ހާދިސާތަކާއި ގުޅިގެން ރައީސް އެދިވަޑައިގަތީ ހޭލުންތެރިކަން އިތުރުކުރަން
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ރައީސުލްޖުމްހޫރިއްުޔާ ޑރ. މުޙައްމަދު މުޢިއްޒު --
ގާތްގާތުގައި ހިނގި އެކި އެކި ހާދިސާތަކުގައި ދެކުއްޖެއްގެ ފުރާނަ ގެއްލިފައިވާއިރު، ހޭލުންތެރިކަން އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ.
އެކްސިޑެންޓެއްގައި ކުޑަކުއްޖަކު ނިޔާވުމާއި، އިމާރާތަކުން ދެކުޑަކުއްޖަކު ވެއްޓި އެއްކުއްޖަކު ނިޔާވެ އަނެއްކުއްޖާއަށް ބޮޑެތި އަނިޔާތަކެއްވެ ހިނގާދިޔަ ހިތާމަވެރި ހާދިސާ އާއި ގުޅިގެން އެތައް ބަޔަކު ހިތާމަފާޅު ކުރަމުން އަންނައިރު، ރައީސުލްޖުމްހޫރިއްޔާވެސް ވަނީ ނިޔާވި ކުދިންގެ އާއިލާތަކަށް ތަޢުޒިޔާ ވިދާޅުވެފައެވެ.
ސޯޝަލް މީޑިއާގައި ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، މަގުމައްޗާއި އުސް އިމާރާތްތަކުގައި ހިނގާ ކުއްލި ނުރައްކާތެރި އެކްސިޑެންޓްތަކާމެދު ޢާންމު ހޭލުންތެރިކަން އިތުރުކުރުމަކީ މުޅި މުޖްތަމަޢު ގުޅިގެން ކުރަން ޖެހިފައިވާ ޤައުމީ އަދި އިންސާނީ މަސައްކަތެއް ކަމަށެވެ.
ވަކިން ޚާއްޞަކޮށް އުސް އިމާރާތްތަކުގެ ކުޑަދޮރު، ބެލްކަނި، ރެއިލިންގ ފަދަ ތަންތަނުގެ ސަލާމަތީ ކަންކަން ކަށަވަރުކުރުން މުހިންމުކަމަށާއި، ނަފްސާނީ އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ތުއްތު ކުދިން ބެލެހެއްޓުމުގައި، އެފަދަ މީހުންނާއި ކުދިން އުޅޭ ގޭގެގައި އިމާރާތްތައް ބަލަހައްޓާ ފަރާތްތަކާއި ޢާއިލާތައް ގުޅިގެން ޒިންމާދާރު ފިޔަވަޅުތަކެއް އަޅަން ޖެހޭކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައި ވަނީ، ސަރުކާރާއި ކުންފުނިތަކާއި މަދަނީ ޖަމުޢިއްޔާތަކާއި އަދި އެންމެހައި ފަރުދުން ގުޅިގެން، ޚާއްޞަ އިސްކަމެއް ދީގެން، މަގުމައްޗާއި އިމާރާތްތަކުގެ ސަލާމަތް ޔަޤީންކޮށް، ހޭލުންތެރިކަން އިތުރުކުރުމުގެ ޕުރޮގްުރާމުތައް، ވަރަށް ރަނގަޅަށް އިންތިޒާމުކުރެވިގެން ކުރިއަށް ގެންގޮސްދިނުމަށް އިލްތިމާސްކުރާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް