ވަޒީފާއެއްގެ ވާގަނޑުން ގިނަ ދިވެހީންގެ މިނިވަންކަން ބަނދެލާފައި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ދިވެހިރާއްޖެއާ ދިވެހިންނަށް މި ވަމުން އަންނަ ގޮތާއިމެދު މިސާލެއް ދަންނަވާނަމަ އެންމެ ރަނގަޅު މިސާލަކީ، އިނގިރޭސި ބަހުގައި ކިޔާ ހޫނުފެން އެއްޗެއްގެ ތެރެޔަށް ވެއްޓުނު ބޮކެއްގެ މިސާލެވެ. ހަށިގަނޑުގައި ހަކަތަ ހުރެ އުނދުންމަތީގައި ހުރި ފެންގަނޑުން ފުންމާނުލައި އެސޮރު އޮތީ، ފުންމާލުމަށް ކުރަންޖެހޭ މަސައްކަތަށް ވުރެ، ފެން އެތި ހޫނުވަމުން އަންނަ ވަރަށް ހަށިގަނޑުގެ ފިނިހޫނުމިނަށް ބަދަލު ގެނައުން ފަސޭހަ ކަމަށް ދެކިގެންނެވެ. އެހެންމެ ފަހުން ފެން އެތި ބޮކިޖަހައި ކެކިގަތް އިރު، އެހޫނަށް ކެތްކުރާނެ ވަރެއް އަދި ފެން އެތިން ބޭރަށް ފުންމާލާނެ ހަކަތައެއްވެސް ހަށިގަނޑުގައި ނެތި ބޮއް މަރުވީއެވެ.
މި މިސާލާއި ދިވެހިންގެ ހާލަތު މިއަދު ވަރަށް ގުޅެއެވެ. ޑިމޮކްރަސީ އާއެކު ދިވެހިރާއްޖެއަށް އައި މުހިއްމު އޮއެވަރަކީ، ސިޔާސީ މީހުންގެ ސިޔާސީ ކަރުހިއްކުން ފިލުވުމަށްޓަކައި، ރައްޔިތުންްގެ މިނިވަންކަން ވަޒީފާގެ ވާތަކަކުން ބަނދެ ޤައުމުގެ ވަޞީލަތްތަކާއި ތަނަވަސްކަން ކައި ހުސްކުރުމެވެ. ކުރިން އެކަން ކުރީ ސިއްރިޔާތުގައެވެ. އެހެން ނަމަވެސް މިހާރު ފާޅުގައި އެކަން ކުރާކަށް ސިޔާސީ މީހުންނަށާއި ވެރީންނަށް ދައްޗެއް ނޫނެވެ. ވަޒީފާތަކުގެ ވާތަކެއްގައި ރައްޔިތުން ބަނދެ އެމީހުންނަށް ގޯހަކީ ގޯހެކޭ ބުނަން ނުކެރޭވަރަށް އެތިބީ ނިކަމެތިކޮށްލާފައެވެ.
އަމިއްލަ ދިރިއުޅުމުގެ ދަތިތަކާއި އަމިއްލަ ޙައްޤުތަކާއި މެދުވެސް ބައެއް މީހުންނަށް މިއަދު ވާހަކަ ދައްކާކަށް ނުކެރެއެވެ. އެއްޗެއް ބުނާކަށް ނުކެރެއެވެ. އެކަމެއް ނުފުދުނަސް އެޙައްޤެއް ނުލިބުނަސް "ހައްޕު"ކިޔައިގެން ޖެހެނީ ހުންނާށެވެ. އެއްޗެއް ބުނެފިނަމަ، ތިމާގެ ވިޔަފާރިއަށް ތިމާގެ ވަޒީފާއަށް ނުވަތަ ތިމާގެ އަނބިދަރީންގެ ވަޒީފާއަށް އަސަރެއްކޮށްފާނެތީއެވެ.
ނިކަމެތި ހާލުގައި އުޅޭ އަންހެނަކު، ދައުލަތުން އޭނާއަށް އެހީއެއް ނުލިބުނު ވާހަކަ ސޯޝަލްމީޑިއާގައި ބުނީމާ، އޭގެ ރައްދުގައި "ފުރޯ" ހިފައިގެން ނުކުތީ އެކަން ނިސްބަތްވާ ވުޒާރާގެ ވަޒީރެވެ. "ރަށްމެދަށް ނެރެ ބަރަހަނާކޮށްލީ" ޝަކުވާ ކުރި މީހާއެވެ. ކަންދިމާކުރި ގޮތުން އެވަޒީރަކީ، ޤައުމަށް އެންމެ ރިވެތި އެންމެ މާތް ނަމޫނާ ދައްކަން ހުންނަަވަންޖެހޭ ވަޒީރެވެ. އެކަމަކު އާއްމު ރައްޔިތަކު ޝަކުވާއެއް ކުރީމާ، ދެން އެހެން މީހަކަށް އެފަދަ ޝަކުވާއެއް ކުރަން ނުކެރޭނޭ ވަރަށް ބިރުދައްކާލަން ވަޒީރު ނެންގެވި "ފުރޮޔަކީ" ޤާނޫނުތަކާއި އާއްމު މަސްލަޙަތާއިވެސް ޚިލާފަށް އާއްމު ދިވެއްސެއްގެ ޒާތީ މައުލޫމާތުތައް ރަށްމެދުގައި އިއުލާނުކޮށް ތަކޮށްކޮށްލުމެވެ.
އެހެން ހާދިސާއެެކެވެ. މީހަކު ދިރިއުޅޭ އެޕާޓްމަންޓާއި ޖެހިގެން ހުރި އެޕާޓްމެންޓެއްގައި ކޮންމެ ރެޔަކު ލަވަކިޔައި ނަށަނީއެވެ. އަޑުގަދަކޮށް ހަޅޭފަޅޭ ލަވަނީއެވެ. އުނދަގޫވާ މިހާއަށް އެޝަކުވާކުރާކަށް ނުކެރުނެވެ. އެއީ އޭނާ ވަޒީފާ އަދާކުރާ ސަރުކާރު ކުންފުނީގެ އިސްވެރިއެއްގެ އާއިލާ މީހަކު ދިރިއުޅޭ އެޕާޓްމަންޓަކަށް ވާތީއެވެ. އެހެންވީމާ، ވަޒީފާއަށްޓަކައި އޭނާވެސް ޖެހުނީ އެކަން ތަޙައްމަލުކޮށްލައިގެން ހުންނާށެވެ.
ސިޔާސީ ގޮތުން ވަޒީފާގެ ބިރު ދެއްކުމަކީ، ޑިމޮކްރަސީއަކަށް ރާއްޖެ އަލިވިލުމުގެ މާކުރިންވެސް އޮތް ކަމެކެވެ. އެކަމަކު އޭރު ލިބުނު އުއްމީދަކީ ޑިމޮކްރަސީގައި، ވަޒީފާގެ ބިރު ނެތިގެންދާނެ ކަމަށެވެ. ބިރުފަހަނައަޅައި ގޮސް ގުލްޒާރުގައި ނޫރާނީ މާތައް ފޮޅޭނެ ކަމަށެވެ. އެހެން ނަމަވެސް ކަންވީ ދިމާ އިދިކޮޅަށެވެ. ސިޔާސީ ކޮންމެ ބަޔަކުވެސް ވަޒީފާ ހެދީ ރައްޔިތުންގެ މިނިވަންކަން ބަނދެ ރައްޔިތުން މައިތިރިކުރާ ހަތިޔާރަކަށެވެ.
"މި މީހުން އަޅުގަނޑު މުޅިން ހަލާކުކޮށްލައިފި" މިއީ ދައުލަތުގެ މުހިއްމު މަޤާމެއްގައި ހުންނެވި ބޭފުޅަކު ވިދާޅުވި ވާހަކަފުޅެކެވެ. އެކަމަކު އޭނާއަށް ވެސް އޮތީ ވަޒީފާގެ މަޖުބޫރެވެ. ވަޒީފާ ގެއްލިއްޖިއްޔާ އާއިލާ ބިކަވީއެވެ. ދަރިންގެ ކިޔެވުމާއި މުސްތަޤުބަލު ބަނަވީއެވެ. އެކަމަކު މިދާމަގުން ޤައުމުދާނަމަ އޭނާއަށްވެސް ވާނީ ހަމަ ބޮކަށްވެސް ވީވަރެވެ. ދައުލަތް ބަނގުރޫޓުވެ އާޚިރުގައި ހުރިހާ ރައްޔިތުންނާއި އެކު އޭނާ އުފުލަންޖެހޭ ގެއްލުންވެސް ބޮޑުވާނެއެވެ.
"ވަރަށް ގޯސް. ހަމަ ވަރަށް ގޯސް." ދިވެހިރާއްޖޭގެ ކުރިމަގާއި ގުޅޭ ގޮތުން ސުވާލުކޮށްލީމާ މަޖިލިސް މެމްބަރަކުވެސް ވިދާޅުވީ އެހެންނެވެ. އެކަމަކު ކެމެރާގެ ކުރިމަތީގައި ނުވަތަ ފާޅުގައި އެވާހަކަ ވިދާޅުވާކަށް އޭނާއަކަށްވެސް ކެރިވަޑައެއް ނުގަތެވެ.
"ވަޒީފާއެއް މިދެނީ މީހާއަށް ކިރިޔާ ކޮޅަށް ހުރެވޭ ވަރުގެ މުސާރައެއްގަ. އެހެންވީމާ ދެން މުހިއްމުވާނީ ވަޒީފާ" އެޗްޑީސީގެ އާދައިގެ ވަޒީފާއެއްގައި އުޅޭ މީހަކު ބުންޏެވެ. އޭނާއަކީވެސް އެވަޒީފާއިން ލިބޭ އާމްދަނީގެ އިތުރަށް އަމިއްލަ މަސައްކަތްކޮށްގެން ނޫނީ އާއިލާގެ ޚަރަދުތައް ނުބެލެހެއްޓޭ މީހެކެވެ. ވީމާ އޭނާވެސް ބުނާ ގޮތުގައި ޤައުމާއި މެދު ޤައުމުގެ ކަންކަމާއި މެދު ވިސްނާކަން އޭނާއަށް ވަގުތެއް ނެތެވެ.
ބޭކާރު ޚަރަދާއި އިސްރާފުތަކުގެ ސަބަބުން ދައުލަތް ދަރަނިވެރިވެ އަސާސީ ޚިދުމަތްތަކަށްވެސް ބުރޫ އަރާ ހިސާބަށް ހިނގައްޖެއެވެ. ގޭހާއި ބޭސް ނުލިބި ރައްޔިތުން ހާސްވާން ޖެހިއްޖެއެވެ. އެހެން ނަމަވެސް ސަރުކާރުން މަސައްކަތް ކުރަނީ، ސިޔާސީ ވަޒީފާތަކާއި ކުންފުނިތަކުން މީހުންނަށް ވަޒީފާދީގެން އަސްލު މައްސަލަ ފޮރުވައި، ރައްޔިތުން ހިމޭން ކުރުވުމަށެވެ. މާދަމާއަށް އޮތް ގެއްލުން ފޮރުވުމަށެވެ.
"ދެތިން ކުއްޖަކު ފިޔަވައި ހުރިހާ ކުދިން އެތިބީ މިހާރު ފެނަކަޔާއި ތަންތަނުން ވަޒީފާ ދީފައި. ދެން އެހެންވީމާ ކައުންސިލްތައް ދޭނެތާ." ތ. އަތޮޅުގެ ރަށެއްގެ ދުވަސްވީ މީހަކު ބުންޏެވެ.
ސަރުކާރުން ބަހާ ސިޔާސީ ވަޒީފާތަކާއި ބޭކާރު ގޮތުގައި އުފައްދާ ވަޒީފާތަކުން މަންފާއެއް ލިބޭ ކަމުގައި ބައެއް މީހުންނަށް ހީވެއެވެ. އެކަމަކު އެމީހުންނަށް ނޭނގޭ ކަމަކީ، ސަރުކާރުގެ ވަޒީފާތަކާއި ކުންފުނިތަކުގެ ވަޒީފާތަކުން މީހުން މަދު ކުރަން މާލީ އިދާރާތަކުން ލަފާދެނީ، ޤައުމުގެ އުފެއްދުންތެރިކަން ދަށްވެ ޤައުމަށް ލިބޭ އާމުދަނީ ދަށްވާތީ ކަމެވެ. ޤައުމަށް ލިބޭ އާމުދަނީ ދަށްވާނަމަ ސަރުކާރުގެ ޚަރަދުތައްވެސް ކުޑަކުރަންޖެހޭނެތީއެވެ.
ސަރުކާރުގެ ސިޔާސީ މަޤާމުތަކުގެ އަދަދު ސަރުކާރަށްވެސް އެނގޭ ކަމަކަށް ނުވެއެވެ. ކޮންމެ އިންތިޚާބަކަށް ވަޒީފާތަކާއި، މަޝްރޫޢުތަކާއި ފައިސާތައް ބަހާއިރު، ލިބޭ މަންފާއަށް ވުރެ ގެއްލޭ ޙައްޤުތަކާއި މިނިވަންކަމަކީ ކިހައި ބޮޑު އެއްޗެއްކަން ރައްޔިތުންނަށް ނުވިސްނޭނަމަ، ދެން އުފުލަން އޮތް ދަތިކަން އަދި މާބޮޑުވާނެއެވެ.
އެންމެންނަށްވެސް ގޯސްތައް ފެނެއެވެ. ކުރިމަގު ބަނަވަމުން އަންނަތަން ފެނެއެވެ. ސިޔާސީ މީހުން އެމީހުން ޒާތީ މަންފާއަށް މިޤައުމު ހަލާކުކޮށް ސުންނާފަތި ކުރަމުން އަންނަ މަންޒަރު ފެނެއެވެ. އެކަމަކު ވަޒީފާ ގެއްލިދާނެ ކަމުގެ ބިރަށް، ގޯހަކީ ގޯސް ކަމުގައިވެސް ބުނާނޭ ހިއްވަރެއް މިއަދު ގިނަ މީހުންގެ ކިބަޔަކު ނެތެވެ. އާއްމު އާދައިގެ ރައްޔިތަކަށް އެއްޗެއް ބުނަން ކެރޭނީ ކިހިނެއްތޯއެވެ. އެންމެ މަތީ ކޯޓުގެ ފަނޑިޔާރުންނާއި، މަޖިލީހުގެ މެމްބަރުންވެސް އެތިބީ ސަރުކާރުގެ މުށުތެރޭގައި ފިތިބާރުވެ ވެފައެވެ. ކޮޅަކަށް އެނބުރިލިޔަސް ދުވަސް ދުއްވައިލާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް