ސިއްރު ބައްދަލުވުމެއް ބާއްވައި ރައީސް ނަޝީދަށް އެމްޑީޕީގެ ޤައުމީ މަޖިލީހުން ގޮނޑިއެއް ދީފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ރައީސް ނަޝީދު އެމްޑީޕީގެ އިސްވެރިންނާއި އެކު ---
ލޯކަލް ކައުންސިލް އިންތިޚާބުގެ ކާމިޔާބީ ފާހަގަކުރުމަށް، ބޭއްވި ޖަލްސާއާ ގުޅުވައި އެމްޑީޕީގެ ތެރޭގައި އުފެއްދި މައްސަލަތައް ހައްލުކުރުމަށް އެޕާޓީގެ ޤައުމީ މަޖިލީހުގެ ސިއްރު ބައްދަލުވުމެއް ބާއްވައި، ޤައުމީ މަޖިލީހުން ރައީސް ނަޝީދަށް، ގޮނޑިއެއް ދީފިއެވެ.
ރައީސް ނަޝީދަށް ކުރީގެ ރައީސްގެ ހައިސިއްޔަތުން ޤައުމީ މަޖިލީހުގެ ގޮނޑިއެއް ދިނުމަށް ނިންމާފައި ވަނީ، އެމްޑީޕީން ރޭ ބޭއްވި ޤައުމީ މަޖިލީހުގެ ސިއްރު ބައްދަލުވުމުގައި ޤައުމީ މަޖިލީހުގެ 62 މެމްބަރުންގެ ވޯޓާއި އެކުގައެވެ.
ރައީސް ނަޝީދަށް ޤައުމީ މަޖިލީހުގެ މެމްބަރުކަން ދިނުމަށް ނިންމީ، 2023ގެ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ނާކާމިޔާބީއާ ކުރިމަތިވުމުން، އެމަނިކުފާނުގެ އަރިސް ބޭފުޅުން އުފެއްދެވި ދަ ޑިމޮކްރެޓްސްއާ ގުޅިވަޑައިގަތުމަށްފަހު، އެޕާޓީއަށް ކުރިމަތިވި ސިޔާސީ ނާކާމިޔާބީތަކަށް ފަހުގައި އަލުން އެނބުރި އެމްޑީޕީއަށް ވަޑައިގެންނެވުމަށްފަހު ޕާޓީގެ ލީޑަރޝިޕަށް އަލުން ވަޑައިގެންނެވުމަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި ގުޅިގެންނެވެ.
ރައީސް ނަޝީދަށް ޚާއްޞަކޮށްގެން އެމްޑީޕީގެ ޤައުމީ މަޖިލީހުގައި ގޮނޑިއެއް އިތުރު ކުރިއިރު، އެކަމަކީ އެމްޑީޕީގެ އަސާސީ ޤަވާއިދުގައި އޮތް ކަމެއް ނޫނެވެ. އެހެންވެ ޤައުމީ މަޖިލީހުން ގެނައި އެއިސްލާޙް ދެމި އޮންނާނީ، ޕާޓީގެ ކޮންގްރެސްއަށް ހުށައަޅައި ފާސްކޮށް އަސާސީ ޤަވާއިދު އިސްލާޙްކޮށްގެންނެވެ. އެމްޑީޕީން އެެޕާޓީގެ ކޮންގްރެސް އެންމެ ފަހުން ބާއްވާފައި ވަނީ 2022 ވަނަ އަހަރުގައެވެ. ކޮންމެ 5 އަހަރަކުން އެއްފަހަރު އެމްޑީޕީގެ ކޮންގްރެސް ބާއްވާއިރު ދެން އެޕާޓީގެ ކޮންގްރެސް ބޭއްވުން ލާޒިމްވާނީ 2027 ވަނަ އަހަރުގައެވެ.
ރައީސް ނަޝީދަށް އެމްޑީޕީގެ ޤައުމީ މަޖިލީހުން ގޮނޑިއެއްދޭން ނިންމި ނިންމުމާއި އެކުގައި، ކުރިޔަށް އޮތް ޤައުމީ މަޖިލީހުގެ ބައްދަލުވުމުގައި ރައީސް ނަޝީދަށް ބައިވެރިވެވަޑައިގެންނެވޭނެއެވެ. އެމްޑީޕީން ދެން އެންމެ އަވަހަށް ބާއްވާ ކޮންގްރެސްއެއްގައި، ޤައުމީ މަޖިލީހުން ރައީސް ނަޝީދަށް ގޮނޑިއެއް ދިނުމަށް ނިންމި ނިންމުމާއި އެއްގޮތަށް އަސާސީ ޤަވާއިދު އިސްލާޙްކުރަން ނުފެންނަކަމަށް ފާސްނުކޮށްފި ނަމަ ރައީސް ނަޝީދަށް ޤައުމީ މަޖިލީހުގެ ގޮނޑި ގެއްލޭނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް