ރާއްޖެ

ލޯންޗު ހާދިސާގައި ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ހުއްޓަައެއް ނުލާ - އެމްއެންޑީއެފް

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ލޯންޗު ހާދިސާގައި ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ހުއްޓަައެއް ނުލާ - އެމްއެންޑީއެފް

ކަނޑަށް ގެއްލިފައިވާ އިންޑިއާގެ މަޝްހޫރު ސްޕޯޓްސް ކާރ ޑްރައިވަރު ހަރީ ސިންގ )ވ( އާއި އިންޑިއާ އަސްކަރިއްޔާގެ ކުރީގެ ނޭވީ ކެޕްޓަން މަހޭޝް ރަމްޗަންދަރް (ކ)---

މިމާރިޗު މަހުގެ 19 ވަނަ ދުވަހުގެ ރޭ، ވ. ފެލިދޫ ކައިރީގައި ހިނގި ހާދިސާއެއްގައި ލޯންޗަކުން ކަނޑަށްވެއްޓި ގެއްލުނު ދެމީހުން ހޯދުމުގެ މަސައްކަތް ހުއްޓާ ނުލާކަމުގައި އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

އެމީހުން ހޯދުމުގެ މަސައްކަތް ހުއްޓާނުލާކަމަށް އެމްއެންޑީއެފުން ބުނެފައި ވަނީ، ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ހުއްޓާލައިފިކަމަށް ރަސްމީ ފަރާތްތަކާއި ހަވާލާދީ އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓް ކުރަމުންދާތީ އެކަމާއި ގުޅޭ ގޮތުން ރައްޔިތުންގެ ނޫހުން ސުވާލު ކުރުމުންނެވެ. ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ހުއްޓާނުލާކަމަށް އެމްއެންޑީއެފުން ވިދާޅުވި ނަމަވެސް އެމަސައްކަތް މިހާރު ކުރަމުންދާ ގޮތުގެ ތަފްޞީލެއް އެމްއެންޑީއެފުން ނުދެއެވެ.

މިމާރިޗު މަހުގެ 19 ވަނަ ދުވަހުގެ ރޭ ހިނގި އެހާދިސާގައި ގެއްލިފައި ވަނީ، އިންޑިއާގެ ދެ ރައްޔިތުން ކަމުގައިވާ، އިންޑިއާގެ މަޝްހޫރު ސްޕޯޓްސް ކާރ ޑްރައިވަރު ހަރީ ސިންގ އާއި އިންޑިއާ އަސްކަރިއްޔާގެ ކުރީގެ ނޭވީ ކެޕްޓަން މަހޭޝް ރަމްޗަންދަރްއެވެ. އިންޑިއާގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ރާއްޖޭގެ ކަމާއި ބެހޭ ފަރާތްތަކުން ލަފާކޮށްފައި ވަނީ، އެމީހުންގެ ހަށިގަނޑުތައް ފަރުގެ ކޮންމެވެސް ހިސާބެއްގައި ތާށިވެފައި އޮވެދާނެ ކަމަށެވެ. އެދެމީހުން ކަނޑަށް ގެއްލުނުތާ 10 ދުވަސްވެފައި ވާއިރު، މިހާތަނަށް އެމީހުންނާއި ގުޅޭ އެއްވެސް ނިޝާނެއްވެސް ފެނިފައެއް ނުވެއެވެ.

މިހާދިސާ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ، ހުކުރު ވިލޭރޭ މެންދަމުން އަލިވެ 1:15 ހާއިރުގައެވެ. އެންމެ ފުރަތަމަ ހާދިސާ ރިޕޯޓު ކުރީ ލޯންޗު ބަންޑުން ޖަހާލީ ކަމަށެވެ. އެހެންނަމަވެސް ފަހުން ބެލެވުނު ގޮތުގައި ސްޕޯޓްސް ރޭސިން އެލޯންޗުގައި ތިބި 7 މީހުންގެ ތެރެއިން 5 މީހުން ކަނޑަށް ވިއްސައިގެން ދިޔައީ، ގަޑިޔަކު 72 މޭލު ބާރުމިނުގައި ދުއްވަމުންގޮސް ކުއްލިއަކަށް ކަހުވާލުމުން ނުވަތަ ބާންޏެއްގައި ޖެހުމުންނެވެ. އެހާދިސާގައި ކަނޑަށް ވެއްޓުނު 5 މީހުންގެ ތެރެއިން 3 މީހުން ސަލާމަތް ވި އިރު އޭގެ ތެރެއިން އެކެއްގެ އަތް ބުރިވިއެވެ.

މިހާދިސާ ހިނގި ލޯންޗަކީ، އިންޑިއާގެ ބިލިއަނަރު ގޯތަމް ސިންގހާނިއާގެ ލޯންޗެކެވެ. ހާދިސާ ހިނގި އިރު ލޯންޗު ދުއްވީވެސް އޭނާކަމަށް ބައެއް ފަރާތްތަކުން ބުނެފައި ވެއެވެ. ހާދިސާގައި ގޯތަމް ސިންގހާނިއާއަށްވެސް ކުދި ކުދި އަނިޔާތައްވި އިރު، ފަރުވާއަށް ކަމަށް ބުނެ، އޭނާ ވަނީ ހަމަ އެދުވަހު ރާއްޖެއިން ފުރައިގެން ގޮސްފައެވެ.

މިހާދިސާ އާއި ގުޅިގެން ހިންގާ ތަޙްޤީޤާއި ގުޅޭ ގޮތުން ފުލުހުން މިހާތަނަށް ތަފްޞީލް އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް