classified
ރާއްޖެ

ރައީސް މުޢިއްޒު ރަށްރަށަށް ދަތުރުފުޅުކުރައްވަން މިއަހަރު ހަރަދުކުރެއްވީ އެންމެ 773.24 ރުފިޔާ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ރައީސް މުޢިއްޒު ރަށްރަށަށް ދަތުރުފުޅުކުރައްވަން މިއަހަރު ހަރަދުކުރެއްވީ އެންމެ 773.24 ރުފިޔާ

ރައީސް މުޢިއްޒު ޖަނަވަރީ މަހުގެ 29 ވަނަ ދުވަހު ނ. އަތޮޅަށް ދަތުރުކުރައްވާ ވިހަފަރުގައި އެއަރޕޯޓު ތަރައްގީކުރުމަށް ބޭނުންވާ ބިންހިއްކުމުގެ އަމަލީ މަސައްކަތް ފެށުމަށް އެ ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވަނީ --- ފޮޓޯ: ރައީސް އޮފީސް

ހިނގަމުންމިދާ އަހަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ރާއްޖޭގެ ރަށްރަށަށް ދަތުރުކުރެއްވުމަށް ދައުލަތުގެ ބަޖެޓުން ހަރަދުކުރެއްވީ އެންމެ 773.24 ރުފިޔާކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހިއްސާކުރި މައުލޫމާތުގައި ބުނެފިއެވެ.

މައުލޫމާތު ހޯދާއި ލިބިގަތުމުގެ ގާނޫނުގެ ދަށުން ރައްޔިތުންގެ ނޫހުގެ ނޫސްވެރިޔަކު އެދުނީ ރައީސުލްޖުމްހޫރިއްޔާ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުން ފެށިގެން 2026 ވަނަ އަހަރުގެ މާރޗް މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއާއި ރާއްޖެއިން ބޭރަށް ކުރެއްވި ދަތުރުފުޅުތަކުގެ މައުލޫމާތާއި ހަރަދުތަކާއި، އެމަނިކުފާނުގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންގެ ތަފުސީލު ހިއްސާކުރުމަށެވެ.

އެގޮތުން ރައީސް އޮފީހުން ހިއްސާކުރި ތަފާސްހިސާބުތަކުން ހާމަކޮށްފައިވާ ގޮތުގައި މިއަހަރު ރައީސުލްޖުމްހޫރިއްޔާ ރާއްޖެތެރެއަށް ކުރައްވާފައިވަނީ އެންމެ ދަތުރެކެވެ. އެއީ މިއަހަރުގެ ޖަނަވަރީ މަހުގެ 29 ވަނަ ދުވަހު އެމަނިކުފާނު ނ. އަތޮޅަށް ކުރެއްވި ދަތުރުފުޅެވެ. އެމަނިކުފާނު ނ އަތޮޅަށް ވަޑައިގަތީ ވިހަފަރުގައި އެއަރޕޯޓު ތަރައްގީކުރުމަށް ބޭނުންވާ ބިންހިއްކުމުގެ އަމަލީ މަސައްކަތް ފެށުމަށް އެ ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުން ފެށިގެން 2026 ވަނަ އަހަރުގެ މާރޗް މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެތެރެއަށް ޖުމްލަ 33 ދަތުރުކުރައްވާފައެވެ. އެގޮތުން، ރައީސް އޮފީހުގެ ފަރާތުން ހިއްސާކުރި މައުލޫމާތަށް ބަލާއިރު ރައީސް މުޢިއްޒު ވަނީ ރާއްޖެތެރެއަށް ކުރެއްވި ދަތުރުފުޅުތަކުގައި ޖުމްލަ 14 މިލިއަނަށް ވުރެއް ގިނަ ރުފިޔާ ހަރަދުކޮށްފައެވެ. އެގޮތުން 2025 ވަނަ އަހަރު އެމަނިކުފާނު ޖުމްލަ 23 ދަތުރު ކުރެއްވިއިރު، 10 މިލިއަނެއްހާ ރުފިޔާ މި ދަތުރުތަކަށް ވަނީ ދައުލަތުން ހަރަދުކޮށްފައެވެ.

  • ރައީސުލްޖުމްހޫރިއްޔާ ރާއްޖޭގެ އެކި ރަށްރަށަށް ކުރެއްވި 9 ދަތުރުފުޅުގެ ހަރަދު 2024: 4،162،193.54 ރުފިޔާ

  • ރައީސުލްޖުމްހޫރިއްޔާ ރާއްޖޭގެ އެކި ރަށްރަށަށް ކުރެއްވި 23 ދަތުރުފުޅުގެ ހަރަދު 2025: 9،873،432.91 ރުފިޔާ

  • ރައީސުލްޖުމްހޫރިއްޔާ މިއަހަރު ނ އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ހަރަދު : 773.24 ރުފިޔާ

އެހެންކަމުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން 2026 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގެ ރަށްރަށަށް ކުރެއްވި 33 ދަތުރުފުޅަށް ވަނީ ޖުމްލަ 14،036،399.69 ރުފިޔާ ހަރަދުކުރައްވާފައެވެ.

 ރައީސް އޮފީހުން ހިއްސާކުރި ތަފާސްހިސާބުތަކުން ހާމަވާ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ އަތޮޅުތަކާއި ރާއްޖެއިން ބޭރަށް ޖުމްލަ 51 ދަތުރުފުޅުކުރައްވާފައެވެ. އެގޮތުން ރާއްޖެއިން ބޭރަށް ކުރެއްވި ދަތުރުފުޅުތަކަށް ޖުމްލަ 22 މިލިއަނަށް ވުރެެ ގިނަ ރުފިޔާ ހަރަދުކުރައްވާފައިވާއިރު، އަތޮޅުތަކަށް ކުރެއްވި ދަތުރުފުޅުތަކަށް 14 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ހަރަދުކުރައްވާފައެވެ. އެހެންކަމުން ރައީސް މުއިއްޒު އަތޮޅުތަކާއި ރާއްޖެއިން ބޭރަށް ކުރެއްވި ރަސްމީ ދަތުރުފުޅުތަކަށް ދައުލަތުގެ ބަޖެޓުން ކުރެވުނު ޚަރަދު 36 މިލިޔަނަށް ވުރެ މައްޗެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް