަމުގައި ދަރީން މަރުވެ ދިޔައީއެވެ. އެކު އުޅުނު މީހުންތައް މިތިބަ ހަނާވަނީއެވެ. އުންމީދުގެ ހުޅުކޮޅު ކަނިވެ ނިވެނީއެވެ. ކުރާނެ ކަމެއް ނެތެވެ. އަޒަލުގައި ލިޔުއްވައި މިންވަރުކުރައްވާފައިވާ ގޮތަކަށް މެނުވީ އެއްކަމެއްވެސް ނުހިނގާނެއެވެ.
މަދުމަދުން އެހީދޭ ޖަމާޢަތްތަކުގެ މީހުންނާއި އަހަރެންނާއިވެސް ބައްދަލުވެއެވެ. އެމީހުންގެ ތެރެއިން ކިތަންމެ މީހަކަށް އަހަރެންގެ އަސްލާއި މިތަނަށް އާދެވުނު ގޮތް ކިޔައިދެވިއްޖެއެވެ. އެކަމަކު އޭގެ ތެރޭގައިވެސް ދިވެހިރާއްޖެ ކިޔާ ޤައުމެއް އޮންނަކަން ދަންނަ މީހަކު ނެތެވެ. ކޮންމެ މީހަކުވެސް އަހަރެންގެ ގާތުގައި އަހަނީ ދިވެހިރާއްޖޭގެ އައިޑެންޓިޓީއެއް އޮތްތޯއެވެ. ޕާސްޕޯޓް ނުވަތަ އެފަދަ އެހެން ލިޔެ ކިޔުމެކެވެ. އެއިން އަހަރެންގެ ޤައުމު އެމީހުންނަށް ދެނެގަނެވިދާނެކަމަށެވެ. އެކަމަކު އަހަރެންފަދައިން އުދަރާޅެއްގެ އޮޔާ ބެހިގެން ލައްވި މީހެއްގެ އަތުގައި އޮންނާނީ ކޮން އައިޑެންޓިޓީއެއް ހެއްޔެވެ؟ ދައްކާނީ ކޮން ރަސްމީ ލިޔުމެއް ހެއްޔެވެ؟ އެންމެ ކުޑަމިނުން އަހަރެން މިއުޅޭ ތަނަކީވެސް ސަރުކާރެއްގެ ވަސްވެސް އޮތް ތަނެއް ނޫނެވެ.
މީގެ މަހެއްހާ ދުވަސްކުރިން އދގެ އެހީގެ ތަކެތި ހިފައިގެން އައި އދ މުވައްޒަފުންގެ ތެރޭގައި ހިމެނޭ ސޯމާލިޔާ ބަސްދަންނަ އަހަރެންނާއި އެއްއުމުރުގެ މީހަކާއި ބައްދަލުކޮށް އަހަރެންގެ ހާލަތު ކިޔައިދިނީމެވެ. އޭނާއަކަށްވެސް ދިވެހިރާއްޖެއޭ ބުނުމަކުން ނޭނގުނެވެ. އޭނާ އެހެންމީހުން ނާހާ ސުވާލެއް ކުރިއެވެ. އަހަރެންގެ ޤައުމުގެ ދިދަ ކުރަހަން އެނގޭނެތޯއެވެ. އަހަރެން ދިވެހިރާއްޖޭގެ ދިދަ ކުރަހައި ދިދައިގެ ކުލަތައް ބުނެދިނުމުން އޭނާ އެއީ މޯލްޑިވުސް އޭ ބުންޏެވެ. އެއަށްފަހު އޭނާ އަހަރެންނާއި ވާހަކަދެއްކީ ކޮށި ދިވެހިބަހުންނެވެ. އަހަރެންނަށްވެސް އެނަން ހަނދާންވީ އެހިސާބުންނެވެ. އަހަރެންގެ ކުދީން ކިޔެވި އިރު އެކުދިން އެނަން ކިޔާއަޑު އަހަރެންވެސް އަހާފައި ވާތީއެވެ.
އޭނާ އަހަރެންނަށް ރާއްޖޭގެ ހާލަތު ކިޔައި ދިނެވެ. އިންޑިޔާކަނޑުގެ ސުނާމީއަށްފަހު ރާއްޖެ ދެމި އެބައޮތް ކަމަށާއި ރާއްޖެއިން 82 މީހުން މަރުވެ 26 މީހުން ގެއްލިފައިވާ ކަމުގައި ބުންޏެވެ. ރަށްތައް އަލުން އާބާދުކުރެވުނު އިރު އޭނާވެސް އދ ގެ މުވައްޒަފެއްގެ ގޮތުގައި ދިވެހިރާއްޖޭގައި މަސައްކަތްކުރި ކަމަށާއި މިވީ 9 އަހަރުގެ ތެރޭގައި މީހުންގެ ދިރިއުޅުން އާއްމު ހާލަތަކަށް ބަދަލުވެފައިވާ ކަމުގައި ބުންޏެވެ. އަދި އޭނާ އަހަރެންގެ ރަށަށްވެސް ދިޔަކަމަށާއި އަހަރެންގެ އާއިލާގެ މީހުން އެބަތިބި ކަމުގައިވެސް ބުންޏެވެ.
އެއީ އަހަރެންނަށް ލިބުނު ބަޔާން ނުކުރެވޭ ވަރުގެ އުފަލެވެ. ހިތްހަމަ ޖެހުމެކެވެ. އޭނާ އަހަރެންނާއި ވަކިވީ، ދިވެހި ސަރުކާރަށް އަހަރެންގެ މައުލޫމާތު ފޯރުކޮށްދޭނެ ކަމަށް ވައުދުވެފައެވެ. އަދި ބައިނަލް އަޤުވާމީ މީޑިޔާތަކަށާއި ރާއްޖޭގެ މީޑިޔާތަކަށް އަހަރެން ދިރި ދުނިޔޭގައި އެބަހުރި ކަމުގެ ޚަބަރު ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފައެވެ. އެކަމަކު އަނެއްކާވެސް އެހުރިހާ އުންމީދެއް ފެނަށްވީއެވެ.
ޤަބީލާތަކުގެ ހަނގުރާމަވެރިން ދިން ހަމަލާއެއްގައި އދ ގެ އެހީދޭ މުވައްޒަފުންގެ ފައުޖު އެކުގައި މަރާލީއެވެ. އެކަމުގެ ސަބަބުން އެހީދޭ ޖަމާއަތްތަކަށް މިސަރަހައްދަށް އައުން ދަތިކަމަކަށް ވީއެވެ. އެއާއި އެކު އިންސާނީ އެހީ ލިބޭނެ ގޮތެއް ނެތި މިހަނަފަސް ސަހަރާގެ ރެފިއުޖީ ކޭމްޕްގައި މީހުންތައް ބަނޑުހައި ހޫނުކަމުގައި މަރުވާންފެށީއެވެ. މިއަދު އަހަރެންވެސް މިހުރީ އެހާލުގައެވެ. ބަނޑުހައި ހޫނުކަމުގައި މަރަށް އިންތިޒާރުކޮށްކޮށެވެ. އަހަރެންގެ ހާލު އަހަރެންގެ ޤައުމާއި ރަށާއި އާއިލާގެ މީހުންނަށް ނޭނގުނަސް އެމީހުން ހެޔޮހާލުގައި އެބަތިބިކަން އަހަރެންނަށް އެނގިއްޖެއެވެ. އެކަމަކު އެމީހުންނާއި ހަމައަށް ދެވޭނެ މަގުތައް އަހަރެންނަށް މިވަނީ ބަންދުވެފައެވެ. ތާއަބަދުގެ ދުޢާ އަކީ އަހަރެންނަށް އަހަރެންގެ މީހުންގެ ގާތަށް އެނބުރި ދެވޭނެ ގޮތް ވުމެވެ. އެކަމަކު މިހައިހޫނު ކަމުގައި ދެން މާގިނަދުވަހަކު އަހަރެންނަކަށްވެސް ދުނިޔެއަކު ނުހުރެވޭނެކަން ޔަޤީނެވެ. އެހެނަސް ﷲގެ ހަޟުރަތަށް އެންމެ އެއްކުރައްވާ ދުވަހުގައި އަހަރެން އަހަރެންގެ އަހުލުންނާއި އެކުގައިވުން އެދި ދުޢާކުރަމެވެ. މިދުނިޔެއިން ބައްދަލުވުމަށް މިންވަރު ކުރެވިގެން ނުވިނަމަވެސް ދާއިމީ ގޮވަތީގައި ބައްދަލުވުން އެދިއެވެ. (ނމުނ)
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް