ގޯތި ލިބުނު އިންނަމާދޫ ރައްޔިތުންނަށް 8 އަހަރު ވީއިރުވެސް، ކަރަންޓްގެ ޚިދުމަތް ނުލިބިފައި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ރ. އިންނަމާދޫ --
އިންނަމާދޫގައި އަލަށް އާބާދުވާ ސަރަޙައްދަށް ކަރަންޓުގެ ޚިދުމަތް ނުލިބި ލަސްވަމުން ދާތީ އެރަށުގެ އެތައް ބަޔަކު ކަންބޮޑުވުން ފާޅުކުރާތާ އެތައް އަހަރެއްވީ އިރުވެސް ކަމާއި ގުޅުން ހުރި ފަރާތްތަކުން އެކަމުގައި އެންމެ އެދެވޭ މަސައްކަތެއް ނުކުރާކަމަށް އެޚިދުމަތުން މަހްރޫމްވެފައިވާ ފަރާތްތަކުން ބުނެއެވެ.
އިންނަމާދޫގެ ދެ ސަރަޙައްދަކަށް އިތުރުކުރަން ޖެހޭ ދެ ފީޑަރެއްގެ ނެޓްވޯކް އެޅުން ނުފެށި ލަސްވަމުން ދާތީ ގިނަ ރައްޔިތުންތަކެއް ވަނީ ވަރަށް ބޮޑު ނުތަނަވަސްކަމެއްގެ ތެރޭގައެވެ. ޚާއްސަކޮށް ރަށުގެ އިރުމަތީކޮޅުން ގާތްގަނޑަކަށް 60 ގެވަޅަށް ކަރަންޓުގެ ޚިދުމަތް ލިބޭނެ ގޮތެއް ނެތްއިރު އެ ސަރަޙައްދާއި އެންމެ ކައިރިން ކަރަންޓު ނެގެން އޮތް ފީޑަރ އަކީ ވޯލްޓޭޖް ޑްރޮޕްވާ ފީޑަރެއް ކަމަށް ވަރަށް އިތުބާރުހުރި ފަރާތަކުން ރައްޔިތުންގެ ނޫހަށް މައުލޫމާތުދިނެވެ. ޚާއްސަކޮށް ޕީކް ގަޑީގައި މި މައްސަލަ އިތުރަށް ބޮޑު ކަމަށް ފާހަގަ ކުރެވޭ ކަމަށްވެސް މައުލޫމާތު ދިން ފަރާތުން ބުނެފައި ވެއެވެ.
"ކިހިނެއް ގެވަޅުގައި ކަމެއް ކުރާނީ؟ކަރަންޓު އެޅޭނެ ދުވަހެއް ނޭނގެ.އެންމެ ކައިރިން ކަރަންޓް ނެގެން އިން ޑީބީއިން ވެސް ގެވަޅަށް 300 ފޫޓަށް ވުރެއް ދިގު ކޭބަލެއް އަޅަންޖެހޭ. ގެވަޅުގައި ރާސްއަޅާފައި މަސައްކަތް ނުކުރެވުނަސް،ކަމެއް ކުރެވޭނީ ވެސް ކަރަންޓް ކޮޅެއް ލިބިގެން." އެސަރަޙައްދުން ގެވަޅު ލިބުނުތާ 8 އަހަރުވެފައިވާ ފަރާތަކުން ބުންޏެވެ.
އިންނަމާދޫ ފެނަކަ ބުރާންޗުން ރަސްމީކޮށް މަޢުލޫމާތު ލިބިފައި ނުވި ނަމަވެސް، ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް ފެނަކަ އިންނަމާދޫ ބުރާންޗުން މަޢުލޫމާތު ދިން ފަރާތަކުން ހާމަކުރި ގޮތުގައި ކޭބަލް ނެޓްވޯކްގެ އަޕްގުރޭޑިންގް މަސައްކަތުގެ ސަރވޭކޮށް ނިންމައި، އެކަމަށް ބުރާންޗް ލެވެލްގައި ކުރަންޖެހޭ ހުރިހާ ކަމެއް ފުރިހަމަކޮށް، އެކަމާއި ގުޅޭ ހުރިހާ މަޢުލޫމާތެއް މީގެ ދޮޅުއަހަރެއްހާ ދުވަސް ކުރިން ފެނަކަ ހެޑް އޮފީހަށް ވާނީ ފޮނުވާފައެވެ.
އިންނަމާދޫގައި ގޯތި ދޫކޮށްފައިވާ އެސަރަޙައްދުގައި މިހާރުވެސް ބައެއް ގެވަޅުތަކުގައި މަސައްކަތް ކުރިއަށްދާއިރު އެފަރާތްތަކުން ކަރަންޓު ބޭނުން ކުރަމުންދަނީ މީހުން ދިރިއުޅޭ ގެތަކުން ކަރަންޓު ވާގަނޑެއް އަޅައިގެން ވަރަށް ދަތި ގޮތަކަށެވެ. ގެވަޅުތަކުގެ ވެރިން މިކަމުގައި އެކި ފަހަރު މަތިން ކަރަންޓުގެ ޚިދުމަތްދޭ ފެނަކަ އާއި ރަށު ކައުންސިލާއި ވެސް ވާހަކަ ދައްކާފައިވީ ނަމަވެސް މިކަމަށް އަދިވެސް ހައްލެއް ލިބޭނޭ ކަމުގެ އިޝާރާތެއް ލިބިފައެއް ނުވެއެވެ.
މީގެ ކުރިން މިކަމުގެ ކަންބޮޑުވުން ފާޅުކޮށް ރަށުގެ ބައެއް ފަރާތްތަކުން އިހުތިޖާޖުކޮށްފައި ވީނަމަވެސް މައްސަލައަށް އެއްވެސް ހައްލެއް ލިބިފައެއް ނުވެއެވެ. ބައެއް ފަރާތްތަކުން ސޯޝަލް މީޑިޔާގައި ފެނަކަ ޓެގްކޮށް ކަންބޮޑުވުން ފާޅުކުރުމުން އެފަރާތްތަކުގެ އައިޑީތައް ފެނަކައިގެ ޕޭޖްތަކުން ވަނީ ބްލޮކްކޮށްފައެވެ.
އިންނަމާދޫ ކައުންސިލް ރައީސް ޢިބްރާޙިމް ޙަލީމް ވިދާޅުވީ، މިކަމުގައި ފެނަކައާއި މުޢާމަލާތްތަކެއް ކުރެވިފައިވާ ކަމަށާއި ފެނަކައިން ލިބުނު ޖަވާބަކީ، ކޭބަލް ނެޓްވޯކްގެ ކަންތަކުގައި ކަމާއިގުޅުންހުރި ފަރާތްތަކާއި ވާހަކަދެކެވެމުންދާކަމުގައި ކަމަށެވެ. އެހެން ނަމަވެސް ފެނަކައިން އެވިދާޅުވާ ކަމާއި ގުޅުންހުރި ފަރާތްތަކަކީ ކޮބައިކަމާމެދު ސުވާލު އުފެދޭ ކަމަށް ކައުުންސިލްގެ ރައީސް ވިދާޅުވިއެވެ.
އިންނަމާދޫ ކައުންސިލްގެ ނިމިދިޔަ ދައުރުގައި ކައުންސިލުން މިކަމުގެ ކަންބޮޑުވުން ފެނަކަ އަދި މިނިސްޓްރީއަށް އެތައް ފަހަރަކު ހިއްސާކޮއްފައިވާނެ ކަމުގައި ނިމުނު ދައުރުގެ އިންނަމާދޫ ކައުންސިލްގެ ރައީސް ޢަޙްމަދު އަޒްމީން ވިދާޅުވިއެވެ.
މީގެ އިތުރުން ދާއިރާގެ މަޖިލިސް މެމްބަރާއި ރައީސް މުޢިއްޒުއަށް ވެސް މިކަމުގެ ކަންބޮޑުވުން ކައުންްސިލުގެ ފަރާތުން ހިއްސާކޮށްފައިވާނެ ކަމަށް ރައްޔިތުންގެ ނޫހަށް މައުލޫމާތު ދިން ފަރާތުން ވަނީ ބުނެފައެވެ.
ރައްޔިތުންނާއި ސީދާ ގުޅުންހުރި މިފަދަ އަސާސީ މުހިއްމު ޚިދުމަތެއް ނުލިބި މިހާ ގިނަ ދުވަސްވުމަކީ އާއްމު ރައްޔިތު މީހާއަށް އޭގެ ގެއްލުން ނުހަނު ބޮޑުވާނެ ކަމެކެވެ. މިފަދަ ކަންކަން ލަސްވުމުގެ ސަބަބުން މުޖުތަމަޢުގައި ބޭކާރު މައްސަލަތައް އުފެދި، ސިޔާސީ ބައެއް އިސް ފަރާތްތަކާއި، މިފަދަ ވާހަކަ ދައްކާ ދޭދޭ ފަރުދުންނާއި މޫނުކެނޑޭ ހިސާބަށް ކަންތައް ވަނީ ގޯސްވެފައެވެ.
މިޚިދުމަތް އެތައް ބަޔަކަށް ނުލިބި މިހާ ގިނަ ދުވަސްތަކެއް ފާއިތުވެގެން ދިއުމީ އިންތިޚާބީ މަޤާމްތަކުގައި ތިއްބެވި ބައެއް ބޭބޭފުޅުންނަށް ރައްޔިތުންގެ ވޭނާއި ކެކުޅުން ނޭނގޭކަމުގެ އަލިގަދަ ހެއްކެއް ކަމުގައި ރައްޔިތުން ޤަބޫލުކުރެއެވެ.
އިންނަމާދޫ އަކީ އިނގުރައިދޫ ދާއިރާގައި ހިމެނޭ، އާބާދީގައި ހާހެއްހާ މީހުން ދިރިއުޅޭ ރަށެކެވެ.
ރިޕޯޓް ލިޔުނީ: ޙަސަން ސާތިޢު - ރަށު ރިޕޯޓަރ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް