އަލިފާން ރޯވި ސަބަބެއް ނޭނގޭ، ތަޙްޤީޤު ދަނީ ކުރިއަށް: ފުލުހުން
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
އަލިފާން ނިވުމުގެ މަސައްކަތުގައި އެމްއެންޑީއެފްގެ ފަޔަރމަނުން މަސައްކަތް ކުރަނީ --- ފޮޓޯ: އެމްއެންޑީއެފް
ޕްރައިމް ފާޓިލައިޒާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް މައި ގުދަނުގައި ރޭ ހިނގި އަލިފާން ރޯވާން މެދުވެރިވި ސަބަބެއް މިހާތަނަށް ދެނެގަނެވިފައި ނުވާ ކަމަށާއި، އެހެން ނަމަވެސް ތަޙްޤީޤު ކުރިޔަށްދާ ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވެއްޖެއެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެ ގުދަނުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ، 2026 މާރިޗު 18 ވަނަ ދުވަހުގެ ރޭ 21:57 ހާއިރުގައި ކަމަށެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވީ، މި އަލިފާނުގެ ހާދިސާގައި، އަލިފާން ނިއްވުމުގައި ހަރަކާތްތެރިވި އެމް.އެން.ޑީ.އެފްގެ ސިފައިންގެ މީހަކަށް އަނިޔާވެގެން، ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފައިވާ ކަމަށެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވީ، އަލިފާން ރޯވި ގުދަނަކީ އެކި ބާވަތްތަކުގެ ގަސްކާނާއާއި، ޕެސްޓިސައިޑްސްއާއި، ދަނޑުވެރިކަމަށް ބޭނުންކުރާ ސާމާނުގެ އިތުރުން ޖަނަރޭޓަރެއްވެސް ހުރި ތަނެއް ކަމަށެވެ. މި ހާދިސާގެ ސަބަބުން ގުދަނަށާއި އެތަނުގައި ހުރި މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، އެ ސަރަހައްދުގައި ހުރި 13 ސައިކަލަކަށާއި، ޕިކަޕަކަށާއި، ކުންފުނީގެ ވޭނަކަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވާ ކަމުގައިވެސް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވީ، ސީން ޕްރޮސެސް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އަދި މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ފުލުހުން ޚާއްޞަ ތަޙްޤީޤެއް ފަށާފައިވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް